02 Aug 2014, 01:08
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ފަލަސްތީނުގެ ފުޓްބޯޅަ ލެޖެންޑް، އަހެދު ޒަގޫތު ޝަހީދުކޮށްލައިފި އެވެ.
ފަލަސްތީނު ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޒަގޫތު ޝަހީދުވީ، އިސްރާއިލުގެ ބޮމެއް އޭނާގެ އެޕާޓްމަންޓަށް އަމާޒުވުމުން ކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ރޮއިޓާސް އަށް މައުލޫމާތު ދެއެވެ.
"ފަލަސްތީނުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއަކު ވަނީ ދުނިޔެ ދޫކޮށްފައި. އޭނާއަކީ ފަލަސްތީނުގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރު ކަމަށް ވެސް ބުނެވިދާނެ." ޣައްޒާގެ ކުޅިވަރު ނޫސްވެރިޔާ ހާލިދު ޒާހިރު ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުންޏެވެ.
އިސްރާއީލުން ޒަގޫތުގެ އެޕާޓްމަންޓަށް ހަމަލާ ދިނުމާއެކު އެޕާޓްމަންޓް ކައިރިއަށް ދިޔަ އޭނާގެ އަވައްޓެރިންނާއި މެޑިކަލް ޓީމުން ބުނީ، މިދިޔަ ބުދަ ދުވަހު އިސްރާއީލުން ޒަގޫތު ޝަހީދުކޮށްލީ އޭނާ ނިދާފައި އޮތް ވަގުތެއްގައި ކަމަށެވެ.
އުމުރުން 49 އަހަރުގެ މިޑްފީލްޑަރު ވަނީ ފަލަސްތީނުގެ ޒުވާން ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. އަދި އޭނާ ވަނީ 1994 ވަނަ އަހަރު ފްރާންސްގެ ތަރިންގެ ޓީމަކާ ދެކޮޅަށް ފަލަސްތީނު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ވެސް ކުޅެފަ އެވެ. އެ މެޗުގައި ފްރާންސްގެ ތަރިންގެ ޓީމަށް އެ ގައުމުގެ ލެޖެންޑް އަދި ޔޫއެފާގެ މިހާރުގެ ރައީސް މިޝެލް ޕްލެޓިނީ ވެސް ކުޅުއްވެވި އެވެ.
ޒަގޫތު ވަނީ ދާދި ފަހުން ކޯޗިންގްގެ ދާއިރާއަށް ވަދެ، ފަލަސްތީނުގެ ގައުމީ ޓީވީން ގެނެސްދޭ ކުޅިވަރު ޝޯއެއް ވެސް ހުށަހަޅައިދީފަ އެވެ.