އަޑި ޕާކް ސަރަހައްދުގައި ދެ ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމުކޮށްލައިފި އެވެ. ފުލުހުންނާއި އޭޑީކޭ ހޮސްޕިޓަލުން އެކަން ވަނީ ސަން އަށް ކަށަވަރުކޮށްދެއްވައިފި އެވެ.

އެ ދެ މީހުންނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މަންޒަރު ދުން މީހަކު ސަން އަށް ކިޔައިދިން ގޮތުގައި އެތަނުން އެކެއްގެ ވައަތު އަރިކައްޓަށް ތޫނުއެއްޗެއް ހަރާއި ޒަޚަމްކޮށްލާފައި ވެއެވެ. އަދި އަނެއްމީހާގެ ބުރަކައްޓަށް ތަކުރާރުކޮށް ތޫނުއެއްޗަކުން ހަމަލާދިން ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

ރޯދަ މަސް ނިމުނުފަހުން މާލޭގައި ތޫނުއެއްޗިހިން ހަމަލާދިނުން ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ގ. މަސްއޮޑިގެ ކައިރީގައި ހުރި ޒުވާން އަންހެނަކަށް މޫނުނިވާކޮށްގެން ތިބި ބަޔަކު ވަނީ ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އަދި ހަމައެރޭ މާފަންނު ލެމަންގްރާސް ކައިރިން ފިރިހެނަކަށް ތޫނުއެއްޗަކުން ދިން ހަމަލާގައި އެމީހާގެބޮލުގެ ބައެއް ވަނީ ޒަޚަމްކޮށްލާފައެވެ.

އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ވެސް ވަނީ ދެ މީހަކަށް ހަމަލާދީ ޒަޚަމްކޮށްލާފަ އެވެ. ހުޅުމާލެ 60 ނަމްބަރު ފްލެޓް ކައިރީގައި ހިނގި އެ މާރާމާރީގައި އެކެއްގެ ބޯފަޅާލާފައި ވާއިރު، އަނެއް މީހާގެ ކޮނޑަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަޑިޕާކް ސަރަހައްދުގައި ރޭ ވެސް ވަނީ މީހަކަށް ހަމަލާދީ ޒަޚަމްކޮށްލާފަ އެވެ.