01 Aug 2014, 15:57
ބޮލީވުޑްގެ މަޝްހޫރު އެތައް ފިލްމަކަށް ލަވަ ކިޔައިދީފައިވާ މަޝްހޫރު ލަވަކިއުންތެރިޔާ ބެނީ ޑަޔާލް މިހާރު ހުރީ ރާއްޖޭގައެވެ. ސައުންޑް އެންޑް ލައިޓް އިން އިންތިޒާމްކުރާ ޝޯއަކަށް އޭނާ ރާއްޖެ އައީ އިއްޔެއެވެ. އޮލިމްޕަސް ތިއޭޓަރުގައި މިރޭ އޮންނަ ޚާއްސަ ޝޯގެ އެކްސްކްލޫސިވް އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ. އެފްއެމް ރޭޑިއޯ ޕާޓްނަރަކީ ސަން އެފްއެމް އެވެ.
ސަން އެފްއެމާއި ސަން އޮންލައިން އަށް ބެނީ ވަނީ އެކްސްކްލޫސިވް އިންޓަވިއުއެއް ދީފައެވެ.
ސަންއާ ދެއްކި ވާހަކަގައި ރާއްޖެއާ ބެހޭ ގޮތުން އޭނާ ވަރަށް ހާއްސަ އެއް ވާހަކައެއް ބުންޏެވ. އޭނާ ބުނީ، އިންޑިއާގެ ބޮލީވުޑް ފިލްމް އިންޑަސްޓްރީ އިން ފިލްމުތަކާއި ލަވަތައް ޝޫޓްކުރަން އެންމެ ރަނގަޅު އެއް ތަނަކީ ރާއްޖެ ކަމަށެވެ.
"ރާއްޖެއަކީ ބޮލީވުޑްގެ ގިނަ ތަރިން ޗުއްޓީ ހޭދަކުރަން އަންނަ ރީތި ގައުމަކަށް ވާއިރު ރާއްޖޭގައި ފިލްމުތައް ޝޫޓް ނުކުރާތީ އެކަމާ ބުނާނީ ކީކޭތޯ" ސަން އިން އެހުމުން އޭނާ ބުނީ "އެމީހުންނަށް (ފިލްމު ޝޫޓްކުރަން ރަނގަޅު ތަނެއްގެ ގޮތުގައި) ރާއްޖެ ނުފެންނަންޏާ އެއީ އަނދިރި ބައެއް ކަމަށެވެ.
"އަހަރެންނަށް އެއްގޮތަކަށް ވެސް ނޭނގޭ. (ޝޫޓް ނުކުރާ ސަބަބެއް)، އެމީހުން މިތާ ޝޫޓް ނުކުރަންޏާ އެމީހުން އެއީ ހަގީގަތުގައި ވެސް ކަނު ބައެއް. މިތާ ފިލްމް ޝޫޓް ކޮށްފިއްޔާ އަހަރެން ވަރަށް އުފާވާނެ،" ބެނީ ބުންޏެވެ.

ބެނީ ޑަޔާލް ވަނީ އޭނާގެ ކެރިއަރާއި ރާއްޖެއަށް ކުރި ދެ ދަތުރާއި މިރޭގެ ޝޯއާ ބެހޭ ގޮތުން ވެސް އިންޓަވިއުގައި ވާހަކަ ދައްކާފައެވެ. ތިރީގައި މިވަނީ އޭނާއާ ސަންގެ ޖާނަލިސް މުހައްމަދު ނަސީމް ކުރި ބައެއް ސުވާލުތަކާއި އެސުވާލުތަކަށް ބެނީ ދިން ޖަވާބު ތަކެވެ.
ސަން: ރާއްޖޭގެ ރީތިކަން މިހާރު ތިވަނީ ތަޖުރިބާ ކޮށްފައި، އެހެންވީމާ ރާއްޖެއާއި ރާއްޖޭގެ މެހުމާންދާރީއާއި ދިވެހިންނާ މެދު ކީކޭ ބުނާނީ؟
ބެނީ: ހުރިހާ ކަމެއް ވެސް ވަރަށް ސާދާ، ވަރަށް ފަސޭހަ ތަނެއް މިއީ. ހަމަ ޔަގީނުން ވެސް މިއީ ވަރަށް ރީތި ތަނެއް. މާލެއަށް ވުރެ ބޮޑަށް ރަށްތައް. މިއީ އަންނަން ވަރަށް ހިތްގައިމު ތަނެއް.
