އައްޑޫ ސިޓީއަށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ އެމްވީކޭ މޯލްޑިވްސްއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން މުރާޖާކުރަން އިކޮނޮމިކް މިނިސްޓްރީން ފަށައިފި އެވެ.

"ސަން" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިކޮނަމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީސް ވިދާޅުވީ އެމްވީކޭ އަށް އެކަށީގެންވާ ގޮތެއްގައި އައްޑޫ ސިޓީއަށް ފެރީގެ ޚިދުމަތް ފޯރުކޮށް ނުދެވޭ ކަމަށް އެ މިނިސްޓްރީން ވެސް ގަބޫލު ކުރާ ކަމަށެވެ. އެހެންކަމުން އެމްވީކޭއާ އެކު ސަރުކާރުން ވެފައިވާ އެއްބެސްވުން މުރާޖާ ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށް އަނީސް ވިދާޅުވި އެވެ.

"އެމްވީކޭއާއި ސަރުކާރާ ދެމެދުވެފައިވާ އެއްބަސްވުން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އަންނަނީ މުރާޖާ ކުރަމުން،" އަނީސް ވިދާޅުވި އެވެ.

ފެރީގެ ޚިދުމަތާއި ބަހުގެ ޚިދުމަތް އެމްވީކޭއިން ހުއްޓާލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

އަނީސް ވިދާޅުވިގޮތުގައި އެއްބަސްވުމުގައިވާ ގޮތުން އައްޑޫ ސިޓީގެ ކޮންމެ ރަށަކުން އެމްވީކޭ އަށް ބިމެއް ދޭން ޖެހެއެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެކުންފުންޏަށް ލިބެންޖެހޭ ބިންތައް އައްޑޫ ސިޓީ ކައުންސިލުން ހަވާލުކޮށްފައިނުވާ ކަމުގެ ޝަކުވާތަކެއް އެމްވީކޭއިން އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވީ އެއްބަސްވުމުގައިވާ ބިންތައް ހަވާލުކޮށްފައިނުވާތީ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ކުންފުނީގެ ފަރާތުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާންވެފައިވާ ކަންތައް އެންމެ އެކަށީގެންވާ ގޮތަށް ފުރިހަވެފައި ނުވިނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ހުއްޓުމެއްނެތި ދޭން ޖެހޭނެ ކަމަށް އަނީސް ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމްވީކޭއާ ހަވާލުކޮށްފައި ވަނީ އެ ކުންފުންޏަށް ގިނަ އެހީތަކެއް ދިނުމަށްފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް އައްޑޫ ސިޓީ ކައުންސިލާއި އެމްވީކޭއާ އެކު އަންނަ ހަފްތާގެ ތެރޭގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އައްޑޫ ސިޓީގައި ދެމުން އަންނަ ފެރީގެ ޚިދުމަތާއި ބަސް ދަތުރުގެ ޚިދުމަތް އީދު ބަންދު ދުވަސްތަކުގައި ހުއްޓުމަކަށް އައިސްފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށާއި އެއީ ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އައްޑޫ ސިޓީގައި ދެމުން އަންނަ ފެރީގެ ޚިދުމަތާއި ބަސް ދަތުރުގެ ޚިދުމަތް އީދު ބަންދު ދުވަސްތަކުގައި ހުއްޓުމަކަށް އައިސްފައިވާ ކަމުގެ ގިނަ ޝަކުވާތަކެއް އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެހެން ކަމުން މިނިސްޓްރީން ވަނީ ނިންމާފައި އެ މައްސަލަ ހައްލު ކުރުމަށް އެ ޚިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ އެމްވީކޭ އާއި އައްޑޫ ސިޓީ ކައުސިލާ އެކު އަންނަ ހަފްތާތެރޭގައި މަޝްވަރާ ބައްދަލުވުން ތަކެއް ބާއްވަން" އަނީސް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އެއްބެސްވުމުގައިވާ ގޮތަށް އައްޑޫ ސިޓީގެ ކޮންމެ ރަށަކުން އެމްވީކޭއަށް ބޮޑު ބިމެއް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ބިންދޫކުރެވެން ނެތްކަމާއި އަދި އެކަމުގެ ތަފްސީލުތައް ސިޓީ ކައުންސިލުން އެމްވީކޭއަށް އަންގާފައިވާނެ ކަމަށެވެ.