ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެކްސިކޯގެ ގޯލްކީޕަރު ގުއިލާމޯ އޮޗޯއާ ސްޕެއިންގެ މަލާގާއަށް ބަދަލުވެއްޖެ އެވެ.

މަލާގާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮޗޯއާ އަކީ މޮޅު ކީޕަރެއް ކަމާށާއި އޭނާގެ މޮޅުކަން ނިމިދިޔަ ވޯލްޑް ކަޕްގައި ފެނިގެން ދިޔަ ކަމަށެވެ. އަދި ސްޕެއިން ލީގުގައި މަލާގާ މިމަހުގެ 23 ވަނަ ދުވަހު އެތްލެޓިކޯ ބިލްބާއޯ އާއި ދެކޮޅަށް ކުޅޭ މެޗުގައި އޮޗޯއާ ފެނިގެން ދާނެ ކަމަށް ވެސް މަލާގާއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ބްރެޒިލްގައި ނިމިގެންދިޔަ ވޯލްޑްކަޕްގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 29 އޮޗޯއާ ބުނީ، މަލާގާގެ ހުށައެޅުންތަކާ ކުލަބުން ބަހައްޓަމުން އަންނަ މެހެމާން ދާރީއަށް ޝުކުރު އަދާ ކުރާ ކަމަށާއި ސްޕެއިން ލީގް މަލާގާއަށް ހޯދައި ދިނުމަށް ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަހަރެން މަލާގާއަށް ބަދަލުވީ އެކުލަބަށް ކާމިޔާބު ހޯދަދޭން. އަހަރެން މިހުރީ މަލާގާއަށް ސްޕެއިން ލީގް ހޯދައި ދިނުމަށް ތައްޔާރަށް." މަލާގާއަށް ސޮއި ކުރުމަށްފަހު އޮޗާއޯ ކުރި ޓްވީޓްގައި އޭނަ ބުނެފައި ވެއެވެ.

އޮޗާއޯ މަލާގާއަށް ގެނެސްފައިމިވަނީ އެ ކްލަބުގެ ކީޕަރު ވިލީ ކަބެލޭރޯ ހަ މިލިއަން ޕައުންޑަށް އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއަށް ހުސްވި މަހުގެ ތެރޭގައި ބަދަލުވުމާއި ގުޅިގެންނެވެ.