ސަން: ރާއްޖޭގައި އިންޑިއާގެ ލަވަތަކަށް، ހާއްސަކޮށް ބެނީގެ ލަވަތަކަށް ލޯބިކުރާ ގިނަ ބަޔަކު އެބަތިބި، ރާއްޖޭގެ އާޓިސްޓުންނާ ބެހޭ ގޮތުން އެއްވެސް ވަރަކަށް އެނގޭތަ؟ އެނގޭ ނަމަ އެމީހުންނާ މެދު ބުނާނީ ކީކޭ؟
ބެނީ: އަހަރެންނަށް ފެނިފައި ވަނީ ވަރަށް މަދު ފިލްމެއް. އަހަރެމެންނަށް ރާއްޖޭގެ މަސައްކަތްތައް ބެލޭނެ ގޮތެއް ނޯވޭ، (އެކްސެސްއެއް ނުވެވޭ). އެހެންވީމާ އެކަމާ އެއްޗެއް ބުނުމަކީ އަހަރެންނަށް ވަރަށް އުނދަގޫ ކަމެއް. އެކަމަކު ރާއްޖެ އައިސްފައި ބޮލީވުޑްގެ ގިނަ ފޭނުން ތިބިކަން އެނގުމަކީ އަހަރެންނަށް ކުރެވުނު ވަރަށް އާދަޔާ ހިލާފު އުފާވެރި ތަޖުރިބާއެއް.

ސަން: ކުޑަކޮށް ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާލަމާ.... މިހާރު ކައިވެނިކޮށްފިންތަ؟
ބެނީ: ނޫން ނޫން: އަހަރެން މިހިރީ އަދި ސިންގަލްކޮށް.
ސަން: ސިންގަލްކޮށް ތި ހުރީ، ރާއްޖޭގެ އަންހެން ކުދިންނަށް ވެސް ބެނީއާ ގުޅުމުގެ ފުރުސަތު އެބަ އޮތްތަ؟
ބެނީ: އަހަރެންނަށް ޕްރޮޕޯސް ކުރަން ރާއްޖޭގެ އަންހެން ކުދިންނަށް އޮތީ ހުޅުވިފަ. އެކަމަކު އަހަރެންނަށް ޔަގީން "އަހަރެންނަށް" އެކަން އޮތީ ހުޅުވިފައެއް ނޫންކަން. އެއީ ރާއްޖެއަކީ އިސްލާމީ ގައުމަކަށް ވާތީ. ކޮންމެ ބައެއްގެ ވެސް ދީނީ އަގުތަކަކީ ވަރަށް އަގުހުރި ކަމެއް. އެހެންވީމާ އެކަން ހަލާކުކުރުމަކީ ރަނގަޅުކަމެއް ނޫން.
ސަން: ލޯބިވާ މީހަކު ނުހުރޭތަ؟
ބެނީ: ނޫން ނޫން އަހަރެން ލޯބިވަން، ވަރަށް ގިނަމީހުން ދެކެ ލޯބިވަން. އަހަރެންގެ މަންމަދެކެ ލޯބިވަން. ބައްޕަދެކެ ލޯބިވަން. އަހަރެންނާ އެކީ މަސައްކަތް ކުރާމީހުންނާ ސްކޫލްގެ އެކުވެރިންނާ ކޮލެޖުގެ އެކުވެރިން ދެކެވެސް ލޯބިވަން. ގިނަ ގޮތްގޮތުން އަހަރެން ލޯބިވަން.
https://www.youtube.com/watch?v=e-YvGB0-e08&feature=youtu.be
ސަން: ރޮމެންޓިކް އެއްވެސް ގުޅުމެއް އަދި ނެތް ދޯ؟
ބެނީ: ރޮމެންޓިކް އެފެއާއެއް އަދި ނެތް. އަހަރެން އުޅެނީ އަހަރެންގެ މަސައްކަތަށް ވަރަށް ބޮޑަށް ފޯކަސް ކޮށްގެން. އެހެންވެ އަހަރެން ހިތަށް އަރަނީ އަހަރެން މީހަކު ދެކެ އެގޮތަށް ލޯބި ވެވިއްޖެއްޔާ އެކަމަށް ހުރަސް އެޅެން ފަށާފާނޭ.
