13 Jan 2011, 17:02
ޓްރެޝާ އައިލެންޑް އެންޓަޕްރައިސާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގަޑިއަށް ކޯޓަށް ހާޒިރުނުވުމުން އެ ކުންފުނިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ދެކޮޅަށް ދައުވާ ކުރާ މައްސަލަ ސިވިލް ކޯޓުން މިއަދު ބޭރުކޮށްފި އެވެ.
ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު މިއަދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ ޓްރެޝާ އައިލެންޑުން ކޯޓަށް ހާޒިރުވުމަށް އައްޔަންކޮށްފައިވާ ފަރާތް ކަމަށްވާ އަލީ ހުސެއިން މަނިކު ކޯޓަށް ގަޑިއަށް ހާޒިރުނުވުމުން ދައުވާ ބާތިލް ކުރުމަށް ޖޭއެސްސީން އެދިފައިވާ ކަމަށެވެ. އެހެންކަމުން ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލު ކުރާ ގޮތުގެ ގަވާއިދުގެ ދަށުން މި މައްސަލަ ބާތިލް ކުރީ ކަމަށް ގާޒީ އެ ހުކުމުގައި ވިދާޅުވެފައިވެ އެވެ.
ޖޭއެސްސީއާ ދެކޮޅަށް ދައުވާ ކުރާ މައްސަލައިގެ އަޑުއެހުން މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތީ 11:00ގަ އެވެ. ނަމަވެސް އަލީ ހުސެއިން މަނިކު ކޯޓަށް ހާޒިރުވެފައި ވަނީ 11:30 ގެ ފަހުންނެވެ.
ޖޭއެސްސީއާ ދެކޮޅަށް ޓްރެޝާ އައިލެންޑުން ދައުވާކޮށްފައި ވަނީ ސިވިލް ކޯޓުގެ ގާޒީއަކާ ދެކޮޅަށް އެ ކުންފުނިން އުފުލި ޝަކުވާއެއް ނުބަލައިގެންނެވެ. ސިވިލް ކޯޓުގެ ގާޒީއަކާ ދެކޮޅަށް އެ ކުންފުނިން މައްސަލަ ހުށަހަޅާފައި ވަނީ ޓްރެޝާ އައިލެންޑުން ދައުވާ ކުރި މައްސަލައެއްގައި އެ ފަރާތުން ހުށަހެޅި ހެކިން ކޯޓަށް ހާޒިރުކޮށްގެނެވެ.
މި މައްސަލައިގެ ތެރެއަށް ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ މެންބަރު އައިޝަތު ވެލެޒިނީ ވަނީ ވަދެވަޑައިގަތުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް ކޯޓުން ވަނީ އޭނާ އަށް އެ ފުރުސަތު ނުދީފަ އެވެ.