02 Aug 2014, 14:13
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބާއްވަމުން އަންނަ އެ އިދާރާގެ އެވޯޑް ނައިޓް، މިއަހަރު ވެސް ބާއްވަން ނިންމާފައި ވާއިރު، އެވޯޑް ނައިޓް ބާއްވާނެ ތާރީޚެއް މި ހަފްތާ ތެރޭގައި ފައިނަލް ވާނެ ކަމަށް އެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒް(ޖަވާ) ވިދާޅުވެއްޖެ އެވެ.
"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ޖަވާ ވިދާޅުވީ، އެވޯޑް ނައިޓް ބާއްވާނެ ތާރީޚެއް ފައިނަލް ކުރުމަށްޓަކައި އެކްސްކޯގެ ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއާއެކު ބައްދަލުވުމެއް މި ހަފްތާ ތެރޭގައި ބާއްވަން ނިންމާފައި ވާ ކަމަށެވެ.
"އެވޯޑް ނައިޓް ބާއްވާނެ ތާރިހެއް ފައިނަލް ކުރުމަށް އެކްސްކޯގެ ބައްދަލުވުން މިހަފްތާ ތެރޭގައި ބާއްވާނަން. އެކްސްކޯ ބައްދަލުމެއް ނުބޭއްވި މި ދިޔައީ ބަންދުތެރެއާ ދިމާވުމުން،" ޖަވާ ވިދާޅުވި އެވެ.
އެފްއޭޭއެމްގެ އެވޯޑް ނައިޓަކީ ،ފުޓްބޯޅަ ކުޅުންތެރިންނާއި އެ ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެފްއޭއެމުން ބާއްވާ އެންމެ ހާއްސަ ރަސްމިއްޔާތެވެ.
އެފްއޭއެމް އެވޯޑް ނައިޓްގައި މިފަހަރު ހޮވުމަށް ހަަމޖެހިފައިވާ މަގާމް ތަކުގެ ތެރޭގައި އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އާއި ފިރިހެން ކުޅުންތެރިޔާ އަދި ޒުވާން ކުޅުންތެރިޔާ އާއި ހިދުމަތްތެރި ރެފްރީންނަށް ދޭ އެވޯޑުގެ އިތުރުން އަހަރުގެ އެންމެ މޮޅު ކްލަބްގެ އެވޯޑް ހިމެނެއެވެ. އަދި އެފްއޭ ޕްރެޒިޑެންޓްސް އެވޯޑާއި އަގުވަޒަންކުރުމުގެ އެވޯޑުގެ އިތުރުން ސަޕޯޓާސް ޓީމުގެ އެވޯޑު ވެސް ހިމެނެއެވެ.
މިދިޔަ އަހަރު ބޭއްވި އެފްއޭއެމްގެ އެވޯޑް ނައިޓުގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ލިބުނީ ނިއު ރޭޑިއެންޓް ސްޕޯޓްސް ކުލަބުގެ މުހައްމަދު އުމެއިރަށެވެ. އުމެއިރާ ވާދަކޮށް ދެވަނައަށް އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެލޭޝިއާގެ ޕީޑީއާރްއެމްއަށް މިހާރު ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.