ރަމަޟާން މަހާ ދިމާކޮށް ރެއިންބޯ އެންޓާޕްރައިސެސް އިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ "ރެއިންބޯ ރޯދަ ޕްރޮމޯޝަން 2014" ގެ ނަސީބުވެރިން މިރޭ ހޮވައިފި އެވެ.

ރެއިންބޯ ބިލްޑްވެއާ ފިހާރައިގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕްރޮމޯޝަންގެ އެއްވަނަ އިނާމުގެ ނަސީބުވެރިޔާ ހޮވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަފީގު އެވެ. ދެވަނަ އިނާމު ހާސިލްކުރި ނަސީބުވެރިޔާ ހޮވައިދެއްވީ ރެއިންބޯގެ ޑިރެކްޓަރު މާޒިން އިބްރާހީމް ރަފީގު އެވެ. އަދި ތިން ވަނަ އިނާމްގެ ނަސީބުވެރިޔާ ހޮވައިދެއްވީ ރެއިންބޯގެ ޚާއްސަ ކަސްޓަމަރެކެވެ.

ޕްރޮމޯޝަންގެ އެއްވަނަ އިނާމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ބަދިގެ ސެޓް ހާސިލްކޮށްފައި ވަނީ ގދ. ތިނަދޫ ރެޑްސީ، މުސްތަފާ ހަސަން އެވެ. ދެވަނަ އިނާމެއްގެ ގޮތުގައި ދެމީހަކަށް ބެންކޮކް ދެކޮޅު ޓިކެޓް ހަމަޖައްސާފައިވާ އިރު އެ އިނާމު ހާސިލްކޮށްފައި ވަނީ މ.ބީޗްހެވަން، މުހައްމަދު ސަލީމެވެ. އަދި ތިންވަން އިނާމެއްގެ ގޮތުގައި ރެއިންބޯ އިން ރެޑް އެޕަލް ބްރޭންޑްގެ ސޯފާ ސެޓެއް ހަދިޔާ ކުރާއިރު އެ އިނާމު ހާސިލްކޮށްފައިވާ ނަސީބުވެރިއަކީ ގ. ސިނަމާލެ، އައިޝަތު އިލްމީނާ ރަޝީދު އެވެ.

ނަސީބުވެރިން ހޮވައި ދެއްވުމަށް ފަހު ރެއިންބޯގެ މެނޭޖިން ޑިރެކްޓަރު "ސަން" އަށް ވިދާޅުވީ، ރެއިންބޯ އިން ކޮންމެ އަހަރަކު ވެސް ޚާއްސަ ދެ ޕްރޮމޯޝަނެއް ކުރިޔަށް ގެންދާނެ ކަމަށާއި އެގޮތުން އަންނަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ހާއްސަ ޕްރޮމޯޝަނެއް ބާއްވާނެ ކަމަށެވެ.

"އެފަދަ ޕްރޮމޯޝަން ތަކަށް ކަސްޓަމަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބެމުންދޭ. ރެއިންބޯއިން ފެންވަރު ރަނގަޅު މުދާ ހެޔޮ އަގުގައި ވިއްކަމުންދާ އިރު ޕްރޮމޯޝަން ތަކުގައި ހުށައަޅާ އިނާމުތަށް ވެސް ކުރިޔަށް އޮތް ތަނުގައި ވަރުގަދަ ކުރާނަން،" ރެއިންބޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

ރެއިންބޯ ރޯދަ ޕްރޮމޯޝަން ކުރިޔަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.