ސަން: އަހަރެމެންނަށް މިފެންނީ ބެނީގެ ލަވަތަކުގައި ވަރަށް ބޮޑަށް އިހުސާސް އެކުލެވިފައި ހުންނަތަން. ހާއްސަކޮށް އިޝްގީ ލަވަތަކުގައި. ހީވަނީ ބެނީއަކީ ވެސް ދީވާނާއެއްހެން.....އެކަން އެހެން ކުރަނީ ކިހިނެއްތަ؟
ބެނީ: އަސްލު މިއުޒިކްގައި އެހުންނަ އަސަރުތައް ކޮންމެހެން ނުޖެހޭ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާއަށް ވާކަށް. އެކަމަކު ކަށަވަރުން ވެސް އަމިއްލަ ދިރިއުޅުމުގެ އަސަރުތައް ހުންނާނެ. އަހަރެންގެ ފަރާތުން އަހަރެންނަށް ހީވަނީ އަހަރެން އުޅުނު ދަތިހާލުގެ ސަބަބުން ހެން އެކަން އެފެންނަނީ. އަހަރެންނަށް ޔަގީން އަހަރެންގެ ހިތުގައި ކޮންމެވެސް ވައްތަރެއްގެ ރިހުމެއް އަބަހުރިކަން. އެކަން ފާޅުކޮށްލެވޭނެ އެކަމަށް އެކަށީގެންވާ ލަވައެއް ލިބުނީމަ. ރަނގަޅު އެކްޓަރަކަށް އެލަވަ ކިޔާއިރު. އެގޮތަށް ލަވަ ކިޔައިދިނުމަކީ ބޮޑު ޒިންމާއެއް. ފިލްމު ގަޖިނީއަށް އަހަރެން ކިޔައިދީފައިވާ ލަވަޔަކީ އެފަދަ ލަވައެއް. ލަވަތަކަކީ އާޓިސްޓުންގެ ހަދިޔާއެއް. ވަރަށް ގިނަމީހުން ބުނޭ، އެލަވަ އެހެން ކީ ކިހިނެއްހޭ. އެލަވަ އަޑުއަހާފައި އަހަރެމެންނަށް ރޮވެޔޭ. އަހަރެން ވަރަށް އުފާވޭ އެއިހުސާސްތައް އެލަވައިގައި އެވަރަށް ގެނެސް ދެވުނީތީ.
ސަން: މައިކަލް ޖެކްޝަންގެ ފަރާތުން ހިތްވަރު ހޯދި އިރު، ބެނީގެ ލަވަތަކުގެ ތެރެއިން ޑާންސަކަށް ލަވައެއް ނަގަންޏާ ނަގާނީ ކޮން ލަވައެއް؟
ބެނީ: އަހަރެންގެ ހުރިހާ ލަވަޔަކީ ވެސް ޑާންސް ލަވަތައް. ވަކި ލަވައެއް ހާއްސައެއް ނޫން.

