މުޖްތަމައުގައި ކުށް މަދު ކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތް ތަކެއް ކުރަމުން ނެވެ. ކުށުގެ ވެށިން މުޖުތަމައު ސަލާމަތް ކުރުމަށެވެ. ކުށް މަދު އަމާން މުޖުތަމައެއް ގާއިމް ކުރުމަށެވެ. އެކަމަށް އެތައް މަޝްވަރާތަކެއް ކުރެ އެވެ. އެތައް ޕްލޭންތަކެއް ތައްޔާރު ކުރެ އެވެ. ނަމަވެސް މިކުޑަކުޑަ ދިވެހި ގައުމު އަމާން ތަނަކަށް ނުވެގެން މިއުޅެނީ ކީއްވެތޯ އެވެ؟

ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި ވާހަކަ އަޅުގަނޑުމެންގެ މުޖުތަމައުން ނީވޭތާ ދުވަސްތަކެއް ފާއިތުވި ނަމަވެސް، ހިތްތަކަށް މިވަނީ އެފަދަ ބިރުވެރިކަމެއް އަނެއްކާ ވެސް ކުރިމަތި ވެފަ އެވެ. ރޯދަ މަސް ނިމުނު ފަހުން ޖުލައި 31ގައި ވަނީ ސްކޫޕް ގޯޅިގަނޑުގައި 22 އަހަރުގެ ޒުވާނަކަށް ތޫނުއެއްޗަކުން ހަމަލާ ދީފަ އެވެ. ކ. ތުލުސްދޫގައި ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފަ އެވެ. އޭގެ އިތުރުން ޖުލައި 29 ވަނަ ދުވަހު މާފަނުން ލެމަންގްރާސް ކައިރީ ހުރި މީހަކާއި ގ. މަސްއޮޑިގޭ ކައިރީ ހުރި އަންހެނަކަށް ބަޔަކު ވަނީ ތޫނުއެއްޗަކުން ހަމަލާ ދީފަ އެވެ. ހަމަ އެރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލާފައިވާ އިރު ރެ އާއި މިއަދު ވެސް ހެންވޭރު އަޑިޕާކް ސަރަހައްދުގައި ވަނީ ތިން ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ. މަސްތުވާތަކެއްޗާއި ފޭރުމުގެ ގިނަ މައްސަލަތަކެއްގެ އަޑުނީވޭ ދުވަހެއް ނުދެ އެވެ.

"މިހާރު މިވަނީ އެފަދަ މައްސަލަތައް އިތުރު ވެފައި. އިތުރުވަނީ ކޮން ސަބަބަކާ ހުރެކަމެއް ތަހުގީގާ ނުލާ ބުނެދޭން ދަތިވާނެ. އެކަމަކު މައްސަލަތައް މި އަންނަނީ އެކި ސަރަހައްދުތަކުން އެކި ދިމަ ދިމާލުން. އެހެންވީމާ އެ ސަރަހައްދުތައް އިތުރަށް ބަލެހެއްޓުން ވަރުގަދަކުރަން ފުލުހުން ދަނީ އިތުރަށް މަސައްކަތްތަކެއް ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެއީ ބޮޑަތި ކުށްތަކެވެ. ގައުމުގެ މައި ތަނބު ކަމުގައިވާ ޒުވާނުންގެ ހާލަތެވެ. އަމާން މުޖުތަމައެއް ގާއިމްކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވެގެން އުޅޭ ކަމަށް ފެންނަ ސަބަބު ބަޔާންކޮށްލާނަމެވެ. އާދެ މުސްކުޅިން ބުނެއުޅޭ ފަދައިން ކުއްތާ އޮތީ އަދިވެސް ވަޅު ތެރޭގަ އެވެ. އެހެންކަމަށްވާ ނަމަ ކިތަންމެ ވަރަކަށް ފެން ނެގިޔަސް އެ ވަޅު ސާފުވުމެއް ނެތެވެ. ބުނަން މިއުޅޭ ވާހަކަ އަކީ ދިވެހި ވެށި އަމާން ތަނެއްގެ ގޮތުގައި ގާއިމް ނުކުރެވިގެން މިއުޅޭ ސަބަބަކީ ބޮޑަތި ކުށްތަކުގެ ވެރިންނަށް އެވެރިން ކުރާ ކުށްތަކުގެ ޙައްގު އަދަބު ނުލިބި، މުޖުތަމައަށް އަލުން ދޫކޮށްލާފައި ތިބޭ ވާހަކަ އެވެ. އެވެރިން މުޖުތަމައު ތެރޭގައި މިނިވަންކަމާ އެކު ދޫކޮށްލާފައި ތިބޭ ނަމަ ކިތަންމެ ވަރަކަށް ފެން ނެގިޔަސް މި ވަޅު ސާފުވުމެއް ނެތެވެ.

