02 Aug 2014, 16:02
މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ތޫނު އެއްޗެހިން ހަމަލަދީ މާރާމާރީ ހިންގުން އިތުރުވާތީ އެފަދަ ކުށްތައް ހުއްޓުވުމަށް ޖުމްހޫރި ޕާޓީން ސަރުކާރަށް އިލްތިމާސް ކޮށްފި އެވެ.
އެ ޕާޓީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް މާލެ އާއި ރައްޖޭގެ އެކިހިސާބުތަކާއި ތޫނުއެއްޗެހިން ހަމަލާދިނުމާއި ކުށް ކުރުން އިންތިހާއަށް އިތުރުވެ ބޮޑެތި މާރާމާރީ އާއި ވައްކަމާއި ފޭރުމުގެ އަމަލުތައް ގިނަވާކަން ފާހަގަކޮށްލެވޭ ކަމަށެވެ.
އެފަދަ އަމަލުތައް ކުރާ ކުށްވެރިން ހޯދާ ވީހާ ވެސް އަވަހަށް އިންސާފުގެ ކުރިމަށްޗަށް ގެނެސް ގާނޫނީ ގޮތުން އެމީހުންނަށް ލިބެންޖެހޭ ހައްގު އަދަބު ދިނުމަށް ދައުލަތެގެ ކަމާބެހޭ ފަރާތްތަކަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ. އަދި ކުރިޔަށް އޮތްތަނުގައި އެފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދިއުމަށް ވެސް އެ ޕާޓީން ވަނީ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.
މިހާރު މާލެއާއި އަތޮޅުތަކުގައި ހިންގަމުން އަންނަ މާރާމާރީތަކުގައި އެތަށް ބަޔަކު ޒަޚަމްވަމުންދާތީ ޖުމްހޫރީ ޕާޓީން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.