02 Aug 2014, 11:37
ނިއު ޔޯކް (އޯގަސްޓް 2) - ހުޅަނގު އެފްރިކާގައި އެހީދޭ ޖަމިއްޔާއެއްގައި މަސައްކަތްކުރަމުން އައި އެމެރިކާގެ ދެ ރައްޔިތަކަށް އެބޯލާ ވައިރަސް ޖެހުމުގެ ސަބަބުން އެ ދެމީހުންނަށް ފަރުވާ ދިނުމަށް ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކަކާ އެކު އެމެރިކާއަށް ގެނައުމަށް ހަމަޖެހިފައި ވާކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ. މިއީ ބޭރު ގައުމެއްގައި އުޅޭ އެމެރިކާ ރައްޔިތަކަށް ނުރައްކާތެރި ބައްޔެއް ޖެހުމުން ފަރުވާދިނުމަށް މިގޮތަށް ގެންދާ ފުރަތަމަ ފަހަރެވެ.
އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވާ، އެޓްލާންޓާގެ އެމޮރީ ޔުނިވާސިޓީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ އޭޕީގައި ބުނެފައި ވަނީ، ފަސޭހަކަމާއެކު ފެތުރޭ ނުރައްކާތެރި ބަލިތައް ޖެހިފައި ތިބޭ ބަލިމީހުން ތަންތަނަށް އުފުލުމަށް ޚާއްސަކޮށްފައިވާ ޖެޓެއްގައި އެ ދެ މީހުންގެ ތެރެއިން ފުރަތަމަ މީހާ މިއަދުގެ ވަގުތެއްގައި ގެންނާނެ ކަމަށެވެ. އަދި ދެވަނަ މީހާ ވެސް ދެތިން ދުވަހެއްގެ ތެރޭގައި ގެންނާނެ ކަމަށް އޭޕީގައި ބުނެފައި ވެއެވެ.
ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި ރޯގާއެއް ކަމަށްވާ އެބޯލާ ވައިރަސްގެ އެފްރިކާ ބައެއް ގައުމުތަކުގައި ހަލުއިކަމާއެކު ފެތުރެމުންދާ އިރު، އެމެރިކާގެ އާންމު ރައްޔިތުންނަށް އެއްވެސް ބިރުވެރިކަމެއް ނެތި، އެ ދެމީހުންނަށް ފަރުވާ ދެވޭނޭ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށް އެގައުމުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.
އެބޯލާ ވައިރަހަކީ ވައިގެ ޒަރީއާއިން ފެތުރޭ ބައްޔެއް ނޫނެވެ. އެބޯލާ ފެތުރެނީ، އެ ބަލި ޖެހިފައި ހުރި މީހެއްގެ ހަށިގަނޑުން، ލޭ ނުވަތަ ހަށިގަނޑުގެ ދިޔައެއް، އެހެން މީހެއްގެ ހަށިގަޑަށް ސީދާ ގޮތެއްގައި ވާސިލުމުވުންނެވެ.
އެބޯލާ ޖެހިފައިވާ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައިވާ، ލައިބީރިއާ، ސިއެރަ ލިއޯން، އަދި ގިނީގައި ބަލިޖެހިފައި ވާ މީހުންގެ އަދަދު ވަނީ 1300އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އަދި އެ ބަލިޖެހިގެން މި އަހަރުގެ މިހާތަނަށް މަރުވި މީހުންގެ އަދަދު، 700އަށްވުރެ ގިނަ އެވެ.
އެމެރިކާގެ ދެ ރައްޔިތުން ކަމަށްވާ ޑރ. ކެންޓް ބްރެންޓްލީ އާއި ނެންސީ ރައިޓްބޮލްއަކީ، އެބޯލާ ބަލިމީހުނަށް ފަރުވާދިނުމުގެ ގޮތުން ލައިބީރިއާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އަންނަ އެމެރިކާގެ މިޝަނަރީ ގްރޫޕުތަކެއްގެ ދެ ދެ މެންބަރުންނެވެ. އެ ދެމީހުން އެމެރިކާއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދަނީ، ސްޓޭޓް ޑިޕާޓްމަންޓާއި، ސެންޓަ ފޯ ޑީޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންސްގެ އެހީތެރިކަމާއެކު އެވެ.
ސްޓޭޑް ޑިޕާޓްމަންޓުގެ ބަޔާނެއްގައި ތަރުޖަމާނު، މޭރީ ހާފް އިއްޔެ ވިދާޅުވީ، އެބޯލާ ޖެހިފައިވާ މީހުން ފަރުވާދިނުމަށް އެގައުމަށް ގެންނާން ހަމަޖެހިފައި ވަނީ، "އެ ދެ ބަލި މީހުންނާއި އެމެރިކާގެ ރައްޔިތުންނަށް ވެސް އެކަމުގައި އެންމެ ރައްކާތެރި ފިޔަވަޅުތަކާ އެކު" ކަމަށެވެ.