02 Aug 2014, 15:38
ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން އިމާރާތް ކުރަމުން އަންނަ ސްކޫލްގެ މަސައްކަތް މިއަހަރު ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެ އެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން ސުހައިލް ވިދާޅުވީ، ގްރޭޑް އެކަކުން 12އަށް ކިޔަވައި ދިނުމަށް ހުޅުމާލޭގައި ގާއިމްކުރާ 44 ކްލާސްރޫމް ހިމެނޭ އެ ސްކޫލުގެ މަސައްކަތް ޝެޑިއުލް ކޮށްފައިވާ ގޮތަށް ކުރިޔަށްދާ ކަމަށާއި މިހާރު ކުރިޔަށް ދަނީ ކޮންކްރީޓް މަސައްކަތާ ރޭނުމުގެ މަސައްކަތް ކަމަށެވެ.
"މި އަހަރު ނިމޭއިރު އެ ސްކޫލްގެ މަސައްކަތް ނިމޭނެ. އެހެން ސްކޫލްތަކުގައި ހުންނަ ހުރިހާ ފެސިލިޓީ ތަށް ވެސް އެ ސްކޫލްގައި ހުންނާނެ. މިއަހަރު ނިމެންވާ އިރަށް އެ މަސައްކަތް ނިންމާފައި އަޅުގަނޑުމެން އެޑިއުކޭޝަން މިނިސްޓްރީއާ ސްކޫލް ހަވާލުކުރާނަން،" ސުހައިލް ވިދާޅުވި އެވެ.
އެޗްޑީސީން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ޕްރީ ސްކޫލްގެ މަސައްކަތާ ބެހޭގޮތުން ސުހައިލް ވިދާޅުވީ، އެ ސްކޫލްގެ މަސައްކަތް މި އޮގަސްޓް މަހުގެ ތެރޭގައި ނިންމައި އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށެވެ.
ހުޅުމާލޭގައި އެޗްޑީސީން އިމާރާތްކުރާ ސްކޫލްގައި ފާހާނާ އާއި ކޮމްޕިއުޓަރު ލެބެއްގެ އިތުރުން ހޯލަކާއި ލައިބްރަރީ އަކާއި އޯޑިއޯ ވިޝުއަލް ރޫމެއް ހުންނާނެ ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.