ނ. މިލަދުއަށް އުފަން އުމުރުން 20 އަހަރުގެ މާޒިން މާލެ އައީ ހއ. އަތޮޅުގައި ހަދަމުންދިޔަ ރިސޯޓެއްގައި މަސައްކަތް ކުރުމަށްފަހު ޗުއްޓީއަށް ރަށަށް ދިއުމުގެ ކުރިން ނެވެ. މާޒިންގެ ބައްޕަ މިލަދޫ، ދިއްގާމާގެ، އަބްދުއްރަހީމް އަލީ ބުނީ އޭނާގެ ދަރިފުޅު ގަޔަށް ބަޔަކު ވަޅި ހަރައި ޒަހަމްކޮށްލީ މާޒިން ހުރިގޭގައި އުޅޭ އޭނާގެ ތިމާގެ ކުއްޖަކާ އެކު ޕާކުތެރެއަށް ނުކުތް ވަގުތު ކަމަށެވެ. އޭރު އެ ތިމާގެ ކުއްޖާއަކީ މާލޭގެ ގުރޫޕެއްގެ "ވޯންޓެޑް" ލިސްޓަށް އަރާފައި ހުރި ކުއްޖެއްކަން މާޒިންއަށް ނޭނގެ އެވެ.

"މާޒިން މާލެ އަންނާނީ ވަރަށް މަދުން. އަޅުގަނޑަށް ގުޅާފައި ބުނީ ރަށަށް ދާނީ މާލޭގައި މަޑުކޮށްލާފައި ކަމަށް. އޭނަ ރަށަށް ދާން އޮތް ބޯޓު ރޭ ފަތިހު މާލެ އައީ. އެ ބޯޓުން ރަށަށް ފުރަން އޮއްވައި މިކަމެއްވީ،" އަބުދުއްރަހީމް ބުންޏެވެ.

މާޒިންގެ ގައިގެ 11 ތަނަކަށް ވަޅި ހަރާފައި ވާއިރު، އޭޑީކޭގެ ޑޮކްޓަރުން ވަނީ އޭނާއާ ދޭތެރޭ އުއްމީދު ކަނޑާލާފަ އެވެ. އަދި މިހާރު މާޒިން އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދެމުންދާއިރު، އޮޕަރޭޝަން ނުކުރެވިގެން އުޅެނީ ލޭ މަނާ ނުވެގެން ކަމަށް މާޒިންގެ ބައްޕަ ބުންޏެވެ.

"ކުއްލިއަކަށް 17 ވަރަކަށް މީހުންގެ ބޮޑު ގުރޫޕެއް އައިސް ވަޅިޖެހީ. އެމީހުން ވަޅިޖަހަން ބޭނުން ވެގެން އުޅުނު ކުއްޖާގެ ގަޔަށް ފުރަތަމަ ޖެހީ. އޭނަގެ ބުރަކަށްޓަށް ވަޅި ޖެހީމަ ދުއްވައިގަތީ. މާޒިން ވެސް ދުއްވައި ގަންނަން އުޅެނިކޮށް ހިފަހައްޓާފައި ގައިގެ އެކި ތަންތަނަށް ވަޅިޖެހީ،" އަބުދުއްރަހީމް ބުންޏެވެ.

އޭނާ ބުނީ މާޒިން އަކީ ގުރޫޕަކާ ގުޅިގެން އުޅޭ ވިޔާނުދާ ކުއްޖެއް ނޫން ކަމަށެވެ. އަދި މާޒިން ގަޔަށް އެމީހުން ވަޅި ހެރީ ވަޅިހަރަން ވެގެން ގުރޫޕުން ހޯދި ކުއްޖާއާ އެކު ހުއްޓައި ފެނުމުން ކަމަށް އަބުދުއްރަހީމް ބުންޏެވެ.

ރޯދަމަށްފަހު މާލެއާއި ރާއްޖެ ތެރޭގައި މީހުންނަށް ތޫނު އެއްޗެހިން ހަމަލަދީ ޒަޚަމްކުރަމުންދާއިރު، އެފަދަ އެއް ހާދިސާގައި މީހަކު މަރުވެފައި ވެސް ވެއެވެ.