01 Aug 2014, 17:01
ކ. ތުލުސްދޫ ބިޖިލީއުފާ، އަލީ ޝިހާމް،34، މަރާލި ކަމަށް އިއުތިރާފުވުމާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ޝިހާމް މަރާލި ކަމަށް އިއުތިރާފުވެފައިވާ ކ. ތުލުސްދޫ، ރެޑްރޯސް މުހައްމަދު ނިޔާޒު،34، ގެ ބަންދަށް 15 ދުވަސް ޖަހައިދިނީ މިއަދު އެވެ.
ވަޅިން ހަމަލާދީ ޝިހާމް މަރާލާފައި ވަނީ ރޭ 7:00 އެހައިކަންހާއިރު، އޭނާގެ ގެއާދިމާލު އަތިރިމަތީގައި ހުރި ޖޯއްޔެއްގައި އޮއްވައެވެވެ.
ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުއްރައްޒާގު އަލީ ވިދާޅުވީ ޝިހާމް ޖޯއްޔަށް ދިޔައީ ރޯދަވީއްލުމަށްފަހު ކަމަށާއި ޝިހާމް ބާރަށް ހަޅޭލައްވައިގަތް އަޑަށް އެތަނަށް އޭނާގެ އާއިލާގެ މީހުން ދިޔައިރު ތޫނުއެއްޗަކުން ހަމަލާދިނުމުން އޭނާ އޮތީ ލެއިން ފޯވެފައި ކަމަށެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ޚާއްސަ ތަހުގީގު ޓީމެއް ރޭ ތުލުސްދޫގައި ހަރަކާތްތެރިވަމުން ދަނިކޮށް ނިޔާޒު ވަނީ ކުށަށް އިއުތިރާފުވެ އަމިއްލައަށް ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ.
ރޭ މަރާލި ޝިހާމަކީ ތުލުސްދޫ މީހަކާ އިނދެގެން އެރަށުގައި ވަޒަންވެރިވެގެން އުޅޭ ތ. ކިނބިދޫ އަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާ މަރާލި ކަމަށް އިއުތިރާފުވި ނިޔާޒަކީ އެރަށުގައި ވަޒަންވެރިވެގެން އުޅޭ މާލޭ މީހެކެވެ.
ފުލުހުންގެ ތަހުގީގު ޓީމް ރޭ ވަނީ ޝިހާމަށް ހަމަލާދިން ވަޅި ހާދިސާ ހިނގި ސަރަހައްދުން ހޯދާފަ އެވެ.