02 Aug 2014, 16:16
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ އުދުވާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ބާއްވާ ޓެލެތޯން ޕްރޮމޯޓް ކުރާނެ ތަކެތި އުފައްދައި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހެލްޕް ގާޒާ ޓާސްކްފޯސް އޮފީހުން މިއަދު ބުނީ ޓެލެތޯންގެ ލޯގޯ ޖަހައިގެން ޓީޝާޓާއި ބެޖާއި ސްޓިކާ ފަދަ ތަކެތި އަމިއްލަ ތަކެތީގައި އުފެއްދުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. އެ އޮފީހުން މިއަދު ކުރި އިއުލާންގައިވާ ގޮތުން ތަކެތި އުފައްދައި ވިއްކުމުގެ ފުރުސަތު ދޭނީ އެތަކެތި ވިއްކައިގެން ލިބޭ ފައިސާގެ 50 ޕަސެންޓަށް ވުރެ މަދުނޫން މިންވަރެއް ހެލްޕް ގާޒާ ޓެލެތޯން ފަންޑަށް ހަދިޔާ ކުރަން އެއްބަސްވާ ފަރާތްތަކަށް ކަމަށެވެ.
ޓެލެތޯން ހަރަކާތަށް ޚިދުމަތާއި ތަކެތީގެ ގޮތުން އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ވެސް މިއަދު ވަނީ ހުޅުވާލައިފި އެވެ. މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މީޑިއާތައް ގުޅިގެން ބާއްވާ ޓެލެތޯންގެ ހަރަކާތައް ޚިދުމަތާއި ތަކެތީގެ ގޮތުން އެހީތެރިވެދިނުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ޓެލެތޯން ޕްރޮމޯޓް ކުރާ ތަކެރި އުފައްދައި ވިއްކަން ޝައުގުވެރިވާ ފަރާތްތަކުން "ހެލްޕް ގާޒާ" ޓެލެތޯނަށް ފެކްސް ނުވަތަ އީމެއިލް ކުރެއްވުމަށް "ހެލްޕް ގާޒާ މޯލްޑިވްސް ޓެލެތޯން" އިން ވަނީ އިލްތިމާސްކޮށްފަ އެވެ. ފެކްސް ކުރަން ޖެހޭ ނަންބަރަކީ 3315384 އެވެ. އަދި އީމެއިލް އެޑްރެހަކީ[email protected]އެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ، 7773305 ނަންބަރަށެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ އުދުވާނުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 1650 އަށް އަރާފައެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނީ ޖުލައިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ޣައްޒާއަށް ދިން ހަމަލަތަކުގައި މަރުވިމީހުންގެ އަދަދު 1650 އަރާފައިވާ ކަމަށާއި ޒަޚަމްވީ މީހުންގެ އަދަދު 8000 އަށް ވުރެ މަތިވެފައިވާ ކަމަށެވެ.