31 Mar 2010, 10:51
10:00
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުޞަތު ހުޅުއްވާލެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ. މިކަން މިގޮތަށް ނިންމެވީ، އިއްޔެ ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ބެހޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ވަޒީރުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، 2006 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ މަސްވެރިކަން އާދަޔާ ޚިލާފަށް ދަށްވެފައިވާތީ، ރާއްޖޭގެ މަސްވެރިކަމުގެ ޙާލަތު މިހާރަށްވުރެ ރަނގަޅު ކުރެއްވުމަށް ކުރެއްވިދާނެ އެއްކަމަކީ، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ، އަތޮޅުތަކުގެ ބޭރުދުނީގެ ފުއްޓަރުން ފެށިގެން 100 ނޯޓިކަލް މޭލުން ފެށިގެން 200 ނޯޓިކަލް މޭލު ފުޅާ ކަނޑުގެ ސަރަޙައްދުގައި ރީނދޫ އުރަހަކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނުމަސްވެރިކަން ކުރުމަށް ދިވެހި މަސްވެރިންނާއި ކުންފުނިތަކަށް ހުޅުވާލެއްވުންކަން މެންބަރުން ފާހަގަކުރެއްވި އެވެ.
ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި ކުރެވޭ ކަޅުބިލަމަހުގެ މަސްވެރިކަމުގައި އެވްރެޖްކޮށް 22 އިންސައްތަ ޙިއްޞާކުރާ ޤައުމެކެވެ. ނަމަވެސް، އިންޑިއާ ކަނޑުގައި ބާނާފައިވާ ކަންނެލީގެ ތެރެއިން ދިވެހިރާއްޖެ ޙިއްޞާކުރާ މިންވަރަކީ އެވްރެޖްކޮށް 5 އިންސައްތަ އެވެ. އެހެންކަމުން، ދިވެހިރާއްޖެއިން ކަންނެލީގެ މަސްވެރިކަން އިތުރަށް ފުޅާކުރުމަކީ މުހިންމު ކަމެއް ކަމާއި، އެހެނީ ކަޅުބިލަމަހާއި އަޅާބަލާއިރު، ކަންނެލީގެ އަގު ބާޒާރުގައި މާ ބޮޑުތަންވެސް ބޮޑުވެފައި މަސްވެރިންނަށް އެއިން ލިބޭނެ ނަފާ، އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށްވެސް މެންބަރުން ދެކެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުޞަތު ހުޅުއްވާލެއްވުމުން އެކަން ކުރަންޖެހޭނީ، ދިވެހި ބޯޓުފަހަރުގައި ދިވެހިން ކަމަށާއި، މަސްގަންނަން ޖެހޭނީ ރާއްޖެއަށް ކަމަށް ހަމަޖެއްސެވުމަށްވެސް އިއްޔެގެ ޖަލްސާއިން ނިންމެވި އެވެ.
ލޭނު މަސްވެރިކަން ކުރުމަށް ކަނޑައަޅުއްވާ އުޞޫލުތަކާއި، އެކަމުގެ އިތުރު ތަފްޞީލު، އަންނަ ހަފްތާގެ ތެރޭގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން އިޢްލާނު ކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމެވި އެވެ.
އިއްޔެގެ ޖަލްސާގައި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ދާއަޅައިގެން މަސްވެރިކަން ކުރެވިދާނެ އުޞޫލުތަކަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވި އެވެ. އަދި ނިމިގެންދިޔަ ޑޯނަރސް ކޮންފަރެންސާބެހޭ މަޢްލޫމާތު، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ދެއްވައި، އެކަމާބެހޭ މަސައްކަތްތައް ގެންދަންވީގޮތާ ބެހޭގޮތުން މެންބަރުންނާ މަޝްވަރާ ކުރެއްވި އެވެ.