ސަން: ރާއްޖޭގައި ބެނީގެ ވަރަށް ގިނަ ސަޕޯޓަރުން ތިބި އިރު، އެމީހުން އަދި ހާއްސަކޮށް އަހަރެމެންގެ އާޓިސްޓުން ވަރަށް ބޭނުންވާނެ މިއިންޑަސްޓްރީގައި ތިޔަ ހިސާބަށް ދިޔަ ގޮތް އިނގެން، އެކަން ކުޑަކޮށް ކިޔާލަދެވިދާނެތަ؟
ބެނީ: އޯހް، މިހިސާބަށް އައުން، އެއީ ވަރަށް ދިގު މުއްދަތެއްގެ މަސައްކަތެއް. އަހަރެން (ލަވަކިޔަން) ފެށީ ކޮލެޖްގައި ކިޔެވިއިރު. ދެން އަހަރެން ކިޔެވި އިރު ޔުނިވަސިޓީގައި ވެސް ޕާފޯމް ކުރިން. އިންޓަޔުނިވަސިޓީ މުބާރާތްތަކުގައި ވެސް ބައިވެރިވިން. އަހަރެން އަބަދުވެސް ބޭނުންވީ ލަވަކިޔުންތެރިއަކަށް ވާން. އަހަރެންގެ ޅައުމުރުގައި އަބޫދާބީގައި ކިޔެވި އިރު ވެސް އެއުއްމީދު އޮތް. ދެން އަހަރެން ކޮލެޖަށް ވަންނަން ޗެންނާއީ އަށް ދިޔައިރު މުޅިންވެސް ވިސްނުން ހުރީ ބޮޑެތި ބޮޑެތި ކޮންޕޯޒަރުންނާ ބައްދަލުވެ، ކޮންމެވެސް ދުވަހަކުން ކޮންމެވެސް މީހަށް ވުމަށް. އެންމެ ފަހުން އެކަންވީ. އެއް އިރެއްގައި އަހަރެންނަކީ އެއް ދުވަހުގެ ކަންތައްތައް ހަމަޖައްސަން ވެސް އުނދަގޫ ހާލަތެއްގައި ހުރި މީހެއް. ދުވާލަކު އެންމެ ފަހަރަކު ކައިގެން ވެސް އުޅުނިން. ދެން އަހަރެން ވަޒީފާއަކަށް ދިޔައިން. އަހަރެން ހުރީ އެކަމަށް ކޮލިފައި ވެފައި. ވަޒީފާގެ ފުރުސަތުތައް އަހަރެންނަށް އޮތް. އެކަމަކު އަހަރެން ކުރިން ހުރީ ވަޒީފާއެއް އަދާކުރަން ބޭނުން ނުވެފައި. އެއީ އަހަރެން ބޭނުންވީ މިޔުޒިކް ކުޅެން ކަމަށް ވާތީ. ދެން އަހަރެން އިންޓަވިއުތަކަށް ދާން ފެށިން. ވަޒީފާ ލިބުނުތާ ތިން ދުވަސް ވީތަނާ އޭއާރް ރަހުމާން އަހަރެންނަށް ގުޅި. ދެން އެހިސާބުން އަހަރެން އެންމެންނަށް ވެސް އެނގި، ލަވަކިޔަން ފެށިއްޖެ. އަހަރެން ހަމަ ހަގީގަތުގައި ވެސް އޭއާރް ރަހުމާނަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން.
ސަން: އެހެންވީމާ ތިޔަ ކަމަށް ހިތްވަރު ލިބިގަތް އެއްވެސް އާޓިސްޓަކު އެބަހުރިތަ އިންޑިއާގައި ވިޔަސް ނުވަތަ ހޮލީވުޑްގައި ވިޔަސް؟
ބެނީ: ކަށަވަރުން ވެސް، އަސްލުގައި އެއީ އެތައް ބައެއް. ހާއްސަކޮށް އެއީ މައިކަލް ޖެކްސަން. އުމުރުން ފަސް އަހަރުގައި ހަދިޔާއަކަށް ލިބުނު މައިކަލް ޖެކްސަންގެ މޫންވޯކް ފެންނަ ކެސެޓެއް. އެއީ އަހަރެންގެ ސްކޫލް ދުވަސްވަރު ލިބުނު ފުރަތަމަ ހަދިސާ. ދެން އެބަލާފައި އަހަރެން ޑާންސްކުރަން ފެށީ. ދެން އަހަރެން ޑާންސަރަކަށް ވި. އެއީ ހަމަ މައިކަލް (އަހަރެންނަށް ހިތްވަރަކަށް ވީ)
ސަން: ބެނީގެ ލަވަތަކުގެ ތެރޭގައި އެބަ އޮވޭ ދިވެހިން ވަރަށް ލޯބިކުރާ ލަވަޔެއް. އެލަވަޔަކީ ޑާންސަކަށް ވަރަށް އެކަށީގެންވާ ގޮތަކަށް ކިޔާފައިވާ ލަވައެއް. އެއީ ބައްތަމީޒް ދިލް، އެލަވަ މިރޭގެ ޝޯގައި ކިޔާނަންތަ؟
ބެނީ: އެލަވަ ނުކިޔާ އަހަރެން ދާނެހެން ހީވޭތަ؟ އެލަވަ ކިޔައި ނުދެނީސް މި މީހުން (ދިވެހީން) އަހަރެން ދޫވެސް ނުކުރާނެ. އެއީ އަހަރެންގެ އެގްޒިޓް ވިސާ.
