ތާރީޚުގެ ތެރެއިން ޣައްޒާގެ ނަން


މީލާދީން 3500 އަހަރުކުރިން ޣައްޒާ ބިނާކުރީ ގަދީމީ ފަލަސްތީނު މީހުން ކަމަށްވާ ކަންއާނީންނެވެ. އެމީހުން އެދުވަސްވަރު ޣައްޒާއަށް ދިން ނަމަކީ "ހަޒާތީ" އެވެ. އެއަށްފަހު މިސްރުގެ ފިރްއަވްނުންގެ ދުވަސްވަރު ފިރްއަވްނުން ޣައްޒާއަށް ކީ ނަމަކީ "ޣަޒާތޫ" އެވެ. އިރާގުގެ އާޝޫރީންގެ ދުވަސްވަރު ޣައްޒާއަށް "ޢަޒާތީ" ވެސް ކިޔައިއުޅުނެވެ. އެވޭލާ ޒަމާނުގެ ގްރީކު މީހުން ގްރީކުގެ ޙަޟާރަތުގެ ދުވަސްވަރު ޣައްޒާއަށް "ފާޒާ" ގެނަމުން ނަންދިނެވެ. އަދި ޔަހޫދީން އެމީހުންގެ ބަސްކަމަށްވާ ހިބްރޫ ބަހުން ޣައްޒާއަށް "ޢައްޒާ" ގެ ނަމުން ކިޔައިއުޅުނު ކަމަށްވެއެވެ. އިސްމާޢީލްގެފާނުގެ ދަރިކޮޅުގެ އަރަބިން (އަރަބުލްބާގިޔާ ނުވަތަ މިހާރުގެ އަރަބިން) ޣައްޒާއަށް ދީފައިވާ ނަމަކީ "ޣައްޒާ" އެވެ. އިސްރާއީލުން ގަތުލުއާންމުތައް ހިންގައި ފަލަސްތީނުގެ ރައްޔިތުން ޑަޒަން ޑަޒަނަށް މިހާރު ޝަހީދު ކުރަމުން ގެންދާ ޣައްޒާއަކީ 1967 ގެ އަރަބި-އިސްރާއީލު ހަނގުރާމައިގައި އިސްރާއީލު ސިފައިން ގަދަބާރުން ހިފައި އިސްތިޢްމާރު ކޮށްފައިވާ ފަލަސްތީނުގެ ސަރަހައްދެކެވެ.

އަލްއިމާމް އައްޝާފިޢީގެފާނު އުފަންވެވަޑައިގެންނެވީ ޣައްޒާގައި

ޣައްޒާއަކީ ސުންނަތްޖަމާއަތުގައި ހިމެނޭ ހަތަރު މަޛްހަބުގެ ތެރެއިން ޝާފިޢީ މަޛްހަބުގެ އިމާމް އަލްއިމާމް އައްޝާފިޢީ (ޝާފިއީގެފާނު) އުފަންވެވަޑައިގެންނެވި ސަރަހައްދުވެސް މެއެވެ. ޣައްޒާގައި ޝާފިއީގެފާނުގެ މަންމާފުޅު އެކަލޭގެފާނާއިގެން ރައްކައުވެވަޑައިގަތީ މީލާދީގޮތުން 767 ވަނަ އަހަރުގައެވެ. ހިޖްރީގޮތުން އެއީ 150 ވަނަ އަހަރެވެ. ޣައްޒާގައި ދިރިއުޅުއްވުމަށްފަހު ޝާފިޢީގެފާނުގެ މަންމާފުޅު އެކަލޭގެފާނާއިގެން މައްކާއަށް ހިޖްރަކުރެއްވި ކަމަށްވަނީ އެކަލޭގެފާނުގެ އުމުރުފުޅުން އެންމެ ދެ އަހަރުގައެވެ. ޝާފިޢީގެފާނު އުފަންވެވަޑައިގެންނެވި އަހަރަކީ އިމާމް އަބޫހަނީފާ (ހަނަފީ މަޛްހަބްގެ އިމާމް އަބޫހަނީފަތުގެފާނު) އަވަހަރާވެވަޑައިގެންނެވި އަހަރުވެސް މެއެވެ. ޣައްޒާ ދެކެ ލޯބިން ޝާފިއީގެފާނު ހައްދަވާފައިވާ ޅެމެއްގެ ދެ ބައިތު މިތާނގައި ލިޔެލާނަމެވެ.

