ދިރާގު ދިވެހި ލީގުގައި ކްލަބު ވެލެންސިއާ އަތުން މޮޅުވެ، ކްލަބު އީގަލްސްއިން ލީގުގެ ތިންވަނައިގައި އޮވެ ފުރަތަމަ ބުރު ނިންމާލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން އީގަލްސް މޮޅުވީ 2-0 ލަނޑުންނެވެ. މި މެޗަށް ނުކުތް އިރު، ވެލެންސިއާއިން ބަދަލުތަކެއް ފެނުނު ނަމަވެސް، އީގަލްސްގެ މެދުތެރެއިން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ވެލެންސިއާގެ ބަދަލުތަކުގެ ބޭނުން ހިފިފައެއް ނުވެ އެވެ.

މެޗުގެ 18 ވަނަ މިނެޓްގައި އީގަލްސް އަށް ލީޑު ހޯދައިދިނީ ހަސަން އަދުހަމް (ސަޑޭ) އެވެ. އީގަލްސް އަށް ލިބުނު ކޯނަރަކުން އިސްމާއިލް އީސާ (މެސީ) ދިން ބޯޅައަކުން ޕެނަލްޓީ އޭރިޔާ ބޭރުން ސަޑޭ އުފެއްދި ހަމަލާ އަމާޒުވީ ވެލެންސިއާގެ ގޯލުގެ ކަނަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އަށް އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އީގަލްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރިތާ ފަސް މިނެޓް ފަހުން ލިބުނު ފުރުސަތުގެ ބޭނުން ހިފިފައި ނުވަނީ އެ ޓީމުގެ އަހްމަދު ރަޝީދު (އައްމަޑޭ) އަށް ރަނގަޅަށް ބޯޅަ ކޮންޓްރޯލް ނުކުރެވުމުންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ދެ މިނެޓް ފަހުން ވެލެންސިއާ އަށް ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ޔޫސުފް ރަމީޒް ފޮނުވާލި އެ ހަމަލާ ދިޔައީ އީގަލްސްގެ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

އީގަލްސްއިން ދެވަނަ ލަނޑެއް ޖަހައި މެޗުގެ 48 ވަނަ މިނެޓްގައި އީގަލްސް އަށް ލީޑު ފުޅާކޮށްދިނީ އައްމަޑޭ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އީގަލްސް އަށް ލިބުނު ހިލޭ ޖެހުމަކުން މެސީ ފޮނުވާލި ހަމަލާ ވެލެންސިއާގެ ގޯލްކީޕަރު އިބްރާހިމް އިފްރާހް އަރީފުގެ އަތުގައި ޖެހި ލިބުނު ރީބައުންސް ބޯޅައިންނެވެ.

ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، ހަ މެޗުން ލިބުނު 18 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ދެވަނައިގައި އޮތީ މާޒިޔާ އެވެ. ހަތް މެޗުން ލިބުނު 15 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އީގަލްސް އެވެ. ހަތް މެޗު ކުޅެ ލިބުނު ދިހަ ޕޮއިންޓާއެކު ހަތަރު ވަނައިގައި ވިކްޓަރީ އޮތް އިރު، ހަތް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ މަހިބަދޫ އެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް ހަތް މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ލީގުގެ ހަތްވަނައިގައި ލިބުނު އެންމެ ޕޮއިންޓަކާއެކު ބީޖީ އޮތް އިރު، އެންމެ ފުލުގައި އޮތް އޭވައިއެލްއަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ލީގުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް ކްލަބާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މާދަމާ ރޭ 9:00 ގައެވެ.