މީގެ ދެ އަހަރު ކުރިން 2012ގައި ހިންގާފައިވާ ހާދިސާ މީގެ ހެއްކަކަށް ފުދެ އެވެ. އޭރުގެ ސަރުކާރުގައި ދެވަނަ ފުރުސަތުގެ ދަށުން 438 ކުށްވެރިން ވަނީ ޖަލުން ދޫކޮށްލާފަ އެވެ. މާގިނަ ދުވަހެއް ނުވެ އެއްކަލަ ދެވަނަ ފުރުސަތުގެ ދަށުން ދޫކޮށްލި 438 މީހުންގެ ތެރެއިން 104 މީހަކު އެކި ކުށްކުށުގައި އަނބުރައި ޖަލަށް ވަނީ ގެންގޮސްފަ އެވެ. އެއިގެ ފަހުން މިހާރުގެ ސަރުކާރުން ވަނީ ޒުވާނުންތަކަކަށް މާފުކޮށް ޖަލުން ދޫކޮށްލާފަ އެވެ. އަދި ކުދި ކުށްތަކުގައި ފުރަތަމަ ފަހަރަށް އަދަބު ނުދީ ދޫކޮށްލާނެ އުސޫލެއް ކަނޑައެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

"ޒުވާނުންނަށް އިތުރު ފުރުސަތެއް ދިނުމުގެ ބޭނުމުގައި، ކުދި ކުށްތަކުގައި ދައުވާ އުފުލިފައި ތިބި ޒުވާނުންނާއި ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައި ހުރި މައްސަލަތަކުގައި، ފުރަތަމަ ފަހަރަށް ކުށަށް އަރައިގަނެވިފައިވާ ޒުވާނުންނާ އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ދައުވާނުކޮށް ދޫކޮށްލުމުގެ އުސޫލެއް ގާއިމުކޮށްދިނުމަށް އަޅުގަނޑު މިހާރު ވާނީ ޕްރޮސެކިއުޓާ ޖެނެރަލް އަރިހުގައި ދަންނަވާފައި،" މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ކޮންމެއަކަސް އެފަދަ ކަންކަން ކުރުމުގައި ކަނޑައަޅާފައިވާ މަގުސަދު ވަރަށް ސާފެވެ. އާދެ ޒުވާނުންނަށް ވީތީ އެމީހުން އަލުން މުޖުތަމައަށް ނެރެ ބޭނުންތެރި ބަޔަކަށް ހަދާށެވެ. ނަމަވެސް ޖަލުން ދޫކޮށްލުމުން އަނެއްކާ ވެސް އެއްކަލަ ކުށްވެރިޔާ ބޮޑު ފިޔަވަޅުގައި ނައްޓާލަނީ ކުށުގެ މުޖުތަމައާ ދިމާއަށެވެ.

