އައްޑޫ ސިޓީގެ ހަ ސަރަހައްދެއްގައި ގެސްޓްހައުސް ތަރައްގީ ކުރުމަށް ހުޅުވާލި ފުރުސަތުގައި 20 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އެ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.

"ސަން"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ސޯބެ ވިދާޅުވީ، އެ ސިޓީގެ ހަ ސަރަހައްދެއްގައި ގެސްޓްހައުސް ތަރައްގީ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައި ފަރާތްތަކުގެ ތެރޭގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރޭގައި ރާއްޖޭގެ އިންވެސްޓަރުން ގިނަކަން ސޯބެ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ކައުންސިލްގެ ފަރާތުން އައްޑޫ ސިޓީގެ ހަ ސަރަހައްދެއްގައި ގެސްޓް ހައުސް ތަރައްގީ ކުރުމަށް ހުޅުވާލީ ފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް 20 ފަރާތަކުން ހުށަހަޅާފައިވޭ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުން އެހެން ނަމަވެސް ރާއްޖޭގެ އިންވެސްތަރުން ގިނަކަން އަޅުގަނޑު ފާހަނގަކުރަން" ސޯބެ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ، އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ އިންވެސްޓަރުންނާއި ބޭންކްތަކާއެކު ކައުންސިލުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެގޮތުން އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި އެކަމަށް އެދި ހުށަހަޅާފައިވާ އިންވެސްޓަރުންނާއި ކައުންސިލް ހިސްސާވާ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސޯބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކައުންސިލާއި އިންވެސްޓަރުން ހިއްސާވާ ކުންފުނި އުފައްދަނީ ބޭންކުތަކާ އެކު ކުރެވުނު މަޝްވަރާގެ މަތިން ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދެވެން އޮތީ ކުންފުންޏެއް ހަދައިގެން ކަމަށް ބޭންކުން ލަފާދީފައި ވާތީ ކަަމަށެވެ.

ގެސްޓްހައުސް ތަރައްގީ ކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ސޯބެ ވިދާޅުވީ، އިންވެސްޓަރުންގެ ތެރޭގައި އިންޑިއާ އޮސްޓްރޭލިޔާ އަދި އެ ނޫންވެސް ގައުމުތަކުގެ އިންވެސްތަރުން ހިމެނޭ ކަމަށެވެ. އަދި ކައުންސިލުން ހުށަހަޅާފައވާ އަދަދަށްވުރެ އިތުރަށް ރޫމްތައް ގިނަކޮށް ގެސްޓްހައުސް ތަރައްގީ ކުރަށް ބައެއް އިންވެސްޓަރުން ހުށަހަޅާފައި ވާ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫ ސިޓީގައި ގެސްޓްހައުސް ތަރައްގީ ކުރުމަށް ދޫކުރެވޭ ބިންތައް ދޫކުރެވޭނީ 25 އަހަރާއި 35 އަހަރާ ދެމެދުގެ މުއްދަތަކަށް ކަމަށެވެ.

އައްޑޫ ސިޓީގައި ގެސްޓްހައުސް ތަރައްގީ ކުރުމަށް ސަރުކާރުގެ ފަރާތުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށް ސޯބެ ވިދާޅުވީ އެވެ. އެގޮތުން ސަރުކާރުގެ ފަރާތުން އެކަމަށް ތާއިދުކުރާކަން ހާމަކޮށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ލިޔުމެއް ދީފައިވާކަން ވެސް ސޯބެ ފާހަގަ ކުރެއްވި އެވެ.

އައްޑޫ ސިޓީއަށް ލިބޭ އާމްދަނީ އިތުރުކޮށް އައްޑޫ ސިޓީގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް އައްޑޫ ސިޓީ އިތުރަށް ތަރައްގީ ކުރުމަށްޓަކައި އެ ސިޓީގެ ހަ ސަރަހައްދެއްގައި ޖުމުލަ 2000 އެނދުގެ ގެސްޓްހައުސް ތަރައްގީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