02 Aug 2014, 10:25
އދ. މަޖިލިސް (އޮގަސްޓް 2): ޣައްޒާގެ ހަމަލާތައް ބަދަލުކުރުން 72 ގަޑިއިރަށް ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުމަށް އަމަލުނުކުރީ ފަލަސްތީނުގެ މުޖާހިދުން ކަމަށް އެމެރިކާއާއި އދ. އިން ތުހުމަތުކޮށް ޙަމާސް އިން ހައްޔަރުކުރި ކަމަށްބުނާ އިސްރާއީލުގެ ސިފައިންގެ މީހާވެސް ވަގުތުން މިނިވަން ކުރުމަށް އެދެފަރާތުން ހަމާސް އަށް ގޮވާލައިފި އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ ތަރްޖަމާން ޑީޖޮރިކް ވިދާޅުވީ ހަމަލާތައް ބަދަލުކުރުން 72 ގަޑިއިރަށް މެދުކަނޑާލުމަށް އެއްބަސްވި އެއްބަސްވުމަށް އަމަލުނުކުރީ ހަމާސުން ކަމަށާ އެކަމުގެ ޒިންމާ އުފުލާން ޖެހޭނީ ޙަމާސުން ކަމުގަ އެވެ. ޙަމަލާތައް މެދުކަނޑާލުމަށް އެއްބަސްވި އެއްބަސްވުމަށް އަމަލުނުކުރީ ހަމާސުންކަން ކަށަވަރުވާ ވަރުގެ މުސްތަގިއްލު ރިޕޯޓްތަކާއި މަޢުލޫމާތު އދ. އަށް ލިބިފައިވޭތޯ ދެންނެވުނު ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ އދ. އަށް މިކަމާ ބެހޭ މަޢްލޫމާތު ލިބިފައި ވަނީ އިސްރާއީލުގެ ސޯސްތަކުން ކަމުގަ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީވެސްވަނީ އިސްރާއީލުގެ ވާހަކަތަކަށް ބުރެވެ ހުންނަވައިގެން މިމައްސަލާގައި ޙަމާސް ކުށްވެރިކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އިސްރާއީލުންބުނީ ޙަމަލާތައް ހުއްޓާލަން އިއްޔެ އެއްބަސްވެފައިވާ ގަޑީގައި ވެސް ޙަމާސްއިން ދިޔައީ ހަމަލާތައް ދެމުން ކަމަށާ އެޙަލާތަކުގައި ޙަމާސުން އިސްރާއީލު ސިފައިންގެ އޮފްސަރަކު "ވަގަށް" ނަގާފައިވާ ކަމުގަ އެވެ. ނަމަވެސް އިސްރާއީލުގެ އޮފިސަރަކު އިއްޔެ އަސީރެއްގެ ގޮތުގައި ހައްޔަރުކޮށްފައިނުވާނެ ކަަމަށް ޙަމާސުން ބުނެ އެވެ.
ޙަމާސުން އިސްރާއީލު ސިފައިންގެ އޮފްސަރަކު "ވަގަށް" ނަގާފައިވާ ކަމަށްބުނެ އިސްރާއީލުން ވަނީ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފްޙު ސިޓީގެ އާންމުންގެ ގެތަކަށް ބޮންއަޅައި ވަރުގަދަ ގަތްލު އާންމެއް ހިންގާފަ އެވެ. މިގަތްލު އާންމުގައި އިސްރާއީލުން ފަލަސްތީނުގެ އާންމުންގެ 60 މީހުން ޝަހީދުކޮށް 350 އަށް ވުރެ ގިނަ މީހުން ޒަޚަމް ކޮށްލާފައިވެ އެެވެ. ނަމަވެސް އިސްރާއީލުގެ މިގަތްލު އާންމު ކުށްވެރި ކުރުމުގެ ބަދަލުގައި އދ.ގެ މަސްއޫލުވެރިންނާއި އެމެރިކާގެ ޚާރިޖީ ވަޒީރު ވަނީ ޙަމާސުން ވަގަށް ނެގި ކަމަށް އިސްރާއީލުން ތުހުމަތުކުރާ އިސްރާއީލުގެ ސިފައިންގެ އޮފިސަރު ޝަރުތަކާ ނުލައި ވަގުތުން މިނިވަން ކުރުމަށް ގޮވާލާފަ އެވެ. އިސްރާއީލުގެ އޮފިސަރަކު ހައްޔަރު ކުރުމަކީ ބޮޑު ކާރިސާއެއް ކަމަށް ވެސް އދ. އާއި އެމެރިކާއިން ސިފަކޮށްފައިވެ އެވެ.
ޙަމާސުން ބުނީ ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވި އެއްބަސްވުމަށް އަމަލުނުކުރީ އިސްރާއީލުގެ ސިފައިން ކަމަށާއި ހަމަލާތައް ހުއްޓާލަން ޖެހޭ ވަގުތު އައުމުން އިސްރާއީލު ސިފައިން މަސައްކަތްކުރީ އެވަގުތުގެ ނާޖައިޒު ފައިދާ ނަގައިގެން ޣައްޒާގެ ރަފްހު ސަރަހައްދުން ޣައްޒާގެ އެންމެ ފުނަނަށް ވަދެގަތުމަށް ކަމުގަ އެވެ. ހަމަލާތައް ހުއްޓާލަން ޖެހޭ ވަގުތު އައުމާ އެކު މިގޮތަށް ދޮޅު ކިލޯ މީޓަރުގެ ފުނަށް އިސްރާއީލު ސިފައިން ވަދެގަތުމުން ހަމަލާތައް ދޭން މުޖާހިދުންނަށް މަޖްބޫރުވީ ކަމަށް ވެސް ޙަމާސުން ބުނެ އެވެ.
އިސްރާއީލުން އެގައުމުގެ ސިފައިންގެ މީހަކު ހައްޔަރުކުރި ކަމަށް އަޑުފެތުރީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން ފޭލްކޮށްލުމުގެ ޒިންމާ ޙަމާސްގެ ބޮލުގައި އެޅުވުމުގެ ބޭނުުމުގައި ކަމަށް ވެސް އެޖަމާއަތުން ބުނެ އެވެ. އިސްރާއީލުން އިއްޔެ ވަނީ ފަލަސްތީނު މުޖާހިދުންގެ ޙަމަލާތަކުގައި އެގައުމުގެ ސިފައިންގެ ތިން މީހުން މަރުވެ އެކަކު އަސީރު ކުރިކަމަށް ބުނެފަ އެވެ. އިސްރާއީލުން އިއްޔެވަނި ރަފްހު ސިޓީގައި ފަލަސްތީނުގެ އާންމުންގެ 60 މީހުން ޝަހީދުކޮށް 350 އަށް ވުރެ ގިނަ މީހުން ޒަޚަމް ކޮށްލުމުގެ ގަތްލުއާންމެއް ހިންގާފަ އެވެ. އަދި މީގެ އިތުރުން ވެސް ފަލަސްތީނުގެ 90 މީހުން އިއްޔެ އިސްރާއީލުން ޝަހީދުކޮށްލާފައިވެ އެވެ. (އަލްޖަޒީރާ)