وإني لمشتاق إلى أرض غـــــزة... وإن خانني بعد التـفـرق كتمـانـي
سقى الله أرضاً لو ظفرت بتربها... كحلتُ به مـن شدة الشوق أجفانـي

ކީރިތި ރަސޫލާގެ ބައްޕާފުޅާއި މުނިކާފާފުޅު ޣައްޒާއަށް ޒިޔާރަތް ކުރެއްވި

ކީރިތި ރަސޫލާ (ސޢވ) ގެ މުނިކާފާފުޅު ޙާޝިމްގެފާނު ފަސްދާނު ލެވިފައިވެސްވަނީ ޣައްޒާގައެވެ. އަދި ކީރިތި ރަސޫލާ (ސޢވ) ގެ ލޮބުވެތި ބައްޕާފުޅު އަބްދުﷲ ގެފާނުގެ އުމުރުފުޅުން 25 އަހަރުގައި ޣައްޒާއަށް ޒިޔާރަތް ކުރެއްވި އެވެ.

އިބްނު ބަތޫތާ، ޣައްޒާ ސިފަކުރެއްވިގޮތް

މަޝްހޫރު އަރަބި ސައްޔާޙް އިބްނު ބަތޫތާ، މީލާދީގޮތުން 1355 ވަނަ އަހަރު މިސްރުގެ އުތުރުގެ ރަށެއް ކަމަށްވާ "އައްސާލިހިއްޔާ"އިން ނުކުމެވަޑައިގެން ޝާމް ކަރައަށް ކުރެއްވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވި ކަމަށްވަނީ ޣައްޒާއަށެވެ. ޣައްޒާ ބައްލަވައިލެއްވުމަށްފަހު އިބްނު ބަތޫތާ ޣައްޒާ ސިފަކުރައްވާފައި ވަނީ ބާޒާރު މުއްސަނދި، މީހުންގެ ޚުލްގު ހެޔޮ މޫސުން ރަނގަނޅު ގިނަ އަދަދެއްގެ މިސްކިތްތަކާއި ބޮޑުފާރުތަކާއި ކޯޓޭތައް ލާފައިވާ އަދި "ވައިޓް މާބްލް" ބޭނުންކޮށްގެން ރީތި އިސްލާމީ އިމާރާތްތަކެއް ބިނާކޮށްފައިވާ ހިތްގައިމު ސަރަހައްދެއްގެ ގޮތުގައެވެ.

މުސްލިމުން ޣައްޒާ ފަތަހަ ކުރުން

މާތްވެގެންވާ އިސްލާމް ދީން އައުމަށްފަހު އިސްލާމީ ފުތޫހާތުގެ ތެރެއިން ފަލަސްތީނު ފަތަހަ ކުރެއްވީ އަބޫބަކުރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. ނަމަވެސް ގުދްސާއި ފަލަސްތީނުގެ އެހެން ބިންތައް މުސްލިމުން ފަހަތަ ކުރީ އުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. އަބޫބަކުރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރު ޣައްޒާ ފަތަޙަ ކުރެއްވި އިސްލާމީ ކޮމާންޑަރަކީ އަމްރުބިން އާސް އެވެ.

ޣައްޒާއާއި މައްކާގެ ގުރައިޝުންނާ ދެމެދުގައިއޮތް ވިޔަފާރީގެ ގުޅުންތައް

ޣައްޒާއަކީ އިސްލާމް ދީން ފާޅުވުމުގެ ކުރިންވެސް އަރަބި ޖަޒީރާއާއި މައްކާގެ ގުރައިޝުންނާ ވިޔަފާރީގެ ގުޅުންތައް ވަރަށްބޮޑު ސަރަހައްދެއް ކަމަށް ތާރީޚު ބުނެއެވެ. އިސްލާމް ދީން ފާޅުވުމުގެ ކުރިން ޖާހިލިއްޔަ ޒަމާނުގައި މައްކާގެ އަރަބިން އަދި ޚާއްސަކޮށް ގުރައިޝު ވަންހައިގެ މީހުން ޝާމް ކަރައަށް (މިހާރު ފަލަސްތީން، އުރުދުން، ލުބްނާން، ސޫރިޔާގެ ސަރަހައްދު) ކުރާ ވިޔަފާރި ދަތުރުތަަކުގައި އެެންމެ ގިނައިން މަޑުކުރާ އެއް ވިޔަފާރި މަރުކަޒަކީ ޣައްޒާ އެވެ. ސަބަބަކީ ޣައްޒާއަކީ ވިޔަފާރިއަށް ރަނގަނޅު ސަރަހައްދަކަށް ވެފައި ކަނޑުގެ އައްސޭރީގައިވާ ސަރަހައްދަކަށް ވުމުގެ އިތުރުން އެއީ ޝާމްކަރައަށް މައްކާގެ އަރަބިން ކުރާ ވިޔަފާރި ދަތުރުތަކުގެ މައިދޮރު ކަމަށް އެމީހުން ދެކޭތީއެވެ.

