އުރީދޫ މޯލްޑިވްސްގެ ނުވަ ވަނަ އަހަރީ ދުވަސް މިއަދު ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަނެއް ފައްޓައިފި އެވެ.

އުރީދޫ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ނުވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ނުވަ ރުފިޔާ ހަރަދު ކުރައްވައިގެން ޚާއްސަ ނުވަ އިނާމެއް އެ ޕްރޮމޯޝަނުގެ ދަށުން ލިބޭނެ ކަމަށެވެ.

އަދި ކަސްޓަމަރުންނަށް އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ފޯނުން ނުވަ ރުފިޔާ ހަރަދު ކުރެއްވުމުން ލަކީޑްރޯއެއް
މެދުވެރިކޮށް ހާއްސަ ނުވަ އިނާމެއް ލިބުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެ ކުންފުނީން ބުންޏެވެ.

އިނާމުތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓަކަށް ހިލޭ ދަތުރެއް، އުރީދޫ މައިފައި ޑިވައިސް، ހުޅުލެ އައިލަންޑް ހޮޓަލްއިން ރޭގަނޑު ކެއުމެއް، ގޯޕްރޯ ކެމެރާ، ޕީއެސްފޯ، ސެމްސަންގް ގެލަކްސީ 5އެސް ފޯނަކާއި އެޕަލް އައިފޯނު 5 އެސް ފޯނުގެ އިތުރުން ހާއްސަ އެތައް އިނާމެއް ލިބުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އަހަރީ ދުވަހުގެ ޚާއްސަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާނީ ލަކީޑްރޯ އަކުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވޭތު ވެދިޔަ ނުވަ އަހަރަކީ ކުރިއެރުމާއި ކާމިޔާބީތަކެއް ލިބިފައިވާ އަހަރުތަކެއް ކަމަށާއި ބައިނަލްއަގްވާމީ މުވާޞަލާތީ ގްރޫޕަކަށް ނިސްބަތްވާ އުރީދޫއަކީ 11 ގައުމެއްގައި 93 މިލިއަން ކަސްޓަމަރުންނަށް ޚިދުމަތް ދެމުންދާ ކުންފުންޏެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އުރީދޫ އިން އަބަދު ވެސް މަސައްކަތް ކުރާނީ މީހުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށް މީހުން ތަރައްގީ ކުރުމަށް ކަމަށް ވެސް ބުންޏެވެ.

އުރީދޫ އިން ބުނީ އެ ކުންފުނީން ގަބޫލުކުރަނީ ރަނގަޅު ކަނެކްޝަންއެއް މެދުވެރިކޮށް ކަސްޓަމަރުންގެ ދުނިޔެ އިތުރަށް ފުރިހަމަކޮށްދިނުން ކަމަށެވެ. އެގޮތުން އުރީދޫގެ ނެޓްވޯކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްތައް ކުރުމުގެ އިތުރުން، އަގުހެޔޮ އަދި ވާދަވެރި އަގުތަކެއްގައި އައު ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ތައާރަފްކޮށްދެމުން އަންނަ ކަމަށް ވެސް އެ ކުންފުނީން ބުންޏެވެ.

އުރީދޫ އިން ވަނީ އެތައް ގިނަގުނަ ކާމިޔާބީތަކެއް އައު ޓެކްނޮލޮޖީތައް މެދުވެރިކޮށް މިއަދުގެ ތޫނުފިލި ކަސްޓަމަރުންނަށް ގެނެސްދީފައި ކަމަށް ވެސް އެ ކުންފުނީން ބުންޏެވެ.