މާލޭގައި ހުރި މިސްކިތްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް އެ މިސްކިތްތައް މަރާމާތު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް އެކަށިގެންވާ ބަޖެޓެއް ސަރުކާރުން ނުދެއްވާ ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ ވިދާޅުވީ، މާލޭ ސިޓީގައި މަރާމާތު ކުރަން ޖެހިފައިވާ 22 މިސްކިތް އެބަހުރި ކަމަށާއި ނަމަވެސް މިސްކިތް މަރާމާތު ކުރުމަށް އިސްލާމިކް މިނިސްޓްރީން ސިޓީ ކައުންސިލަށް ހަވާލުކޮށްފައި ވަނީ 14 މިސްކިތް މަރާމާތު ކުރުމަށް ބޭނުންވާ 800،000 ރުފިޔާ ކަމަށެވެ.

"ރޯދަމަސް ފެށެން ގާތްގަނޑަކަށް ހަފްތާއަކަށް ކުރުވެފައި އޮއްވައި އިސްލާމިކް މިނިސްޓްރީން އެންގެވީ މަސައްކަތް ފަށަން. ދެން އެހިސާބުން އަޅުގަނޑުމެން އިއުލާނު ކޮށްގެން އެކަމަށް ކުރިމަތިލީ ވެސް އެންމެ ދެ ފަރާތުން. އެވަރު ކުރު މުއްދަތެއްގައި ކިހިނެއްތޯ އެ މަސައްކަތް އަޅުގަނޑުމެން ރޯދަމަހަށް ނިންމާނީ،" ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ ރޯދަމަހަށް މިސްކިތްތަށް މަރާމާތު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދެ މަސް ކުރިން ފަށާފައިވާނެ ކަމަށާއި ނަމަވެސް އެކަމަށް އިސްލާމިކް މިނިސްޓްރީން މާބޮޑު އެއްބާރުލުމެއް ލިބިފައިނުވާ ކަމަށެވެ. އެގޮތތުން މިދިޔަ ރޯދަމަހަށް ކުލަލައި މަރާމާތު ކުރި މިސްކިތެއްނަމަ އެކަން ކޮށްފައި ވަނީ ސިޓީ ކައުންސިލާއި އަމިއްލަ ފަރާތްތައް ގުޅިގެން ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.

މިސްކިތްތައް ބެލެހެއްޓުމުގައި އެކަށީގެންވާ އުސޫލެއް ސަރުކާރުން ކަނޑައަޅަން ޖެހޭކަން ފާހަގަ ކުރައްވައި ސިފާ ވިދާޅުވީ އެކަންކަމަށް ދެމެހެއްޓެނިވި ރަނގަޅު އުސޫލެއް ނެތި މިސްކިތްތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމަކީ ދަތިކަމަކަށް ވާނެ ކަމަށެވެ.