02 Aug 2014, 11:07
ރިޔާޟް (އޮގަސްޓް 2) : ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކާއި ގަތްލުއާންމުތައް ކުށްވެރިކުރައްވައި ސައޫދީ ރަސްގެފާނު ޢަބްދުﷲ ބިން އަބްދުލްއަޒީޒް ވާހަކަ ދައްކަވައިފި އެވެ.
ސައޫދީ ޓީވީ އިން އިއްޔެ ފޮނުވި ސައޫދީ ރަސްގެފާނުގެ ޚިތާބެއްގައި އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކޮންމެ ދުވަހަކު ގަތްލުއާންމުތައް ހިންގައި ކުޑަކުދިންނާއި އަންހެނުން ދުނިޔޭގެ އެންމެންގެ ކުރިމަތީގައި ޝަހީދު ކުރަމުން ގެންދާ އިރު އެކަން ހުއްޓުވުމަށް ދުނިޔެ މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އިސްރާއީލުގެ ޖަރީމާތަކަށް ބީރުކަންފަތެއް ދޭ މައްސަލާގައި އަބްދުﷲ ވަނީ ބައިނަލްއަގްވާމީ މުޖްތަމައު ވެސް ކުށްވެރި ކުރައްވާފަ އެވެ.
މިއީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ އުދުވާނަށް 25 ދުވަސްވެފައިވާއިރު އެއުދުވާން ކުށްވެރިކުރައްވައި ސައޫދީ ރަސްގެފާނު ދެއްވި ފުރަތަަމަ ޚިތާބެވެ. ނަމަވެސް އިސްރާއީލުގެ އުދުވާން ކުށްވެރިކޮށް ސައޫދީ ސަރުކާރުން ތަންކޮޅެއްކުރިން ބަޔާނެއް ނެރެފައިވެ އެވެ. ސައޫދީ ރަސްގެފާނުގެ މި ޚިތާބުގެ މައިގަނޑު ބޭނުމަކީ އިސްރާއީލުގެ އުދުވާނުގެ މައްސަލާގައި ރުޅިއައިސްފައިވާ ސައޫދީ ރައްޔިތުންގެ ރުޅި ކޮންޓްރޯލް ކުރުން ކަމަށް މުރާސިލުން ވަނީ ސިފަކޮށްފަ އެވެ.
ސައޫދީ ރަސްގެފާނުގެ ޚިތާބުގައި އިސްލާމް ދީނުގެ ޝިޢާރުތައް އުފުލައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތައް ކުށްވެރިކުރެއްވި އެވެ. އަދި މިކަމާދެކޮޅަށް ތެދުވުމަށް އިސްލާމީ ދަންނަބޭކަލުންނަށް ގޮވާލެއްވި އެވެ. އިސްލާމް ދީނުގެ ޝިޢާރުތައް އުފުލައިގެން ބޮންގޮއްވުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތަކުން އެކަން ކުރަނީ އިސްލާމް ދީނުގެ ސޫރަ ހުތުރު ކުރުމަށް ކަމަށް ވެސް ސައޫދީ ރަސްގެފާނު ވިދާޅުވި އެވެ. (އަލްޖަޒީރާ)