02 Aug 2014, 11:33
ހުޅުމާލޭގެ ދެވަނަ ފޭހުގެ ބިން ހިއްކުމުގެ މަސައްކަތަށް ބޭންކް އޮފް ސިލޯން އިން ނަގަން ނިންމާފައިވާ 30 މިލިއަން ޑޮލަރުގެ ލޯންގެ އެއްބަސްވުމުގައި އަދި ވެސް ސޮއިނުކުރާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީ އިން ކުރިން ބުނެފައި ވަނީ ހުޅުމާލެ ދެވަނަ ފޭހަށް ބޭންކް އޮފް ސިލޯން އިން ދިނުމަށް ހަމަޖެހިފައިވާ ލޯން އެއްބަސްވުމުގައި މި ހުސްވި މަހުގެ ފަހުކޮޅު ސޮއިކުރެވޭ ވަރު ވާނެ ކަމަށެވެ.
އެޗްޑީސީ އިން އެގޮތަށް ކުރިން ބުނެފައިވީ ނަމަވެސް އެ ކުންފުނީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އަދި އެ އެއްބަސްވުމުގައި ސޮއިކުރެވިފައިނުވާ ކަމަށާއި އަދި ސޮއިކުރެވޭނެ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް ވަރަށް ކައިރި މުސްތަގުބަލެއްގައި ސޮއިކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އީދު ބަންދު އައުމާއި އެހިނިހެން ބައެއް ސަބަބުތައް ހުރުމުގެ ސަބަބުން ސޮއިކުރުން މިވަނީ ފަސްވެފައި، އެލޯނަކީ އެއްބަސްވެވިފައިވާ ލޯނެއް،" އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމަށް ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލް އާ އެކު ފްރޭމްވޯކް އެގްރިމެންޓެއްގައި ރަސްމީކޮށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ޝުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފޭހަށް ޖުމްލަ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށެވެ.
އެގޮތުން އެ މަސައްކަތަށް ބޭންކް އޮފް ސިލޯން (ބީއޯސީ)ން 30 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ނިންމާފައިވާ އިރު، އަނެއް 20 މިލިއަން (308 މިލިއަން ރުފިޔާ) ހަރަދުކުރާނީ އެޗްޑީސީގެ ރިޒާވުން ކަމަށް ސުހައިލު ވިދާޅުވި އެވެ.
ޑުރެޖިން އިންޓަނޭޝަނަލްއާ އެކު ހަދާފައިވާ ފްރޭމްވޯކް އެގްރިމެންޓްގެ އެއްބަސްވުމުގައިވާ ގޮތުން މި މަހުގެ ތެރޭގައި މަސައްކަތް ފަށައި އަންނަ އަހަރުގެ ޑިސެމްބަރު މަހަށް ނިންމަން ޖެހެ އެވެ.
ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރެވެ. އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއް ކަމަށް އެޗްޑީސީން ބުނެ އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 188 ހެކްޓަރުގެ ބިމަކީ 60،000 މީހުންގެ ބޯހިޔާ ވަހިކަމަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު ފެއްޓި މަޝްރޫއު އެކެވެ.