02 Aug 2014, 20:47
އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސް އާއި ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ޓީމްގެ ފައިނަލް ސްކޮޑް މިހަފްތާ ތެރޭގައި ފައިނަލް ކުރެވޭނެ ކަމަށް އެފްއޭއެމްއިން ބުނެފި އެވެ.
ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ އެސިސްޓެންޓް ކޯޗް އަދި ވިމަންސް ފުޓް ބޯލް ޑިޕާޓްމެންޓް ހެޑް މާޔަން މުހައްމަދު ވިދާޅުވީ، ފައިނަލް ސްކޮޑް މިހަފްތާ ތެރޭގައި ފައިނަލް ކުރެވޭނެ ކަމަށާއި ސްކޮޑް ފައިނަލް ނުވެ ލަސްވަނީ ލ. އަތޮޅުން އަންނަ ދެ ތިން ކުޅުންތެރިއަކު ޓީމްގެ ފަރިތަކުންތަކުގައި ބައިވެރިވެފައި ނުވުމުން ކަމަށެވެ.
އެ ދެ މުބާރާތުގައި ވެސް ވާދަކުރުމަށް ޓަކައި ގައިމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައި ވަނީ ހުސްވި މަހުގެ ކުރީ ކޮޅުއެވެ.
ގައުމީ އަންހެން ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ އިބްރާހިމް ހަލީމް (ޖަޑާ)ގެ ކޯޗް ކަމުގެ ދަށުންނެވެ.
ގައުމީ އަންހެން ޓީމުގެ ފަރިތަކުރުންތައް ފަށާފައި ވަނީ 45 ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ. އެއީ ނިއުގެ 13 ކުޅުންތެރިންނާއި ސިފައިންގެ ކުލަބުގެ 8 ކުޅުންތެރިންނެވެ. އަދި ސަންޓީމުން ސްކޮޑަށް 12 ކުޅުންތެރިން ނަގާފައިވާ އިރު، ޕޮލިސް ކުލަބުން ސްކޮޑަށް ނަގާފައި ވަނީ 10 ކުޅުންތެރިންނެވެ. އަދި ވަކި ކުލަބަކަށް ނިސްބަތް ނުވާ ދެކުޅުންތެރިން ވެސް ވަނީ ސްކޮޑަށް ނަގައިފަ އެވެ.