އޭނާއަކީ ދިވެހިންނަށް އާމޫނެކެވެ. އެއީ ދިވެހިންނަށް ފަރިތަ މީހެއް ވެސް ނޫނެވެ. އޭނާގެ ނަން ބުނުމުން އެއީ ކާކުކަން އެނގޭނީ މަދު ބަޔަކަށެވެ. ނަމަވެސް އޭނާގެ އަޑު އިވިއްޖެނަމަ އޭނާ ނުދަންނަ ޒުވާނަކު ނޫޅޭނެވެ. އުމުރުން 30 އަހަރުގެ ބެނީ ޑަޔާލްއަކީ ބޮލީވުޑްގެ މަޝްހޫރު ތަރިން ނަށުވައިދޭ މީހާ އެވެ. އޭނާ ޖަހާ ބެރަށް ނުނަށާ ތަރިޔަކު ބޮލީވުޑްގައި ނޫޅޭނެވެ. އޭނާގެ ރާގުގެ މަސްތުގައި ގެއްލިފައި ތިބި އެތައް ބަޔަކު މި ރާއްޖޭގައި ވެސް އެބައުޅެ އެވެ.

ބޮލީވުޑްގެ މަޝްހޫރު އެތައް ފިލްމަކަށް ލަވަ ކިޔައިދީފައިވާ ބެނީ ޑަޔާލް މިރޭ އޮލިމްޕަހުގައި ދިން ޝޯއިން ވެސް ފެނިގެންދިޔައީ އެ މަންޒަރެވެ. ދިވެހިންނާއި މާލޭގައި އުޅޭ އިންޑިއާ މީހުން "ފުނިޖެހި" އޮލިމްޕަސް އޮތީ ފުރިފަ އެވެ.

އޯގަސްޓް 1، 2014: އޮލިމްޕަހުގައި ބޭއްވި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބެނީ ޑަޔަލްގެ ޝޯގެ ތެރެއިން -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން


ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ ވެސް ބައިވެރިވެޑައިގެން އިންނެވި، މިރޭގެ ޝޯގައި ބެނީ ސްޓޭޖުން ފެނުމާއެކު އޮލިމްޕަހަށް ވަދެ ތިބި މީހުންގެ އަޑު ދިޔައީ ތަރުހީބުން ގުގުމާލައިގެންނެވެ. ހިތްހަމަޖެހި ހުރެ، ޝޯ ފެށުމުގެ ކުރިން ސަޕޯޓަރުންނަށް ބެނީ ބުނެލި އެވެ.

"މި ޝޯއަކީ އެކުވެރިކަމުގެ ފެށުމެއް، އެހެން ގައުމަކަށް އައުމުން، އެގައުމުގެ ރައްޔިތުން ބޮލީވުޑަށް ކުރާ ސަޕޯޓް ފެނުމުން ވަރަށް ހިތްހަމަޖެހޭ. އަހަރެން ރާއްޖެ ދެކެ ވަރަށް ލޯބިވޭ،" ބެނީ ބުންޏެވެ.

މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ނެށުމުގެ ހަރަކާތްތައް ހުށަހަޅައިދެމުން، މިރޭގެ ޝޯގައި ބެނީ ވަނީ ފިލްމް ގަޖިނީގެ "ކޭސެ މުޖޭ"، ފިލްމް ދެލްހީ 6 ގެ "މަސައްކަލީ" ގެ އިތުރުން ރޭސް 2ގެ "ލަތު ލަގް ގައޭ" ގެ ލަވަަތަކުން ސަޕޯޓަރުންގެ ހިތްތައް ކަތިލާފަ އެވެ.
އޯގަސްޓް 1، 2014: އޮލިމްޕަހުގައި ބޭއްވި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބެނީ ޑަޔަލްގެ ޝޯގެ ތެރެއިން -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ސައުންޑް އެންޑް ލައިޓް އިން އިންތިޒާމްކޮށްގެން، ރާއްޖޭގެ މަޝްހޫރު އިވެންޓް މެނޭޖްމެންޓް ކުންފުނި، ސައުންޑް އެންޑް ލައިޓްސްއާ އިންޑިއާގެ ބީޓީއޯއެސް ގުޅިގެން ބޭއްވި މިރޭގެ ޝޯގައި ބެނީއާއެކު ރާއްޖޭގެ ގެސްޓް ފަންނާނުންގެ ގޮތުގައި އަންދަލާ (އަންޔާ) އަދި އުނޫޝާ (ކިޑީ) ވަނީ ބައިވެރިވެ، ޝޯއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފަ އެވެ.

މިރޭގެ ޝޯ ބެނީ ނިންމާލީ، އެ ލަވައެއް ނުކިޔާ ރާއްޖެއިން ނުފުރާނެ ކަމަށް އޭނާ ސަން އޮންލައިނަށް ރޭދިން އިންޓަވިއުގައި ބުނި، "ބައްތަމީޒް ދިލް" ސަޕޯޓަރުންނަށް ހުށަހަޅައިދިނުމަށްފަހު އެވެ.
އޯގަސްޓް 1، 2014: އޮލިމްޕަހުގައި ބޭއްވި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބެނީ ޑަޔަލްގެ ޝޯގެ ތެރެއިން -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އޮލިމްޕަސް ތިއޭޓަރުގައި މިރޭ އޮތް ޚާއްސަ ޝޯގެ އެކްސްކްލޫސިވް އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ. އެފްއެމް ރޭޑިއޯ ޕާޓްނަރަކީ ސަން އެފްއެމް އެވެ. އެގޮތުން ބެނީ ވަނީ، ސަން އޮންލައިންނަށާއި ސަން އެފްއެމް އަށް އިއްޔެ ހާއްސަ އިންޓަވިއުއެއްދީފަ އެވެ.

"'ބައްތަމީޒް ދިލް' ނުކިޔާ އަހަރެން ދާނެހެން ހީވޭތަ؟ އެލަވަ ކިޔައި ނުދެނީސް މި މީހުން [ދިވެހީން] އަހަރެން ދޫވެސް ނުކުރާނެ. އެއީ އަހަރެންގެ އެގްޒިޓް ވިސާ،" ސަންއަށް ދިން ހާއްސަ އިންޓަވިއުގައި ބުންޏެވެ.

އެތައް ދުވަހެއް ވަންދެން ދެކެމުންދިޔަ، ލަވަކިޔުންތެރިއަކަށްވުމުގެ ހުވަފެން މިހާރު ހަގީގަަތަކަށް ވެފައިވާ ބެނީ ލަވައިގެ ދުނިޔެއަށް ވަނީ، ކިޔަވަން ކޮލެޖުގައި އުޅުނު އިރު އެވެ. ނަމަވެސް ބެނީގެ އެ ހުވަފެނުގައި ހަގީގީ ކުލަ ޖައްސައިދިނީ އިންޑިއާގެ މަޝްހޫރު ކޮމްޕޯސަރު އަދި ލަވަކިޔުންތެރިޔާ އޭއާރް ރަހުމާނެވެ.

ބެނީ ޑަޔާލް ވަނީ އޭނާގެ ކެރިއަރުގައި ރާއްޖެއަށް ދެ ފަހަރު އައިސްފައެވެ.

އޯގަސްޓް 1، 2014: އޮލިމްޕަހުގައި ބޭއްވި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބެނީ ޑަޔަލްގެ ޝޯގެ ތެރެއިން -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން