ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ ހަ ރާޅާ އެޅުންތެރިންނާ އެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ފޯސީޒަން ރިޒޯޓްސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ" އަންނަ ހޯމަ ދުވަހު ފެށުމަށް ހަމަޖައްސައިފި އެވެ.

ކުޑަހުރާ ރިސޯޓް ކާރީ އޮންނަ ރާޅާ އަޅާ ފޮއިންޓުގައި ކުރިއަށް ގެންދިއުމަށް ހަޖެހިފައިވާ އެ އިވެންޓާ ބެހޭ ގޮތުން "ސަން" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އެ ރިސޯޓުގެ ޕަބްލިކް ރިލޭޝަން އެސިސްޓް މެނޭޖަރު އަރީ އަރުބާނީ ވިދާޅުވީ މިފަހަރުގެ މުބާރާތުގައި ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ ހަ ރާޅާ އެޅުންތެރިން ވާދަކުރާ ކަމަށެވެ. އަދި އެ ރަޅާ އެޅުންތެރިންގެ ތެރެއިން ތިން މީހަކު މާދަމާ ހެދުނުގެ ވަގުތެއްގައި މާލެ އައުމަށް ހަމަޖެހިފައިވާއިރު، އަނެއް ތިން ބައިވެރިން މާލެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު ކަމަށް އަރުބާނީ ވިދާޅުވިއެވެ.

"މި އިވެންޓަކީ 2011 އަހަރު ރިސޯޓުގައި އަލަށް ތާރަފް ކުރި އިވެންޓެއް. މިއަހަރު ވެސް މިއިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރީ އަހަރެކޭ ވެސް އެއްގޮތަށް އިންޓަނޭޝަނަލް ރާޅާ އެޅުންތެރިން ބައިވެރި ކޮށްގެން. އިންޓަނޭޝަނަލް ހަ ރާޅާ އެޅުންތެރިން މިފަހަރުގެ މުބާރާތުގައި ބައިވެރިވާ އިރު، ދިވެހި ރާޅާ އެޅުންތެރިން ވެސް މިއިންވެންޓުގައި ބައިވެރިވާނެ. އެކަމަކު ދިވެހި ރާޅާއެޅުންތެރިންނަށް ވަކި ކެޓަގަރީ ތަކެއް ހަމަޖއްސާފައި ވަނީ. ދިވެހި ހަތަރު ރާޅާ އެޅުންތެރިން ވާދަކުރާނެ،" އަރުބާނީ ވިދާޅުވިއެވެ.

ފޯސީޒަނުން ބުނީ، މި އަހަރުގެ މުބާރާތުގައި ވެސް ތިން އިވެންޓެއްގައި ބައިވެރިން ވާދަކުރާނެ ކަމަށެވެ. އެއްވަނަ އަށްދާ ފަރާތަކަށް 25،000 ޑޮލަރުގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ދިވެހި ރާޅާ އެޅުންތެރިންގެ ތެރިންގެ އެންމެ މޮޅު ރާޅާ އެޅުންތެރިއަކަށް 25،000ރ.ގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފޯސީޒަނުން ބުންޏެވެ. އަދި ދެ ވަނައަށް އަންނަ ދިވެހި ރާޅާ އެޅުންތެރިއަކަށް 10000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފޯސީޒަނުން މައުލޫމާތު ދެއެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވާ ރާޅާ އެޅުންތެރިންގެ ތެރޭގައި ހަވާއީގެ ދެ މީހުންނާއި އެމެރިކާ ދެމީހުންނާއި ބްރެޒިލް މީހަކާއި އޮސްޓޭލިއާގެ ރާޅާ އެޅުންތެރިއަކު ވާދަކުރާނެ ކަމަށް ފޯސީޒަނުން މައުލޫމާތު ދެއެވެ.

"ފޯ ސީޒަންސް ރިސޯޓްސް މޯލްޑިވްސް ސާފިން ޓްރޮފީ"ގެ ނަމުގައި ފަސް ތަރީގެ އެރިސޯޓުގައި 2011 ، 2012 އަދި 2013 ވަނަ އަހަރު ވެސް ވަނީ ދުނިޔޭގެ މަޝްހޫރު ރާޅާ އެޅުންތެރިން ބައިވެރި ކޮށްގެން ރަނގަޅު ފެންވަރެއްގެ މުބާރާތެއް ބާއްވާފަ އެވެ. 2011 ވަނަ އަހަރު ބޭއްވި މުބާރާތުގެ ސިންގަލް ފިން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ ކުރީގެ ޗެމްޕިއަން އޮސްޓްރޭލިޔާގެ މާކް އޮޗިލޮޕޯ (އޮކީ) އެވެ.

އަދި 2012 ވަނަ އަހަރުގެ ސިންގަލް ފިން ބައިގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އޮސްޓްރޭލިއާގެ ޑެމިން ހާޑްމަން އެވެ. 2013 ވަނަ އަހަރު ބޭއްވި މުބާރަތުގައި ޗެމްޕިއަންކަން ހޯދީ އެމެރިކާގެ ޓެއިލާ ނޮކްސް އެވެ.