މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޓީވީއެމުން މުޅި ރާއްޖެއަށް ހުޅުވާލައިގެން މިއަހަރު ބޭއްވި "އެންމެ އަލިގަދަ ތަރި"ގެ ގުރުއާން މުބާރާތުގެ އެއް ވަނަ ށ. ފޭދޫ، ވަވެތި، އަލްހާފިޒް އަބްދުއްރަޝީދު ހޯއްދަވައިފި އެވެ.
~
ރަމަޟާން މަހަށް ހާއްސަކޮށްގެން ޓީވީއެމުން ގެނެސްދިން ޕްރޮގްރާމް، އެންމެ އަލިގަދަ ތަރީގެ އެއް ވަނަ އަބްދުއްރަޝީދު ހޯއްދެވީ، 12 ބައިވެރިން ނޮމިނޭޓްވި މުބާރާތުގެ ފައިނަލުގައި ދެ އަންހެން ބައިވެރިންނާ ވާދަ ކުރައްވައި ގެންނެވެ. މިއަހަރުގެ އެންމެ އަލިގަދަ ތަރީގެ މަގާމު ހޯއްދެވި އަބްދުއްރަޝީދަށް ވަނީ 245،000 ރުފިޔާ ލިބިވަޑައިގެންފަ އެވެ. އޭނާއަށް އެ ފައިސާ ލިބިވަޑައިގެންނެވީ މުބާރާތުގެ އެއް ވަނައަށް ހުށަހަޅުއްވާފައިވާ 100،000 ރުފިޔާގެ ފައިސާގެ އިނާމާއެކުގަ އެވެ.

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ އަބްދުއްރަޝީދަށް އެންމެ އަލިގަދަ ތަރީގެ މަގާމު ލިބިވަޑައިގަތުމުން އޭނާ ވިދާޅުވީ މާތް ﷲ އޭނާއަށް ތެދުމަގު ދައްކަވާފައިވުމަކީ އެއީ އޭނާއަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ނިއުމަތް ކަމަށެވެ. އަދި ﷲ ގެ މަގުގައި ތެދުމަގު ދައްކަވާފައިވާ މަންމަޔަކާއި ބައްޕައެއްގެ އިތުރުން އަންބަކު ލިބިވަޑައިގެންފައިވާތީ އުފާ ކުރައްވާ ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ.

އޮގަސްޓް 1، 2014: މިއަހަރުގެ އަލިގަދަތަރީގެ މަގާމަށް ހޮވިވަޑައިގެންނެވި އަބްދުއްރަޝީދުގެ އަރިހުގައި ޑިފެންސް މިނިސްޓަރު ނާޒިމާއި މުބާރާތުގެ ޕްރެޒެންޓަރު އަހުމަދު ޝަކީބު-- ސަން ފޮޓޯ/ ފަޔާޒު މޫސާ


"ޕަބްލިކަށް ދަންނަވާލަން ބޭނުންވަނީ ތިޔަބޭފުޅުން ކީރިތި ގުރުއާންގެ އަހުލުވެރިންކަމުގައިވާށޭ. ތައުހީދުގެ އަހުލުވެރިންކަމުގައިވާށޭ. ކީރިތި ގުރުއާނަކީ ވަކި މީހެއްގެ ހައްގެއް ނޫން. އެއީ އެންމެހައި އާލަމްތަކަށް ﷲ ބާވައިލެއްވި ފޮތެއް... އެ ފޮތުގައި ހިއްޕަވާށޭ. އެ ފޮތުން ތެދުމަގު ހޯއްދަވާށޭ،" ގުރުއާން ހިތުދަސް ކުރައްވާފައިވާ އަބްދުއްރަޝީދު ވިދާޅުވި އެވެ. "ކީރިތި ގުރުއާން ސައްހަކޮށް ވިދާޅުވުމަށް އެ ފޮތަށް އަހުލުވެރިވެލައްވާ. ﷲ ގެ ވާޖިބު ކުރައްވާފައިވާ ކަންތައްތައް ހަނދުމަފުޅު ކުރައްވާ. ތިޔަބޭފުޅުންގެ ދަރިންވެސް އެ ރޮނގުގައި ކުރިއަށް ގެންދަވާ،"

މުބާރާތުން ދެ ވަނައަށް ހޮވިވަޑައިގެންނެވި ފ. ނިލަންދޫ، ފަތިސް، އައިމިނަތު އިސްމާއިލަށް ވަނީ 75،000 ރުފިޔާ ލިބިވަޑައިގެންފަ އެވެ. އަދި ތިން ވަނައަށް ހޮވިވަޑައިގެންވި ގދ. ތިނަދޫ މުލައްމާގެ، ޝިފާޒާ ނައީމަށް ވަނީ 40،000 ރުފިޔާ ލިބިވަޑައިގެންފަ އެވެ. މުބާރާތުގެ ވަނަތަކަށް ހޮވިވަޑައިގެންނެވި ބޭފުޅުންނަށް އިނާމް ދެއްވީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ.
އޮގަސްޓް 1، 2014: އެންމެ އަލިގަދަ ތަރީގެ ޓްރޮފީ ލިބިވަޑައިގަތުމުން، އެކަމުގެ އުފަލުގައި އަބްދުއްރަޝީދަށް ޓްރޮފީ އުުފައްލަވާލައްވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ފަސް ސަރަހައްދެއްގައި އޮޑިޝަންތައް ބާއްވައިގެން 200 މީހުން ކުރިމަތިލި އެންމެ އަލިގަދަ ތަރީގެ މުބާރާތުގެ ވަނަތަކަށް ހޮވިވަޑައިގެންނެވި ބޭފުޅުންނަށް ފައިސާގެ އިނާމުގެ އިތުރުން ވެސް މުހިއްމު ބޮޑެތި އިނާމުތަކެއް ވިޔަފާރިވެރިންނާއި ކުންފުނިތަކުން ވަނީ ހުށަހަޅުއްވާފަ އެވެ.

މިދިޔަ އަހަރުގެ އެންމެ އަލިގަދަ ތަރީގެ މުބާރާތުން އެއް ވަނަ ހޯއްދެވީ ސ. ހިތަދޫ، ޝަރަފުއްދީން ސްކޫލްގެ ގްރުއާން ޓީޗަރު ހުސައިން ޒާހިރެވެ.

އޮގަސްޓް 1، 2014: އެންމެ އަލިގަދަ ތަރީގެ މުބާރާތުގެ ވަނަތަކަށް ހޮވިވަޑައިގެންނެވި ބޭފުޅުންނާއެކު ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކާއި މުބާރާތުގެ ޕްރެޒެންޓަރު އަހުމަދު ޝަކީބު-- ސަން ފޮޓޯ/ ފަޔާޒު މޫސާ