02 Aug 2014, 22:55
ބިލެއްދޫ ޔޫތު ޖެނެރޭޝަން އިން ކޮންމެ އަހަރެއްގެ ފިތުރުއީދާއި ދިމާކޮށް ބޭއްވި އަލްމުދިޝް ބީވައިޖީ ތިން ވަނަ ފުޓްސަލްކަޕް ޕެނަލްޓީ ޖަހައިގެން ބޭޑް ސިޓީއިން ކާމިޔާބު ކޮށްފި އެވެ.
މުބާރާތުގެ ފައިނަލްގައި ދަރަނބޫދޫ ބޭޑް ސިޓީއާއި ބިލެއްދޫ ރިޔޫނިއަން ބައްދަލުކުރި ފޯރިގަދަ މެޗް ނިމިފައިވަނީ 03 -03ގެ ނަތީޖާއިން މެޗް އެއްވަރުވުމުން ނެވެ. މެޗުގެ ފުރަތަމަ ތިން ލަނޑުވެސް ޖަހާ ރިޔޫން ކުރިހޯދާފައި ވަނިކޮށް، ބޭޑް ސިޓީން ނަތީޖާ ހަމަހަމަ ކުރީ ފަހު ފަސްމިނެޓުގައި ޖެހި ތިންލަނޑުންނެވެ. އެހެން ކަމުން ޕެނަލްޓީ ސޫޓްގައި ރީޔޫނިއަންގެ މައްޗަށް ބޭޑް ސިޓީ ކުރި ހޯދީ 4-3 ލަނޑުންނެވެ.
މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އިސް އޮފިޝަލަކު ވިދާޅުވީ، ފައިނަލުގައި ބައްދަލުކުރި ދެ ޓީމަކީވެސް މުބާރާތުގައި އަލަށް ބައިވެރިވި ދެޓީމް ކަމުގައި ވީނަމަވެސް ދެ ޓީމްވެސް ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި، ވާދަވެރި ޓީމްތައް ސިއްސުވާލާފައި ކަމަށެވެ. އަދި ޗެމްޕިއަން ޓީމަށް 10000ރ. ލިބުނު ކަމަށް އޭނަ ވިދާޅުވިއެވެ.
މުބާރާތުގައި ބޭޑް ސިޓީ ފައިނަލަށް ދަތުރުކޮށްފައިވަނީ، ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަން ނިލަންދޫ އެސްޖީސީ ޓީމްގެ މައްޗަށް ސެމީ ފައިނަލްގައި ކުރި ހޯދައިގެންނެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ހިންގުނު މި މުބާރާތުގައި ޖުމްލަ 08 ޓީމް ބައިވެރި ވެފައިވެއެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ފެމެލީ ރެކްރިއޭޝަން ކުލަބް ހޮވިފައިވާއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންމެ ގިނަ ގޯލް ޖެހި ރީޔޫނިއަންގެ މުހައްމަދު މުޖުތަބާއެވެ.އޭނާ ވަނީ މުބާރާތުގައި އަށް ގޯލް ކާމިޔާބު ކޮށްފައެވެ.
މިމުބާރާތް ކުރިއަށްދިޔައިރު ފަލަސްތީނުގެ ރައްޔިތުންނަށްއެހީތެރިވުމުގެ ގޮތުން ފަންޑް ފޮއްޓެއް ބެހެއްޓުނު ކަމަށާއި އެ ފޮޓަށް ލިބުނު ފައިސާ ގައްޒާ ފައްޑަށް ފޯރު ކޮށްދޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