ސަން: އެލަވައިން އަހަރެމެންނަށް ފާހަގަވޭ އިންޑިއާގެ އެހެން އާޓިސްޓުންނާ ބެނީއާ ވަރަށް ތަފާތުވާ ކަމެއް. އެއީ އެލަވައިގައި ލަފުޒުތައް ޕްރަނައުންސް ކުރާ ގޮތް. އެއީ ގަސްދުގައިތަ ނޫނީ ހަމަ އަބަދުވެސް ކިޔާ ގޮތްތަ؟
ބެނީ: އެއީ ހަމަ އެލަވަ ކިޔަން (ކިއުއްވި މީހުން) ބޭނުންވި ގޮތް. އެމީހުން ބުނި، ވަރަށް ބޮޑަށް މޮޔަވެފައި (މާބޮޑަށް މަޖާވެފަ އޭ ހުންނަން ޖެހޭނީ. ކަލޭ މޮޔަވާށޭ. ދެން ހަމަ އެހެން އެކަން ވީ ވެސް. އަސްލު އެކަމުގެ ހުރިހާ ކްރެޑިޓެއް ލިބެނީ ކޮމްޕޯޒަރަށް. އެއީ މރ. ޕްރީތަމް އަށް. އޭނާ އެލަވަ ކޮމްޕޯޒްކުރީ. އަހަރެން ހިއެއް ނުކުރަން އެލަވަ އެހާ ކާމިޔާބުވާނެ ކަމަކަށް. އެކަމަކު އެލަވަ ވީ ވަރަށް ބޮޑު ކާމިޔާބަކަށް. 71 ގައުމު ބައިވެރިވާ ބައިނަލް އަގުވާމީ މުބާރާތަކަށް ވެސް ބައްތަމީޒް ދިލް ނޯމިނޭޓްވި. އެލަވަ ސެމީ ފައިނަލަށް ވެސް ދިޔަ. އެންމެ ރަނގަޅު 20 ލަވައިގެ ތެރޭގައި ވެސް ހިމެނުނު. އަހަރެން ވަރަށް އުފާވި.
ސަން: އަހަރެމެންގެ އަޑުއެހުންތެރިން (ސަން އެފްއެމް ރޭޑިއޯ އަޑުއަހާމީހުން) ވަރަށް ބޭނުންވާނެ ބެނީ މިއުޒިކާ ނުލައި އެލަވަ ކިޔާގޮތް އަޑުއަހާލަން. (ބެނީ ވަނީ މި ލަވައިގެ މައިގަނޑު ސަންގެ ސްޓޫޑިއޯގައި މިޔުޒިކާ ނުލައި ލިޔައިދީފަ އެވެ.)
ސަން: އިންޑިއާގެ ލަވަކިއުން ތެރިންގެ ތެރެއިން އެންމެ ފެވަރިޓް މީހަކީ ކާކު؟
ބެނީ: އެތައްބައެއް. ކިޝޯރު ކުމާރު. މުހައްމަދު ރަފީއު. މުކޭޝް. އޭއާރް ރަޚުމާން. ސޯނޫ ނިގަމް. އުދިތު ނާރަޔަން. ކުމާރު ޝާނޫ. އަލްކާ. ލަތާމަންގޭޝްކަރް. އާޝާބޯސްލޭ. އަރުޖީތު ސިންގް ސުމިތު ޗައުހާން. ހުރިހާ އެންމެން. އަހަރެން އެންމެން ދެކެވެސް ލޯބިވަން. ބޮލީވުޑް މިއުޒިކް މިއަދު އެއްޗަކަށް ވެފައި ވަނީ އެންމެންގެ ސަބަބުން. އެންމެން ލަވަކީމާ ބޮލީވުޑް ބޮލީވުޑަކަށް ވީ.
