01 Aug 2014, 17:20
ރައްޔިތުންގެ ޝަކުވާ ބޮޑުވެގެން ރ. މާކުރަތު މިސްކިތުގައި ރޭ ދެމުންދިޔަ ދަރުހެއް ކައުންސިލުން ހުއްޓުވައިފި އެވެ.
މާކުރަތު މަސްޖިދުލް ސަލާމްގެ މުދިމު މުހައްމަދު ރިޝީފް "ސަން"އަށް ވިދާޅުވީ ރޭ ދަރުސްދީ ނިމުމަށްފަހު ސުވާލު ކުރަން ހުޅުވާލި ފުރުސަތުގައި އެ ރަށު ކައުންސިލުން އައިސް ދަރުސް ކުރިއަށް ދާ ގޮތާއި ގުޅޭގޮތުން ސުވާލު ކުރި ކަމަށެވެ. އަދި ދަރުހާއި ގުޅިގެން ރަށު ރައްޔިތުންގެ ޝަކުވާތަކެއް ހުރުމުން ދަރުސް ހުއްޓާލުމަށް އެދުނު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ކައުންސިލްގެ އައިސް އެއްސެވީ ކިހިނެތް ކުރިއަށްދާ ދަރުހެއްތޯ. ދެން އަޅުނގަޑު ބުނިން ކައުންސިލަށް ވެސް އިނގިގެންނޫންތޯ އޭ ކުރިއަށް މިދަނީ. ދެން ކައުންސިލުން ވިދާޅުވީ ދަރުސް ހުއްޓުވަން 15 މިނެޓްތެރޭގަ ބަޔަކު އެބައާދޭ. އެހެންވެގެން އަވަހަށް ހުއްޓަލާށޭ. ދެން އަޅުނގަޑު ދަރުސް ދެމުންދިޔަ ޝެއިހުން ކައިރީގައި އެހެން ދެންނެވީ،" މުދިމު ވިދާޅުވި އެވެ.
ދުވާފަރު އިސްލާމިކް މޫވްމަންޓުގެ ފަރާތުން ރ. އަތޮޅު ރަށްތަކުގައި ދެމުންދާ ދަރުހުގެ ތެރެއިން، ރޭ މާކުރަތުގައި ދަރުސް ދެއްވާފައިވަނީ ޖުމްލަކޮށް އިސްލާމްދީނާއި ގުޅޭގޮތުންނެވެ. އެ ދަރުސް ދެއްވާފައިވަނީ ޝެއިހް ޝައްމޫން އާއި ޝެއިހް އިރުޝާދެވެ.
މާކުރަތު ކައުންސިލުގެ ރައީސް އަހުމަދު ޝިފާން ވިދާޅުވީ، ރޭ އެރަށު މިސްކިތުގައި ކުރިއަށްދިޔަ ދަރުސް ހުއްޓުވާފައިނުވާނެ ކަމަށާއި ނަމަވެސް ދަރުސް "މެދުކަނޑާލަން" އެދުނު ކަމަށެވެ. އަދި އެގޮތަށް އެންގީ ރަށުގެ ރައްޔިތުންގެ ޝަކުވާ ހުށަހެޅުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ކައުންސިލުން ދަރުސް ހުއްޓުވީއެކޭ ނުދެންނެވޭނެ. އެއީ ހުސް ދޮގު. ރައްޔިތުންގެ ހިޔާލު ތަފާތުވެގެން ދަރުސްދީ ނިމުމަށްފަހު ސުވާލަށް ހުޅުވާލި ފުރުސަތުގައި ކައުންސިލުން އެދުނީ ދަރުސް ކުރުކޮށްލަން. ރަށު ރައްޔިތުން ބުނަމުންދިޔައީ، ނޭންގޭ ބަޔަކު ރަށަށް އަރައިގެން ދަރުހެއް ނުދެވޭނޭ. ކައުންސިލުގެ ހުއްދައެއް ނެތި،" ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ، ރޯދަ މަހުގެ 28 ވަނަ ދުވަހު އެރަށުގައި ދަރުހެއް ބާއްވަން ކައުންސިލުން އެދުނު ކަމަށާއި ނަމަވެސް އެދުވަހު ބާއްވަން އޮތް ދަރުސް ކެންސަލްވި ކަމަށެވެ. އަދި ވިދާޅުވީ، ރޭ އެރަށު މިސްކިތުގައި ދިން ދަރުހަކީ ކައުންސިލަށް އިނގިގެން ބޭއްވި ދަރުހެއް ނޫން ކަމަށެވެ.