01 Aug 2014, 22:30
ޓައިވާނުގެ ހުޅަނގު ދެކުނުގައި އޮންނަ ކައޯސިއަންގެ ބިމު އަޑީގައި ވަޅުލާފައިއޮތް ގޭސް ހޮޅިއެއް ގޮވުމުގެ ސަބަބުން 25 މީހުން މަރުވެއްޖެ އެވެ.
ޓައިވާނުގެ ނެޝަނަލް ފަޔާ އެޖެންސީއާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، ރޭ މެންދަމު އެ ގައުމުގެ ކައޯސިންގްގެ ޗިއާންޖެން ޑިސްޓްރިކްޓުގައި ހިނގި އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަލިފާން ނިންވުމުގައި ހަރަކާތްތެރިވި ހަތަރު މީހަކު ވެސް ހިމެނޭ ކަމަށެވެ. އަދި އެ ހާދިސާގައި 267 މީހުން ޒަހަމްވެފައިވާ ކަމަށް ވެސް އަލްޖަޒީރާ އިން ބުންޏެވެ.
މީގެ އިތުރުން، އެ ހާދިސާގައި ގެއްލުނު މީހުން ހޯދަމުންދާ އިރު، ގިނަ ބަޔަކަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުން ގާތް ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.
"ގޭސް ލީކްވެގެން އުޅޭ ކަމުގެ މައުލޫމާތެއް ރޭ ފަތިހު ލިބުނު. އަދި އެ އެއަށްފަހު ބާރުގަދަ ފަސް ގޮވުމެއް ގޮވާ އެ ހާދިސާގެ ސަބަބުން ގާތްގަނޑަކަށް ދޭއް ނުވަތަ ތިން ސްކުއާ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ހަލާކުވެ، ވަޅުގަނޑެއް ހެދިފައި،" ނެޝަނަލް ފަޔާ އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ސެންޓްރަލް ޑިޒާސްޓާ އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޑިރެކްޓަރު ޗޭންގް ޖިއާ ޖުޗް ވިދާޅުވީ، ގިނަ ކުންފުނިތަކެއްގެ ޕެޓްރޯ ކެމިކަލްތަކެއްގެ ހޮޅިތަކެއް ހިމެނޭ ސަރަހައްދެއްގައި ހިނގި އެ ހާދިސާގައި ލީކްވެފައިވާ ކަމަށް ގަބޫލުކުރެވެނީ ޕްރޮޕީން ކަމަށެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓައިވާނުގެ ޑިސާސްޓަރު ރެސްޕޯންސް ސެންޓަރުން ބުނީ، އެ ސަރަހައްދާއި އެސަރައްދާއި ކައިރި އިތުރު ގޮވުންތަކެއް ގޮވުމުގެ ކުރިން ރައްކާތެރި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން އިތުރު ހޮޅިތަކެއް ގޮވުމުގެ ފުރުސަތު އޮތުމުން ގިނަ އަދަދެއްގެ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ފަށާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.