02 Aug 2014, 12:38
ޓޮޓެންހަމް ހޮޮޓްސްޕާގެ ޓޯގޯ ފޯވަޑް އެމަނުއެލް އަޑެބަޔޯއަށް މެލޭރިއާގެ ޖެހި އޭނާއަށް ނުހިނގުނު ކަމަށް އަޑެބަޔޯ ބުނެފި އެވެ.
އަޑެބަޔޯއަށް މެލޭރިއާ ޖެހުމުގެ ސަބަބުން އޭނާއަށް ވަނީ މިދިޔަ މަހު ޓޮޓެންހަމް އިން އެމެރިކާއަށް ކުރި ޕްރީ ސީޒަން ދަތުރުގައި ބައިވެރިވެވޭގޮތް ނުވެފަ އެވެ. އަޑެބަޔޯ ނެތުމުގެ ސަބަބުން އެމެރިކާއަށް ކުރި ދަތުރުގައި ޓޮޓެންހަމް ޓީމުގައި ތިބީ އެންމެ ދެ ފޯވާޑުންނެވެ.
"އަހަރެން ޓޯގޯއަށް ދިޔައީ އަހަރެންގެ އާއިލާއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް،" ޑެއިލީ މެއިލްއަށް ދިން އިންޓަވިއުއެއްގައި އަޑެބަޔޯ ބުންޏެވެ. އަހަރެންނަށް މެލޭރިއާ ޖެހުނުކަން އެނގުނީ ލަނޑަނަށް އައި ފަހުން. އެއީ މީގެއް ދެ ހަފްތާ ކުރިން. ހަފްތާއަކު ބަލިކޮށް އުޅުމަށްފަހު، މިހާރު އަހަރެން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަން،"
އަޑެބަޔޯ ބުނީ، އެ ބަލީގެ ސަބަބުން ހަފްތާއެއް ވަންދެން އޭނާއަށް އެއްވެސް ކަމެއް ނުކުރެވުނު ކަމަށާއި ބަލީގެ ސަބަބުން އެއް ކިލޯ ލުއިވި ކަމަށެވެ. މެލޭރިއާ އަކީ އެފްރިކާގެ އާންމު ބައްޔެއްގެ ކަމަށް ވެސް އަޑެބަޔޯ ވަނީ ސިފަކޮށްފަ އެވެ.
"އަހަރެން ޓޯގޯއަށް ދާއިރަށް ފުރަތަމަ ވެސް ފަށަނީ ބޮލުގަ ރިއްސަން. އެއީ ގައުމުގެ އާންމު ބައްޔާއި ހެދި،" އޭނާ ބުންޏެވެ. "ލަންޑަނުގައި ކަންތައްތައް އެއް ގޮޮތެއް ނޫން. މެލޭރިއާ އަކީ ލަންޑަނުގެ އާންމު ބައްޔެއް ނޫން. އެ ބަލީގެ ސަބަބުން އޭރު އަހަރެންގެ ހާލު ދެރަވިޔަސް މިހާރު އަހަރެން މިހިރީ ފިޓްކޮށް."
ޓޮޓެންހަމްގެ އެންމެ މުހިންމު ފޯވަޑުގެ ގޮތުގައި އަޑެބަޔޯ ފާހަގަކޮށްލެވޭ އިރު، އެ ޓީމުގެ އާ ކޯޗު މައުރީސިއޯ ޕޮޗޭޓިނޯގެ އިރުޝާދުގެ ދަށުން ޓޮޓެންހަމްއަށް އަޑެބަޔޯ އަދި މެޗެއް ކުޅެފައެއް ނުވެ އެވެ.