މިދިޔަ މަހު ނިމިގެންދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިޓަލީ ޓީމަށް ރަނގަޅު ކުޅުމެއް ނުދެއްކުމުގެ ސަބަބުން ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި ފޯވަޑް މާރިއޯ ބަލޮޓެލީ އަކީ އޭސީ މިލާނަށް މުހިންމު ކުޅުންތެރިއެއް ކަމަށް އެ ޓީމުގެ ފޯވަޑް ސްޓެފަން އެލް ޝާރަވީ ބުނެފި އެވެ.

މިދިޔަ ސީޒަން ނިމުމާއެކު އުމުރުން 23 އަހަރުގެ ބަލޮޓެލީ، މިލާނު ދޫކޮށް ދާން ތައްޔާރުވަމުންދާ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނަމުންދިޔަ ނަމަވެސް، އެ ކްލަބުގެ ސީއީއޯ އެޑްރިއާނޯ ގަލިއާނީ ވަނީ ބަލޮޓެލީ އަކީ ވިއްކާ ކުޅުންތެރިއެއް ނޫންކަން އިއުލާންކޮށްފަ އެވެ.

"ބަލޮޓެލީ ކުރިއަށްދަނީ ރަނގަޅަށް،" ލަ ގެޒަޓާ ޑެލޯ ސްޕޯޓް'އަށް ދިން އިންޓަވިއުއެއްގައި ޝާރަވީ ބުންޏެވެ. "ބަލޮޓެލީ ކުރަން ބޭނުންވާ ކަންތައް ކުރިއަށް ގެންދަން އޭނާ ބޭނުންވޭ. ޗެމްޕިއަނަކަށް ވުމަށް އޭނާގެ ކިބައިގައި ފެންވަރު އެބަހުރި. އޭނާއަކީ މިލާނަށް ވަރަށް މުހިންމު ކުޅުންތެރިއެއް. އަހަރެމެންގެ ޓާގެޓަކަށް ވާން ޖެހޭނީ ހަމައެކަނި ގަދަ ތިނެއްގައި ހިމެނުމެއް ނޫން،"

މިލާނުގެ ކޯޗުކަމާއި މިހާރު ހަވާލުވެ ހުރީ އެ ކްލަބުގެ ލެޖެންޑް ފިލިޕޯ އިންޒާގީ އެވެ. ޝާރަވީ ބުނީ، އުމުރުން 40 އަހަރުގެ ކޯޗު އިންޒާގީއާ އެކު މަސައްކަތްކުރަން ތައްޔާރަށް ހުރި ކަމަށެވެ.

"އިންޒާގީގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް. އިންޒާގީ ބޭނުންވާ ކާމިޔާބު ހޯދުމަށް އޭނާގެ ކިބައިގައި އެ ފެންވަރު އެބަހުރި. އަހަރެންގެ ފަރާތުން ކޯޗު ބޭނުންވާ ކަންތައްތައް ކިޔައިދޭ. އިންޒާގީގެ އިރުޝާދުތަކަކީ އަހަރެންނަށް ވަރަށް މުހިންމު އިރުޝާދުތަކެއް."

މިދިޔަ ސީޒަނުގެ އިޓާލިއަން ސެރީއާގެ އަށް ވަނައިގައި ނިންމާލަން ޖެހުނު މިލާނު، އަންނަ ސީޒަނަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކުން ވެސް ރަނގަޅު ނަތީޖާތަކެއް ނެރިވިފައެއް ނުވެ އެވެ. މިލާނު އެމެރިކާއަށް ކުރި ދަތުރުގައި 5-1 ލަނޑުން މެންޗެސްޓާ ސިޓީ އަތުން ބަލިވި އިރު، އޮލިމްޕިއާކޮސް އަތުން 3-0 ލަނޑުން ވަނީ ބަލިވެފަ އެވެ.