02 Aug 2014, 14:18
ރާއްޖެއިން ފުރަން އުޅެނިކޮށް އެމެރިކާގެ ސީކްރެޓް ސާވިސް އެޖެންޓުން މިދިޔަ ޖުލައިމަހުގެ ފަސް ވަނަ ދުވަހު ހައްޔަރުކުރި ރަޝިޔާގެ ރޯމަން ވަލެރިވިޗް ސްލެޒްނޯވް ހައްޔަރުކޮށްފައި ވަނީ ގަބޫލު ނުކުރެވޭ ގޮތަކަށް ނޫން ކަމަށް އޭނާގެ މައްސަލަ ބަލާ ފަނޑިޔާރު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ގުއާމްގައި ސްލެޒްނޭވްގެ މައްސަލަ ބަލަމުން އަންނަ ކޯޓްގެ އިސް ފަނޑިޔާރު ފްރެންސިސް ޓިޑިންކޯ ގޭޓްވުޑް ވިދާޅުވި ކަމަށް ޕެސިފިކް ޑެއިލީ ބުނީ، އޭނާ ހައްޔަރުކުރުމުގެ ކަންތައް ގޮސްފައި ވަނީ ހައިރާންވާ އަދި ގަބޫލު ނުކުރެވޭ ފެންވަރެއްގައި ނޫން ކަމަށެވެ. ސްލެޒްނޯވް ދޫކޮށްލުމަށް އޭނާގެ ވަކީލު އެދިފައިވާ ގޮތަށް އޭނާ ދޫކޮށް ނުލެވޭނެ ކަމަށް ވެސް ފަނޑިޔާރު އިއްޔެ ވަނީ ނިންމަވައިފަ އެވެ.
އެމެރިކާ ޕޮއިންޓް އޮފް ސޭލްސް ސިސްޓަމް (ޕީއޯއެސް) ތަކެއް ހެކްކޮށްގެން 200000 ކްރެޑިޓް ކާޑްގެ ނަމްބަރު ހޯދާފައިވާ ކަމަށް އެ ގައުމުން ތުހުމަތު ކުރާ ސްލެޒްނޯވް، ވޮޝިންޓަނަށް ނުގެންގޮސް ބަހައްޓާފައި ހުރީ ގުއާމްގެ ކޯޓަށް އޭނާގެ ވަކީލުން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. އޭނާގެ ވަކީލުން ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ ރާއްޖޭގައި ސްލެޒްނޯވް ހައްޔަރުކޮށްފައި ވަނީ ބައިނަލް އަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ވާތީ އޭނާ ދޫކޮށްލަން ޖެހޭނެ ކަމަށެވެ.
ރަޝިޔާގެ ޕާލަމެންޓް މެމްބަރެއް ކަމަށްވާ ވަލެރިވިޗް ސްލެޒްނޯވްގެ ދަރިއެއް ކަމަށްވާ ރޯމަން ވަލެރިވިޗް ސްލެޒްނޯވް މިމަހުގެ ފަސް ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިން މިމަހުގެ ހަތް ވަނަ ދުވަހު ބުންޏެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮންތަނެއްގައި ކަމެއް އެބަޔާނުގައި ނުބުނެ އެވެ. އޭގެ ފަހުން މި މަހުގެ އަށް ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ ހަވަނަ ދުވަހު ގުއާމްގައި ކަމަށެވެ.
ނަމަވެސް ސްލެޒްނޯވްގެ އަންހެނުންނާއި އޭނާގެ ވަކީލު ބުނެފައި ވަނީ އެމެރިކާގެ ސީކްރެޓް ސާވިސް އެޖެންޓުން އޭނާ ހައްޔަރުކުރީ ރާއްޖޭގައި ކަމަށެވެ. އަދި ހައްޔަރު ކުރުމަށް ފަހު، އެމެރިކާއިން ޗާޓަރުކުރި ޖެޓެއްގައި އޭނާ ގުއާމަށް ގެންދިޔައީ ކަމަށެވެ.