02 Aug 2014, 14:40
ޑީއާރްޕީން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން 6.6 މިލިއަން ރުފިޔާ މިހާރު ދައްކާ ނިމިފައިވާ ކަމަށް އެ ޕާޓީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ކާނަލް ވިދާޅުވީ އެ ޕާޓީގެ ވަގުތީ ލީޑަރުކަމާ އޭނާ ހަވާލުވެވަޑައިގަތްފަހުން ދަރަނީގެ ބޮޑުބައެއް މިހާރު ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ. އަދި ބާކީ ނުދެއްކި ހުރީ 4.7 މިލިއަން ރުފިޔާ ކަމަށް ވެސް ކާނަލް ވިދާޅުވި އެވެ.
"ޑީއާރްޕީން އެކި ފަރާތްތަކަށް ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން ބޮޑުބައެއް އަޅުގަނޑު މި މަގާމާ ހަވާލުވިފަހުން ވަނީ ދައްކާފައި. އަޅުގަނޑު މި މަގާމާ ހަވާލުވި އިރު 10 މިލިއަން ރުފިޔާއިން ޕާޓީ ވަނީ ދަރާފައި،" ކާނަލް ވިދާޅުވި އެވެ.
ޑީއާރްޕީގެ ހިންގާގޮތާ މެދު ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް އިޝާރާތްކުރައްވައި ކާނަލް ވިދާޅުވީ އެ ޕާޓީ ހިންގާނީ ޕާޓީގެ ކައުންސިލުން ބޭނުންވާ ގޮތަށް ބޭނުންވާ ސްޕީޑެއްގައި ކަމަށެވެ. އަދި އެކި ފަރާތްތަކުން ފާހަގަ ކުރަނީ އެފަރާތްތަކުގެ ޚިޔާލު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑީއާރްޕީގެ އާ ލޯގޯ އިފްތިތާހުކުރުމަށް މިދިޔަ އޭޕްރީލް މަހުގައި ބޭއްވި ހަފްލާއެއްގައި އޭނާ ވިދާޅުވެފައި ވަނީ އެ ޕާޓީގެ ކޮންގްރެސް ފެށެންވާއިރަށް ދަރަނި އަދާކޮށް ނިންމާލެވޭނެ ކަމަށެވެ.