ސަން: ބޮލީވުޑް ސްޓާރުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން ވަރަށް ގިނައިން އާދޭ. އެކަމަކު ބޮލީވުޑް ފިލްމުތައް މިތާނގައި ޝޫޓްކުރާ ތަނެއް ނުފެނޭ. އެއީ ކީއްވެ ހެން ހީވަނީ؟
ބެނީ: އަހަރެންނަކަށް ނޭނގޭ. އެމީހުންނަށް ފިލްމު ޝޫޓްކުރަން ރާއްޖެ ނުފެންނަންޏާ އެމީހުން އެއީ ކަނު ބައެއް. އެކަމަކު ވަރަށް ގިނަ ކަންތައްތަކަށް އެކަން ބިނާ ވާނެ، ސްކްރިޕްޓާ އެފަދަ އެތައް ކަމަކަށް.
ރާއްޖެއަކީ ދުނިޔޭގެ ޓޫރިޒަމްގެ އެއްވަނަ ކަމަށް ވާއިރު، ސީޝެލްސް ފަދަ ގައުމު ތަކުގެ ބީޗްތައް އަބަދު އަބަދު ފެންނަ އިރު ވެސް ރާއްޖޭގެ ބީޗެއް ހިންދީ ފިލްމުތަކަކުން ނުފެނޭ....
ބެނީ: ރާއްޖެ މީ ހަމަ ޓޮޕް، ވަރަށް ރީތި. އަހަރެން އައި މިއީ ދެވަނަ ފަހަރު. ފްލައިޓްގައި އިނދެފައި ބަލައިލާއިރު ވެސް ވަރަށް ރީތި. އެކަމަކު ކޮންމެ ކަމަކަށް ވެސް ވަގުތެއް އޮންނާނެ. ކަލާނގެ އިރާދަކުރެއްވީމާ ހުރިހާ ކަމެއް ވެސް ވާނީ. އެހެންވީމާ ކަލާންގެ އިރާދަކުރެއްވީމާ ރާއްޖޭގައި ބޮލީވުޑް ފިލްމުތައް ވެސް ޝޫޓް ކުރާނެ.
ސަން: އަހަރެމެންނަށް އަޑު އިވިފައި އޮތް ގޮތުން ރާއްޖޭގެ ދެއާޓިސްޓަކު ވެސް މިރޭ ބެނީ އާ އެކީ ޕާފޯމް ކުރާނެ. އެމީހުން އެއްވެސް ވަރަކަށް ދަންނަންތަ؟ އެމީހުންނާ މެދު ކީކޭ ބުނާނީ؟
ބެނީ: އުނޫޝާގެ އަޑު އަހަރެން ކުރީފަހަރު އައި އިރު އެހިން. އަނެއް އާޓިސްޓް އަޒްމީރާ، އޭނާ އާ ދިމާވީ މިއަދު. އެމީހުންނާ ބައްދަލުވުމަކީ އުފަލެއް. އެހެން ގައުމެއްގެ މިއުޒީޝަނުންނާ ބައްދަލުވުމަކީ އެންމެ އުފާވާ ކަންތައް. މިހުރިހާ ކަމެއްގެ ކްރެޑިޓް ލިބެނީ ސައުންޑް އެންޑް ލައިޓްސް އަށް. މީހުން އެއްތަން ކުރުވުން. އެއީ މިއުޒިކަކީ. މިއުޒިކް ކުޅެންޏާ މީހުން އެއްތަން ވާނެ. މިއީ ވަރަށް މަޖާ ތަޖުރިބާއަކަށް ވާނެ. ބަލަން އަންނަން ބޭނުންވާ މީހުން އަވަހަށް ޓިކެޓް ގަނޭ. މިހާރު ހުސްވަމުން އެދަނީ. ޝޯ އޮންނާނީ އޮލިމްޕަސް ތިއޭޓަރުގައި މިރޭ 9 ޖަހާއިރު.
ސަން: ނިންމައިލަމުން ކީކޭ ބުނާނީ؟
ހުރިހާ ދިވެހީންނަށް ޝުކުރިއްޔާ... ޝުކުރިއްޔާ ސައުންޑްސް އެންޑް ލައިޓްސް...ޝުކުރިއްޔާ ސަން...
