13 Jan 2011, 17:10
ލޮސްއެންޖޮލަސް : މިދިޔަ އަހަރުގެ ޖޫންމަހު މައިކަލް ޖެކްސަން މަރުވެފައިވަނީ އޭނާގެ ޑޮކްޓަރު ކޮންރާޑް މުރޭ ދިން ނިދާބޭހުގެ އިންޖެކްޝަނަކާއި އަދި އިތުރު އެހެން އިންޖެކްޝަނެއްގެ ސަބަބުން ކަމަށް މިކަމާބެހޭ ތަޙްޤީޤްތަކުން ހާމަވެއްޖެވެ. އެހެންކަމުން މިމަހުގެ 25 ވަނަ ދުވަހު މުރޭ ކޯޓަށް ޙާޒިރުކުރުމަށް ލޮސްއެންޖޮލަސް ގެ ކޯޓަކުން މިހަފްތާގެ ކުރީކޮޅުވަނީ ނިންމާފައެވެ.
މުރޭގެ ގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކަކީ ގަސްދަކާނުލައި މައިކަލް ޖެކްސަން މެރުމުގެ ތުހުމަތެވެ. މިމައްސަލާގައި ކޯޓުގައި ބޭއްވި އަޑުއެހުންތަކުން އެނގޭގޮތުގައި މައިކަލް ޖެކްސަން މަރުވީ މުރޭ އޭނާގެ ގަޔަށްޖެހި ބާރުގަދަ އިންޖެކްޝަންގެ އިތުރުން ޖެކްސަން އަމިއްލައަށް ޖެހި ނިދާ އެހެން އިންޖެކްޝަނެއްގެ ސަބަބުންނެވެ. މުރޭ ފޮރުވަން މަސައްކަތްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޖެކްސަން އަމިއްލައަށް ޖެހި އިންޖެކްޝަނުގެ މައްސަލަ ހިމެނެއެވެ. ތަޙްޤީޤްތަކުން ހާމަވާގޮތުގައި މިއިންޖެކްޝަން ޖެކްސަން އަމިއްލައަށްޖެހީ މުރޭގެ ފަރުވާކުޑަކަމުންނެވެ. މިއީ މުރޭ ކުރިން ޖެކްސަންއަށް ދީފައިވާ އިންޖެކްޝަނެއް ކަމަށް ބެލެވޭނެ ޖާގަވެސް އެބައޮތް ކަމަށް މިތަޙްޤީޤްތަކާ ޙަވާލާދީ އެމެރިކާގެ ބައެއް މީޑީޔާ ރިޕޯޓްތައް ބުނެއެވެ.
ޖެކްސަން، ނިދާ އިންޖެކްޝަނުގެ ދެވަނަ ޑޯޒެއް ބޭނުންކުރީ ނިދުމަށް ބޭނުންވުމާއެކުވެސް ރަނގަޅަށް ނުނިދިގެން ކަމަށް ތަޙްޤީޤްތަކުން ހާމަވެއެވެ. ޖެކްސަން މަރުވީ އުމުރުން 50 އަހަރުގައެވެ.