02 Aug 2014, 20:00
ތޫނުއެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާ ސަރަހައްދުތަކުގައި ތިބޭ އާންމުންގެ ފަރާތުން ފުލުހުންނަށް މައުލޫމާތު ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ މާރާމާރީ ހިންގާ ސަރަހައްދުތަކުގައި ތިބޭ އާންމުރައްޔިތުން ފުލުހުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ދެކޮޅު ހަދަމުންދާ ކަމަށާއި އެކަމުގެ ސަބަބުން އެފަދަ މީހުން ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މިފަހަކަށް އައިސް މާލޭގައި ހިނގަމުން އަންނަ މާރާމާރީތަކުގެ މައުލޫމާތު ހިއްސާކުރުމުގައި އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އާންމު ރައްޔިތުންގެ އެއްބާރުލުން ނުލިބޭ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން ތޫނުއެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގާ ސަރަހައްދެއްގައި ހަކާތްތެރިވެފައިވާ އާންމު ރައްޔިތެއް ކަމުގައިވާނަމަ އެ ހާދިސާއާ ބެހޭ މައުލޫމާތު އެއްވެސް ފަސްޖެހުމެއްނެތި ފުލުހުންނަށް ހިއްސާކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ މައުލޫމާތު ފުލުހުންނަށް ހިއްސާކުރާ ފަރާތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން އެފަރާތަކަށް ލިބިގެންދާނެ ކަމަށް ވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފަ އެވެ.
މާރާމާރީއާއި ވައްކަމާ ފޭރުމުގެ މައްސަލަތަކާ ބެހޭ މައުލޫމާތު އެނގިހުރެ އެ މައުލޫމާތު ފުލުހުންނަށް ހިއްސާނުކުރުމުގެ ސަބަބުން ނުރައްކާތެރި ކުށްތައް ކުރާ އެތައް ބައެއްގެ މައްޗަށް ކުށް ސާބިތުނުވެ، ދޫކޮށްލަންޖެހިފައިވާ ކަން ފާހަގަކުރެވެއެވެ.