02 Aug 2014, 15:31
ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސައިން ބޯލްޓަށް ބީބީސީގެ ކުޅިވަރު ޕްރެޒެންޓަރު ގެބީ ލޯގަން ފާޑު ކިޔުމުން އޭނާއަށް ބޯލްޓް ރައްދު ދީފި އެވެ.
ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ގެނެސްދެމުން ލޯގަން ދެއްކި ވާހަކާގައި އޭނާ ބުނެފައި ވަނީ، ޖެމެއިކާގެ ދެ ދުވުންތެރިން ކަމަށްވާ ޔޯހަން ބްލޭކް އާއި ބޯލްޓް ނުލައި ވެސް ކޮމަންވެލްތު ގޭމްސް ދަނީ ރަނގަޅަށް ކަމަށެވެ.
ކޮމަންވެލްތު ގޭމްސްގެ ފިރިހެނުންގެ ރިލޭގެ 4x100 މީޓަރުގެ ހީޓް ޖެމެއިކާ ޓީމަށް ކާމިޔާބުކޮށްދިނުމަށްމަހު، ކެމެރާ ކުރިމަތީ ބޯލްޓް ނެށުމުގެ ކުރިން ލޯގަންގެ ވާހަކައަށް ރައްދުދެމުން ބޯލްޓް ބުނީ، އޭނާ އަކީ "މަޖާ މީހެއް" ކަމަށެވެ. އަދި ބީބީސީގެ ޕްރެޒެންޓަރު ދެއްކި ވާހަކަތައް އޭނާއަށް އަޑު އިވުނު ކަމުގައި ވެސް އޭނާ ބުންޏެވެ.
ޓީވީއަށް ބޯލްޓް އިންޓަވިއު ދިން އިރު، ބީބީސީގެ ސްޓޫޑިއޯ ތެރޭގައި ބޯލްޓްގެ އިންޓަވިއު ބެލުމަށް އޭނާއަށް ފާޑުކިޔާފައިވާ ލޯގަން، އެ މަންޒަރު ބަލަން އިނެވެ. ބޯލްޓްގެ އިންޓަވިއުއަށްފަހު ސްޓޫޑިއޯ ތެރޭގައި ވާހަކަދައްކަމުން ލޯގަން ބުނީ، ބޯލްޓް ނުލައި ވެސް ކޮމަންވެލްތު ގޭމްސް ދަނީ ރަނގަޅަށް ކަމަށާއި މިހާރު އޭނާ އައުމުން އިތުރަށް ރަނގަޅު ވެއްޖެ ކަމަށެވެ.
ކޮމަންވެލްތު ގޭމްސްއިން އުމުރުން 27 އަހަރުގެ ބޯލްޓް ފުރަތަމަ ރަން މެޑެލް ހޯދުމަށް މިރޭ ފިރިހެނުންގެ ރިލޭގެ 4x100 މީޓަރުގެ ފައިނަލަށް ޖެމެއިކާ ޓީމާއެކު މިއަދު ނުކުންނާނެ އެވެ. ފިރިހެނުންގެ ރިލޭގެ 4x100 މީޓަރުގެ ފައިނަލުގައި ޖެމެއިކާ ޓީމުގެ އިތުރުން އެންޓިގުއާ އެންޑް ބާބޫޑާ ޓީމާއި، ބަހާމާސް ޓީމާއި، ޓްރިނިޑާޑް އެންޑް ޓޮބޭގޯ ޓީމާއި، އިންގްލެންޑް ޓީމާއި، ކެނެޑާ ޓީމާއި، ނައިޖީރިއާ ޓީމު އަދި ސައުތު އެފްރިކާގެ ޓީމު ވާދަކުރާނެ އެވެ. މި ރޭސް ފަށާނީ ރާއްޖޭ ގަޑިން މިރޭ 9:15 ގައެވެ.