ޖާހިލިއްޔަ ޒަމާނުގައި ގުރައިޝު ވަންހައިގެ މީހުން ޝާމް ކަރައަށް (މިހާރު ފަލަސްތީން، އުރުދުން، ލުބްނާން، ސޫރިޔާގެ ސަރަހައްދު) ކުރާ ވިޔަފާރި ދަތުރުތަަކުގެ ވާހަކަ ކީރިތި ގުރްއާނުގައިވެސް ވާރިދުވެގެން ވެއެވެ.

"لإِيلَافِ قُرَيْشٍ. إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ. فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ. الَّذِي أَطْعَمَهُمْ مِنْ جُوعٍ وَآَمَنَهُمْ مِنْ خَوْفٍ". (ގުރައިޝުވަންހައިގެ މީހުން އެކުވެރި ކުރެއްވި ކަމަށްޓަކަ އެވެ. ފިނިމޫސުމާއި ހޫނު މޫސުމުގެ ދަތުރުގައި އެމީހުން އެކުވެރި ކުރެއްވި ކަމަށްޓަކައެވެ. ފަހެ، މިގެފުޅުގެ ވެރި ރަސްކަލާންގެ ކިބައަށް އެމީހުން އަޅުކަންކުރާހުށި ކަމެވެ! އެކަލާންގެއީ ބަނޑުހައިހޫނުކަމުގައި ވަނިކޮށް އެމީހުންނަށް ކާންދެއްވައި އަދި ބިރުވެރިކަމުގައި ވަނިކޮށް އެމީހުންނަށް އަމާންކަން ދެއްވި ރަސްކަލާންގެއެވެ.) މިސޫރަތުގައި ވާރިދުވެގެންވާ ގުރައިޝުން ހޫނު މޫސުމާއި ފިނި މުސުމުގެ ދެ ދަތުރަކީ ފިނިމޫސުމުގައި ގުރައިޝުން ޔަމަނަށް ކުރާ ވިޔަފާރި ދަތުރާއި ހޫނު މޫސުމުގައި އެމީހުން ޣައްޒާއަށާއި ޝާމް ކަރައިގެ އެހެން ސަރަހައްދުތަކަށް ކުރާ ދަތުުރުތައް ކަމަށް ތަފްސީރު އިލްމުވެރިން ވިދާޅުވެ އެވެ.

ކީރިތި ރަސޫލާގެ މުނިކާފާފުޅުގެ މަގްބަރާ ވަނީ ޣައްޒާގައި

ތާރީޚު ބުނާގޮތުން ގުރައިޝުން މިގޮތަށް ހޫނު މުސުމުގައި ޣައްޒާއަށް ކުރާ ދަތުރުތަކުގައި ކީރިތި ރަސޫލާ (ސޢވ) ގެ މުނިކާފާފުޅު ހާޝިމްބިން އަބްދުމަނާފް (ހާޝިމްގެފާނު) ބައިވެރިވެވަޑައިގަންނަވައެވެ. އަދި ހާޝިމްގެފާނު އަވަހާރަވީ ވެސް މިގޮތަށް އެކަލޭގެފާނު ޣައްޒާއަށް ކުރެއްވި ވިޔަފާރި ދަތުރުފުޅެއްގައި ޣައްޒާ ގައެވެ.


ޣައްޒާގައިވާ ހާޝިމްގެފާނުގެ މަގްބަރާގެ ފޮޓޯއެއް

އެހެންކަމުން ޙާޝިމްގެފާނު ފަސްދާނު ލެވިފައި ވަނީވެސް ޣައްޒާގައެވެ. ހާޝިމްގެފާނުގެ މަގްބަރާ ވެސް ވަނީ ޣައްޒާގެ އައްދުރްޖު އަވަށުގައި ހުންނަ "ޖާމިޢުއްސައްޔިދު ހާޝިމް" މިސްކިތުގައެވެ. ޙާޝިމްގެފާނުގެ މަގްބަރާ ހިމެނޭގޮތަށް މިމިސްކިތް ބިނާކުރީ އިސްލާމީ ޚިލާފަތުގެ ތެރެއިން މަމާލިކުންގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. އެއަށްފަހު ޙާޝިމްގެފާނުގެ މަގްބަރާ ހިމެނޭ މި މިސްކިތް ޒަމާނާ އެއްގޮތަށް އަލުން އައުކޮށް ބިނާކުރީ އިސްލާމީ އެންމެ ފަހުގެ ޚިލާފަތް ކަމަށްވާ ތުރުކީންގެ ޚިލާފަތުގެ ދުވަސްވަރު ތުރުކީންގެ ޚަލީފާ އައްސުލްތާން އަބްދުލްޙަމީދެވެ. އެއީ މީލާދީގޮތުން 1850 ވަނަ އަހަރުއެވެ.

