01 Aug 2014, 20:29
މާލޭގައި މިރޭ ވެސް ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހެންވޭރު އަޑިޕާކް ސަރަހައްދުގައި ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައި ވަނީ މިރޭ 8:00 އެހައިކަންހާއިރު ކަމަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެ މީހާގެ ބޮލަށް އެއްޗަކުން ހަމަލާދީ ޒަޚަމްކޮލުމުން އެމްއެންޑީއެފް ސެނެހިޔާ ހޮސްޕިޓަލުގައި އޭނާ ދަނީ ފަރުވާދެމުންނެވެ. ފުލުހުންގެ ފޮރެންސިކް ޓީމުން ދަނީ އެ ޒުވާނާއަށް ހަމަލާދިން ސަރައްހަދު ބަންދުކޮށް، ފޮރެންސިކް ސާންޕަލް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ރޯދަ މަސް ނިމުނުފަހުން މާލޭގައި ތޫނުއެއްޗެހިން ހަމަލާދިނުން ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ގ. މަސްއޮޑިގެ ކައިރީގައި ހުރި ޒުވާން އަންހެނަކަށް މޫނުނިވާކޮށްގެން ތިބި ބަޔަކު ވަނީ ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފަ އެވެ. ހަމަ އެ ރޭ މާފަންނު ލެމަންގްރާސް ކައިރިން ފިރިހެނަކަށް ތޫނުއެއްޗަކުން ހަމަލާދީ އެ މީހާގެ ބޮލުގެ ފުއްކިބައިން ބައެއް ވަނީ ޒަހަމްކޮށްލާފަ އެވެ.
އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ވެސް ވަނީ ދެ މީހަކަށް ހަމަލާދީ ޒަޚަމްކޮށްލާފަ އެވެ. ހުޅުމާލެ 60 ނަމްބަރު ފްލެޓް ކައިރީގައި ހިނގި އެ މާރާމާރީގައި އެކެއްގެ ބޯފަޅާލާފައި ވާއިރު، އަނެއް މީހާގެ ކޮނޑަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ރޭ އިރުއޮއްސުނު ވަގުތު ކ. ތުލުސްދޫގައި މީހެއްގެ މެޔަށް ވަޅި ހަރައި މީހަކު ވަނީ މަރާލާފަ އެވެ. އަދި ރޭ އިރާކޮޅު ކެނެރީމަގު، ސައިރެކްސް ކޮލެޖު ކައިރީގައި ތޫނު އެއްޗަކުން ޒުވާނަކަށް ކަނދުރާއަށް ހަމަލާދީ ވަނީ ޒަހަމްކޮށްލާފަ އެވެ. އަދި އައްޑޫ ސިޓީގައި ރޭ މެންދަމު ހިންގި މާރާމާރީއެއްގައި އަށް ބިދޭސީއަކު ވަނީ ޒަހަމްކޮށްލާފަ އެވެ.