އިސްރާއީލުން ޣައްޒާގެ މާރުކޭޓު ސަރަހައްދުގައި ހަބަރު ހޯދަން މަސައްކަތްކުރަން ތިބި ފަލަސްތީނުގެ ދެ ނޫސްވެރިއަކު ޝަހީދުކޮށްލައިފި އެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން މައުލޫމާތު ދޭ ގޮތުގައި، ޣައްޒާގެ ޝުޖާއިއްޔާ މާރުކޭޓަށް އިސްރާއީލުން ދިން ހަމަލާގައި ދެ ނޫސްވެރިއަކު މަރުވެފައިވާ އިރު، އިތުރު ނޫސްވެރިއަކަށް ބޮޑެތި ޒަހަމްތަކެއް ވެފައި ކަމަށެވެ. އަދި އެ ފެޑެރޭޝަނުން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ޖުމްލަ އަށް ނޫސްވެރިން މަރުވެފައިވާ ކަމަށެވެ.

އިސްރާއީލުން ޝަހީދުކޮށްލާފައިވާ ޕަލަސްޓީނިއަން މީޑިއާ ނެޓްވޯކުގައި މަސައްކަތްކުރާ ރަމީ ރަޔަން ---- ފޮޓޯ: ޓްވިޓާ


އިސްރާއީލުން ޝަހީދުކޮށްލާފައިވާ ދެ ނޫސްވެރިންނަކީ ފަލަސްތީނުގެ އަލްއަގްސާ ޓީވީ ޗެނެލްގައި މަސައްކަތްކުރާ އުމުރުން 26 އަހަރުގެ ސާމިހު އަލް އާރިޔާނާއި ޕަލަސްޓީނިއަން މީޑިއާ ނެޓްވޯކުގައި މަސައްކަތްކުރާ އުމުރުން 25 އަހަރުގެ ރަމީ ރަޔަން އެވެ. އަދި ޒަހަމްވެފައިވާ ނޫސްވެރިއަކީ މަނާރާ މީޑިއާ ޕްރޮޑަކްޝަން ކޮމްޕެނީގައި މަަސައްކަތްކުރާ ހާމިދު ޝޮބާކީ އެވެ.

މިދިޔަ ބުދަ ދުވަހު ޝުޖާއިއްޔާ މާރުކޭޓަށް އިސްރާއީލުން ދިން ހަމަލާގައި އާންމުންގެ 18 މީހެއްގެ އިތުރުން ސިއްހީ ފަރުވާދޭ ބަޔަކު ޝަހީދުވެފައިވާ އިރު، 200 އަށްވުރެ ގިނަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފަ އެވެ.

މި މައްސަލައާ ގުޅިގެން އައިއެފްޖޭގެ ރައީސް ޖިމް ބޯމެޅާ ވިދާޅުވީ، އިސްރާއީލުން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ހުއްޓުމެއްނެތި މަރަމުންދާތީ އެކަން ކުށްވެރިކުރާ ކަމަށާއި އެ ހަމަލާތަކުގައި މަރުވި ނޫސްވެރިންގެ އާއިލާތަކަށާއި އެ މީހުންގެ އެކުވެރިންނަށް އައިއެފްޖޭއިން ތައުޒިޔާ ކިޔާ ކަމަށެވެ.

"އިސްރާއީލުގެ ލާއިންސާނީ ހަމަލާތައް މިހާރު ހުއްޓުވަން ވެއްޖެ. އެމީހުންނަށް މިހާރު ފުދޭނެ. ގަތުލުކުރުން މިހާރުން މިހާރަށް ހުއްޓަން ވެއްޖެ." އައިއެފްޖޭގެ ރައީސް ވިދާޅުވި އެވެ.

އިސްރާއީލުން ފަލަސްތީނުގެ ނޫސްވެރިން މަރަމުންދާ މައްސަލައާ ގުޅިގެން އައިއެފްޖޭއިން ނޫސްވެރިންގެ ހައްގުތައް ރައްކާކޮށްދިނުމަށް އެދި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން އަށް ސިޓީއެއް ފޮނުއްވާނެ ކަމަށް އެ ޖަމްއިއްޔާއިން ބުނެ އެވެ. އަދި އައިއެފްޖޭ އާއި ފެޑެރޭޝަން އޮފް އަރަބް ޖާނަލިސްޓްސް (އެފްއޭޖޭ) އާ ގުޅިގެން ޣައްޒާއަށް ވަފުދެއް ފޮނުވާގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.