02 Aug 2014, 14:59
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ އުދުވާނުގައި ޝަހީދުވި މީހުންގެ އަދަދު 1650 އަށް އަރައިފިއެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނީ ޖުލައިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ޣައްޒާއަށް ދިން ހަމަލަތަކުގައި މަރުވިމީހުންގެ އަދަދު 1650 އަރާފައިވާ ކަމަށާއި ޒަޚަމްވީ މީހުންގެ އަދަދު 8000 އަށް ވުރެ މަތިވެފައިވާ ކަމަށެވެ.
ހަނގުރާމައިގެ މައިދާނަށް ގެއްލިފައިވާ އިސްރާއީލު ސިފައިންގެ މީހަކު ހޯދުމުގެ ނަމުގައި އިސްރާއީލުގެ ހަމަލާތައް ވަރުގަދަކޮށްފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެފައި ވަނީ އިސްރާއީލުން މިއަދު އެކަނި ޣައްޒާއަށް 150 ފަހަރު ބޮން އަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ހަމަލާ ޣައްޒާގެ ޔުނިވަސިޓީއަށް އަރާފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އިސްރާއީލު ސިފައިންގެ މީހަކު ރަހީނުކޮށްފިއްޔާ އެމީހަކު ސަލާމަތް ކުރަން އެގައުމުން ކޮންމެ ފަދަ ކަމެއް ވެސް ކުރަން އޮންނަނީ ތައްޔާރަށެވެ. އެގޮތުން 2011 ވަނަ އަހަރު ހަމާސް އިން އިސްރާއީލު ސިފައިންގެ މީހެއް ރަހީނުކުރުމުން އޭނާ ސަލާމަތް ކުރަން އެގައުމުން ފަލަސްތީނުގެ އެތައް ސަތޭކަ މީހުންނެއް މިނިވަން ކުރިއެވެ.
އިސްރާއީލު ސިފައިންގެ މީހާ ހަމާސް އިން ރަހީނުކޮށްފައިވާ ކަމަށް އެގައުމުން ބުނި ނަމަވެސް ހަމާސް އިން އެކަން ދޮގުކުރެއެވެ. އެޖަމާއަތުން މިއަދު ބުނީ އެމެރިކާއިން އެބުނާ އިސްރާއީލު މީހާ އެގައުމުގެ ސިފައިންގެ ހަމަލާއެއްގައި މަރުވެފައި ވެދާނެ ކަމަށެވެ.
" ...ރަފަހުގެ ކައިރިއަށް ފޮނުވި ޖާނުން ފިދާވާ މިޝަންއާ އަހަރެމެންނާ ގުޅުން ކެނޑުނު އެމީހުން ފޮނުވިތަނާ. އަދި އަހަރެމެން ގަބޫލުކުރަނީ އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި އެ އެންމެން ވެސް މަރުވީ ކަމަށް. އަދި އިސްރާއީލުން ގެއްލުނު ކަމަށް އެބުނާ ސިފައިންގެ މީހާ ވެސް އެހަމަލާގައި މަރުވީ ކަމަށް،" ހަމާސްއިގެ އިއްޒުއްދީނުލް ޤައްސާމް ބްރިގޭޑޫން ބުނި ކަމަށް އަލްޖަޒީރާ ބުންޏެވެ.
އިސްރާއީލުން ކުރިން ބުނެފައި ވަނީ އެގައުމުގެ ސިފައިންގެ މީހެއް ކަމަށްވާ އުމުރުން 23 އަހަރު ހާޑަރު ގޯލްޑިން ގެއްލިފައިވާ ކަމަށެވެ. އަދި އޭނާ ގެއްލުނީ ހަމާސްގެ ބިންގަރާސްތައް ހަލާކުކުރަން އުޅުނު ސިފައިންނަށް ހަމާސް އިން ދިން ހަމަލާއެއްގައި ކަމަށާއި އެހަމަލާގައި އިތުރު ދެ ސިފައިން މަރުވި ކަމަށް ވެސް ބުންޏެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވައިޓްހައުސްގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި ތުހުމަތުކުރައްވާފައި ވަނީ ހަމާސް އިން އިސްރާއީލު ސިފައިންގެ މީހާ ރަހީނުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ދޫކޮށްލުމަށް ވެސް ވަނީ ގޮވާލައްވާފައެވެ. އޮބާމާ މިމޭރުމުން ވާހަކަދެއްކެވީ ޔުނައިޓެޑް ނޭޝަންސް (ޔޫއެންީ) އިން މެދުވެރިވެގެން 72 ގަޑި އިރަށް ހަނގުރާމަ ހުއްޓައިލުމަށް ވީ އެއްބަސްވުން ދެފަރާތުން ވެސް އުވާލުމުންނެވެ.
"...މިމައްސަލަ ހައްލުކުރުމުގައި އެމީހުން (ހަމާސް) ސީރިއަސް ނަމަ، އެއްވެސް ޝަރުތެއް ނެތި އެސިފައިންގެ މީހާ ދޫކޮށްލަން ޖެހޭނެ ވީހާ އަވަހަކަށް،" އޭނާ ވިދާޅުވެފައި ވެއެވެ.