ރަމަޟާން މަސް ނިމުނުފަހުން މާލޭގައި ހިނގައިދިޔަ ސިލްސިލާ މާރާމާރީތަކާ ގުޅިގެން ތުހުމަތު ކުރެވޭ 12 މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިދީފައިވާ ކަމަށެވެ. އަދި ބާކީ ތިބި ނުވަ މީހުން އަދި ތިބީ ފުލުހުންގެ ވަގުތީ ހައްޔަރުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަތަކާ ގުޅިގެން މިހާތަނަށް 12 މީހަކު ހައްޔަރު ކުރިނަމަވެސް އެ މައްސަލަތަކުގައި ހިމެނޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މީގެ އިތުރުން ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުން. މިގޮތުން މާލޭގެ އެކި ސަރަޙައްދުތަކުން ލިބެންހުރި ސީސީ ޓީވީ ކެމެރާގެ ފުޓޭޖު ހޯދުމާއި މިމައްސަލަތަކާއި ގުޅިގެން ޢާއްމު ފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތަށްބަލައި އެފަދަ ފަރާތްތައް ހޯދުމުގެ މަސައްކަތްވެސް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.

ރޯދަ މަސް ނިމުނުފަހުން މާލޭގައި ތޫނުއެއްޗެހިން ހަމަލާދިނުން ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ގ. މަސްއޮޑިގެ ކައިރީގައި ހުރި ޒުވާން އަންހެނަކަށް މޫނުނިވާކޮށްގެން ތިބި ބަޔަކު ވަނީ ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފަ އެވެ. ހަމަ އެ ރޭ މާފަންނު ލެމަންގްރާސް ކައިރިން ފިރިހެނަކަށް ތޫނުއެއްޗަކުން ހަމަލާދީ އެ މީހާގެ ބޮލުގެ ފުއްކިބައިން ބައެއް ވަނީ ޒަހަމްކޮށްލާފަ އެވެ.

އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ވެސް ވަނީ ދެ މީހަކަށް ހަމަލާދީ ޒަޚަމްކޮށްލާފަ އެވެ. ހުޅުމާލެ 60 ނަމްބަރު ފްލެޓް ކައިރީގައި ހިނގި އެ މާރާމާރީގައި އެކެއްގެ ބޯފަޅާލާފައި ވާއިރު، އަނެއް މީހާގެ ކޮނޑަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ބުރާސްފަތި ދުވަހު އިރުއޮއްސުނު ވަގުތު ކ. ތުލުސްދޫގައި މީހެއްގެ މެޔަށް ވަޅި ހަރައި މީހަކު ވަނީ މަރާލާފަ އެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ކެނެރީމަގު، ސައިރެކްސް ކޮލެޖު ކައިރީގައި ތޫނު އެއްޗަކުން ޒުވާނަކަށް ކަނދުރާއަށް ހަމަލާދީ ވަނީ ޒަހަމްކޮށްލާފަ އެވެ. އަދި އައްޑޫ ސިޓީގައި ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ހިންގި މާރާމާރީއެއްގައި އަށް ބިދޭސީއަކު ވަނީ ޒަހަމްކޮށްލާފަ އެވެ.

ރެއާއި މިއަދު ވެސް ހެންވޭރު އަޑިޕާކް ސަރަހައްދުގައި ވަނީ ތޫނުއެއްޗަކުން ހަމަލާދީ ތިން މީހަކު ޒަޚަމްކޮށްލާފަ އެވެ. އެގޮތުން މިއަދު ވަޅިހެރުމުން ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދު އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން ވަނީ ކަނޑާލާފަ އެވެ.