01 Aug 2014, 23:50
އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލުނުތާ ފަސް ދުވަސް ފަހުން އެކުއްޖާ ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ތ. ވިލުފުށި، ހުވަނދުމާގެ، މަރްޔަމް ނަފްޙާ ނާޞިރު،15، ދިޔަ ވަކިތަނެއް ނޭނގި ގެއްލިފައިވާކަމަށް އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އޭނާ ދިޔަ ވަކި ތަނެއް ނޭނގި ގެއްލިފައިވަނީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ދަންވަރު 12:30 އެހައިކަންހާއިރު ކަމަށާއި އާއިލާއިން ކުރި މަސައްކަތުން ނަފްހާ ފެނިފައިނުވާތީ އެކަން ފުލުހުންނަށް ހުށަހަޅާފައިވަނީ އޭގެ ދެ ދުވަސް ފަހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ނަފްހާ އެންމެ ފަހުން ފެނިފައިވަނީ އޭނާގެ އާއިލާގެ މީހުން މާލޭގައި އުޅޭ ގޭގައި ހުއްޓައި ކަމަށާއި އެއިރު އޭނާ ހުރީ ވަކި ކުލައެއް ނޭނގޭ ބުރުގާއެއް އަޅައި، ހުދުކުލައިގެ ޓޮޕަކާއި އައިސް ބްލޫ ޖީންސެއް ލައިގެން ކަމަށެވެ. އަދި އޭނާ އަކީ ލޮލުގެ ކުލަ ކަޅު، ހަށިގަނޑު ހިކިކޮށް ހުންނަ ކުއްޖެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަފްހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ނުވަތަ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.