02 Aug 2014, 11:29
ފަލަސްތީނުގެ ޣައްޒާ ދިފާއު ކުރުމަށް ހަނގުރާމަކުރާ ހަމާސް ޖަމާއަތުން އިސްރާއީލު ސިފައިންގެ މީހަކު ރަހީނުކޮށްފައިވާ ކަމަށް އެމެރިކާއިން ބުނި ބުނުން ހަމާސް އިން ދޮގުކޮށްފިއެވެ.
ހަމާސް އިން މިއަދު ބުނީ އެމެރިކާއިން އެބުނާ އިސްރާއީލު މީހާ އެގައުމުގެ ސިފައިންގެ ހަމަލާއެއްގައި މަރުވެފައި ވެދާނެ ކަމަށެވެ.
" ...ރަފަހުގެ ކައިރިއަށް ފޮނުވި ޖާނުން ފިދާވާ މިޝަންއާ އަހަރެމެންނާ ގުޅުން ކެނޑުނު އެމީހުން ފޮނުވިތަނާ. އަދި އަހަރެމެން ގަބޫލުކުރަނީ އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި އެ އެންމެން ވެސް މަރުވީ ކަމަށް. އަދި އިސްރާއީލުން ގެއްލުނު ކަމަށް އެބުނާ ސިފައިންގެ މީހާ ވެސް އެހަމަލާގައި މަރުވީ ކަމަށް،" ހަމާސްއިގެ އިއްޒުއްދީނުލް ޤައްސާމް ބްރިގޭޑޫން ބުނި ކަމަށް އަލްޖަޒީރާ ބުންޏެވެ.
އިސްރާއީލުން ކުރިން ބުނެފައި ވަނީ އެގައުމުގެ ސިފައިންގެ މީހެއް ކަމަށްވާ އުމުރުން 23 އަހަރު ހާޑަރު ގޯލްޑިން ގެއްލިފައިވާ ކަމަށެވެ. އަދި އޭނާ ގެއްލުނީ ހަމާސްގެ ބިންގަރާސްތައް ހަލާކުކުރަން އުޅުނު ސިފައިންނަށް ހަމާސް އިން ދިން ހަމަލާއެއްގައި ކަމަށާއި އެހަމަލާގައި އިތުރު ދެ ސިފައިން މަރުވި ކަމަށް ވެސް ބުންޏެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވައިޓްހައުސްގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި ތުހުމަތުކުރައްވާފައި ވަނީ ހަމާސް އިން އިސްރާއީލު ސިފައިންގެ މީހާ ރަހީނުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ދޫކޮށްލުމަށް ވެސް ވަނީ ގޮވާލައްވާފައެވެ. އޮބާމާ މިމޭރުމުން ވާހަކަދެއްކެވީ ޔުނައިޓެޑް ނޭޝަންސް (ޔޫއެންީ) އިން މެދުވެރިވެގެން 72 ގަޑި އިރަށް ހަނގުރާމަ ހުއްޓައިލުމަށް ވީ އެއްބަސްވުން ދެފަރާތުން ވެސް އުވާލުމުންނެވެ.
"...މިމައްސަލަ ހައްލުކުރުމުގައި އެމީހުން (ހަމާސް) ސީރިއަސް ނަމަ، އެއްވެސް ޝަރުތެއް ނެތި އެސިފައިންގެ މީހާ ދޫކޮށްލަން ޖެހޭނެ ވީހާ އަވަހަކަށް،" އޭނާ ވިދާޅުވެފައި ވެއެވެ.