"އެހެން މީހެއްގެ މުދަލަކަށް ނުވަތަ ނަފްސަށް، އަރައިގެންފި ނަމަ އެމީހަކަށް އެކަމުގެ ހައްގު އަދަބު ދޭން ޖެހޭނެ. އެއީ ﷲ އެކަން އެގޮތަށް ކުރުމަށް އަންގަވާ ވަޙީ ބާއްވާލައްވާފައި ވަނީ ދިރި ތިބީންގެ ސަލާމަތާ ރައްކާތެރި ކަމަށް. އެއީ ﷲ ބާއްވައިލެއްވި ޙުކުމް. ރަސޫލާ އެއްގެވި ގޮތް. އެހެންކަމަށްވާ ނަމަ ކުށްކުރާ މީހާ އަށް ދީނުގައި ކަނޑައަޅާފައި އޮތް އަދަބު ނުދެވޭ ނަމަ އަމާންކަމެއް ނުފެންނާނެ،" ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ޝަމީމް ވިދާޅުވި އެވެ.

ފުލުހުން ތަހުގީގު ކުރެ އެވެ. ތުހުމަތުގައި މީހުން ހައްޔަރު ވެސް ކުރެ އެވެ. އަދި އެއިން ބައެއް މީހުންގެ މައްޗަށް ކުށް ސާބިތު ވެސް ވެ އެވެ. ދީނުގައި އޮންނަ ގޮތުން ނަމަ ވައްކަމެއްކުރާ މީހެއްގެ އަދަބަކީ އަތް ކެނޑުމެވެ. ނަސޭހަތް ދީފައި ޖަލުގައި ދެތިން މަސްދުވަހު ގެންގުޅެލުމަށް ފަހު ދޫކޮށްލުމެއް ނޫނެވެ. ހައްގު އަދަބު ނުދެވެނީ ކީއްވެތޯ އެވެ؟ މުސްލިމަކު މުސްލިމެއްގެ ގައިން ލޭ އޮހޮރުވައިފި ނަމަ އެވާނީ އިސްލާމް ދީނުގައިވާ އެންމެ ބޮޑު ހަތް ފާފައިގެ ތެރެއިން ފާފައަކަށެވެ. ނަމަވެސް އެމީހުންނަށް ވެސް މައާފުކޮށް ދޫކޮށްލަނީ އެވެ. ދީނެއް ނެތް ތަނެއްގައި ހަމަޖެހުމެއް ނޯންނާނެ އެވެ. ހަމަޖެހޭ އަމާން މުޖުތަމައެއް ގާއިމްކުރަން ބޭނުންވާ ނަމަ އިސްލާމްދީނުގެ ހުކުމްތައް ތަންފީޒު ކުރެވެން ޖެހެ އެވެ. އެހެން ބައެއްގެ ހިޔާލެއް އެކަމުގައި ހޯދާކަށް ނުޖެހެ އެވެ.

މިސާލަކަށް ދުނިޔޭގެ ބޮޑަތި މުސްލިމް ގައުމުތަކަށް ބައްލަވައި ލައްވާށެވެ. ސައުދީ އަރަބިއްޔާ އަށް ބައްލަވާށެވެ. އަޅުގަނޑުމެން ގައުމު ފަދަ މުސްލިމް ގައުމެކެވެ. ނަމަވެސް އެ ބޮޑު ގައުމުގައި އަޅުގަނޑުމެންގެ ދިވެހިރާއްޖެ އިން މިފެންނަ ފަދަ މަންޒަރުތަކެއް ނުފެނެ އެވެ. އެތަނުގައި ކުށްކުރާ މީހުންނަށް "ދީނުގައި" ކަނޑައަޅާފައި އޮންނަ އަދަބު ދެ އެވެ. ވައްކަން ކުރާ މީހުންގެ އަތް ކަނޑަ އެވެ. މީހަކު މަރައިފި ނަމަ ގާތިލުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރެ އެވެ. އެހެން ބައެއްގެ ހިޔާލެއް އެކަމުގައި ނުހޯދަ އެވެ. ހޯދައި ބަލައި ގާނޫނުތައް ހަދަނީ ކީއްކުރަންތޯ އެވެ؟ އެފަދަ މީހުންނާ ބެހޭ ގާނޫނު އޮތީ މާ މަތީ ފަރާތަކުން ބާއްވައި ލައްވާފަ އެވެ.