ރާއްޖޭގެ ކްރިކެޓް ބޯޑާއި "އިންޑިއާ ކްލަބް" ގުޅިގެން އިންޑިއާގެ އަހަރީ ދުވަހާ ދިމާކޮށް މާލޭގައި ބޭއްވި ޓީ10 ކްރިކެޓް މުބާރާތް ރާއްޖޭގެ ޓީމުން ކާމިޔާބު ކޮށްފިއެވެ.

އިންޑިއާ ކްލަބަކީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ޒުވާނުން އިސްނަގައިގެން ހޯމްމިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެކެވެ.

މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެ އިއްޔެ ހޯދީ ފައިނަލުގައި ސްރީ ލަންކާ ހައިކޮމިޝަން ޓީމާ ބައްދަލުކޮށް 46 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

އިއްޔެގެ ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ރާއްޖެ ގަސްދުކުރީ ކުޅުމަށެވެ. ލޭގް މެޗްތަށް ނިމުނުލެއް ލަސްވުމުން އަމްޕަޔަރުން ނިންމީ އަށް އޯވަރު ކުޅޭގޮތަށެވެ. މެޗުގައި ރާއްޖެ ކުޅެންއަރައި ދެ ކުޅުންތެރީން ނުބައިވެގެން 106 ލަނޑުހެދިއެވެ. ޖަވާބުގައި ސްރީލަންކާ ކުޅެންއަރައި އަށް އޯވަރު ހަމަވިއިރު ފަސް ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 69 ލަނޑެވެ.

މިދިޔަ މަހުގެ 25 އިން އިއްޔެގެ ނިޔަލަށް ބޭއްވި މުބާރާތުގައި އިއްޔެ ވަނީ އިތުރު ފަސް މެޗެއް ކުޅެފައެވެ. އެގޮތުން އިއްޔެގެ ފުރަތަމަ މެޗް ބަންގަލަދޭޝްއާ ބައްދަލުކޮށް ރާއްޖެ ކާމިޔާބުކުރީ 22 ލަނޑުންއެވެ.

ދެވަނަމެޗް އިންޑިޔާއާ ބައްދަލުކޮށް ސްރީ ލަންކާ ކާމިޔާބުކުރީ ހަތް ލަނޑުންއެވެ. ތިންވަނަމެޗް ސްރީލަންކާއާ ބައްދަލުކޮށް ރާއްޖެ ކާމިޔާބުކުރީ 13 ލަނޑުންނެވެ. ހަތަރު ވަނަ މެޗުގައި، ރާއްޖެއާ ބައްދަލުކޮށް އިންޑިއާ ޓީމުން މެޗު ކާމިޔާބުކުރީ އެއް ވިކެޓުންނެވެ. ފަސް ވަނަ މެޗުން އިންޑިއާ އަތުން ބަންގްލަދޭސް މޮޅުވީ ހަތަރު ވިކެޓުންނެވެ.