މި މިސްކިތް މިހާރުވެސް ޣައްޒާގައި އެބަހުއްޓެވެ. އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނުގައި ޣައްޒާގެ 60 މިސްކިތެއް މިހާރު ބިމާ ހަމަކޮށްލާފައިވާއިރު އޭގެތެރޭގައި މިމިސްކިތް ހިމެނޭކަން ޚަބަރުތަކުން އެނގިފައެއް ނުވެއެވެ.

ކީރިތި ރަސޫލާ(ސޢވ) ގެ ބައްޕާފުޅު ޣައްޒާއަށް ޒިޔާރަތް ކުރެއްވުން

އިސްލާމް ދީން ފާޅުވުމުގެ ކުރިން އަދި ކީރިތި ރަސޫލާ (ސޢވ) ވެސް އުފަންވެވަޑައިގަތުމުގެ ކުރިން އެކަލޭގެފާނުގެ ގެ ލޮބުވެތި ބައްޕާފުޅު އަބްދުﷲ ގެފާނުގެ އުމުރުފުޅުން 25 އަހަރުގައި ވިޔަފާރި ދަތުރެއްގައި ގުރައިޝުންގެ ގާފިލާއެއްގައި ޣައްޒާއަށް ވަޑައިގެންނެވިއެވެ. ޣައްޒާއަށް ކުރެއްވި މި ދަތުރުފުޅުން އެނބުރި ވަޑައިގެންނެވި މަގުމަތީގައި މަދީނާ (ޔަޘްރިބް) އާ ހިސާބަށް ވަޑައިގެންނެވުމާއެކު އަބްދުﷲ ގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެން އެކަލޭގެފާނުގެ މަންމާފުޅު ފަރާތުގެ ބޮޑުބޭބެއިން ބަނީ އަދީ ބަނިއްނައްޖާރު ވަންހައިގެ މީހުންނާއެކު މަދީނާގައި އެކަލޭގެފާނު މަޑުކުރެއްވީއެެވެ.

މި އާލާސްކަންފުޅާ ގުޅިގެން މަހެއްހާ ދުވަހު މަދީނާގައި އަބްދުﷲ ގެެފާނު މަޑުކުރެއްވި ކަމަށްވެއެވެ. އެދުވަސްވަރު އެކަލޭގެފާނުގެ އަނބިކަނބަލުން އާމިނަތު ބިންތި ވަހްބު (ކީރިތި ރަސޫލާގެ މަންމާފުޅު އާމިނަތުގެފާނު) އިންނެވީ ކީރިތި ރަސޫލާ (ސޢވ) އާގެން އާލާސްވެވަޑައިގެންނެވެ. އަބްދުﷲ ގެެފާނުގެ އާލާސްކަންފުޅުގެ ޚަބަރު އަބްދުލްމުއްތަލިބްގެފާނަށް ލިބިވަޑައިގަތުމާއެކު އަބްދުﷲގެ ފާނަށް އެހީތެރިވެ ދެއްވުމަށް ޓަކައި އެކަލޭގެފާނުގެ އެންމެ ދޮށީދަރިކަލުން ހާރިޘުގެފާނު މަދީނާއަށް ފޮނުއްވި އެވެ. ނަމަވެސް ދަތުރުފަތުރު ހުރިގޮތުން ޙާރިޘްގެފާނަށް މަދީނާއަށް ވަޑައިގެންނެވުނުއިރު އަބްދުﷲ ގެފާނު ވަނީ އަވަހާރަވެގެން މަދީނާގެ ދާރުއްނާބިޣާ ގައި ފަސްދާނުވެސް ލައްވާފައެވެ. ދެން ޙާރިޘްގެފާނު އެނބުރި މައްކާއަށް ވަޑައިގެން މި ޚަބަރު އަބްދުލްމުއްތަލިބްގެފާނަށް ދެއްވުމުން އެކަލޭގެފާނު ކީރިތި ކުރެއްވި ކަމަށްވެއެވެ. އެއަށްފަހު މާބަނޑުގެ މުއްދަތު ހަމަވުމާއެކު އާމިނަތުގެފާނު މައްކާގައި ކީރިތި ރަސޫލާ (ސޢވ) އާގެން ރައްކައުވެވަޑައިގެންނެވީ އެވެ. (އިސްލާމީ ތާރީޚުގެ ބައެއް ފޮތްތައް)