އިސްރާއީލުން ޣައްޒާގެ މަދަނީ ތަންތަނަށް ޙަމަލާދީ ފަލަސްތީނުގެ ކުށެއް ނެތް އާންމުން މަރަމުން ގެންދާ މައްސަލަ ކުށްވެރިކޮށް އެމެރިކާއިން ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފި އެވެ.

ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ ޣައްޒާގައިވާ އދ. ގެ މަރުކަޒުތަކަށް އިސްރާއީލުން ހަމަލާދިނުމަށް އެއްވެސް ބަހަނާއެއް އޮންނާނެ ކަމަށް އެމެރިކާ ނުދެކޭ ކަމަށާއި އިސްރާއީލުގެ މިފަދަ އަމަލުތައް އެއްވެސް ވަރަކަށް ގަބޫލު ނުކުރެވޭނެ ކަމުގަ އެވެ. މިއީ، އިސްރާއީލުން ޣައްޒާގެ މާރުކޭޓްތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކަށާއި އާންމުންގެ ގެދޮރަށާއި މިސްކިތްތަކަށް ތަންތަނަށް ޙަމަލާދީ ފަލަސްތީނުގެ އާންމުން ގަސްދުގައި މަރައި ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް އިސްރާއީލު ހިންގަމުން ގެންދާއިރު ވެސް އެކަމާ އަޅާނުލައި އިސްރާއީލުގެ ދިފާއުގައި ވާހަކަ ދައްކަމުން ގެންދާ އެމެރިކާއިން އިސްރާއީލަށް އާދައިގެ ގޮތަކަށް ނަމަވެސް ފާޑުކިޔައި އިސްރާއީލު ކުށްވެރިކޮށްލި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން އިސްރާއީލު ކުށްވެރިކޮށް ވާހަކަ ދައްކާފައި މި ވަނީ ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ އަވަށުގައިވާ އދ. ގެ ސްކޫލަކަށް މިދިޔަ ބުދަދުވަހު އިސްރާއީލުން ޙަމަލާދީ ފަލަސްތީނުގެ 16 މީހުން ޝަހީދުކޮށްލައި ގިނައަދަދެއްގެ ބަޔަކު ޒަޚަމްކޮށްލުމާ ގުޅިގެންނެވެ. ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ ޣައްޒާގެ ހަނގުރާމައިން ޙިމާޔަތް ހޯދުމަށްޓަކައި ފަލަސްތީނުގެ އާންމުންގެ އެތަށްބަޔަކު ޖަމާވެފައިވާ ޣައްޒާގެ އދ. ގެ މަރުކަޒުތަކަށް އިސްރާއީލުން ހަމަލާދޭންޖެހޭ އެއްވެސް ސަބަބެއް އޮންނާނެ ކަމަށް އެމެރިކާ ގަބޫލުނުކުރާ ކަމަށާ މިއީ އިސްރާއީލަށް އެއްވެސް ބަހަނާއެއް ދެއްކެން އޮންނާނެ ކަމެއްނޫންކަމުގަ އެވެ.

އިސްރާއީލުގެ ޙަމަލާތަކުގައި ފަލަސްތީނުގެ އާންމުން މަރުވަމުންދަނީ ގަބޫލުނުކުރެވޭހާ ގިނައިން ކަމަށާއި ހަނގުރާމައިގާ އާންމުން ހިމާޔަތްކުރުމަށް އިސްރާއީލުން މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ވައިޓް ހައުސްގެ ތަރުޖަމާން ވިދާޅުވި އެވެ. މީގެ އިތުރުން އިސްރާއީލުގެ އަމަލުތައް މިގޮތަށް ހުންނަނަމަ ދުނިޔޭގެ އާންމުންގެ ހިތްތައް އިސްރާއީލަށް ގެއްލި އިންސާނީ ހައްގުތަކަށް އަރައިގަންނަ ގައުމެއްގެ ގޮތުގައި އިސްރާއީލު ލޭބަލްވެދާނެތީ އެމެރިކާ ކަންބޮޑުވާ ކަމަށް ވެސް ވައިޓް ހައުސްގެ ތަރުޖަމާން ވިދާޅުވި އެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ވެސްވަނީ އިސްރާއީލުން ޣައްޒާއަށް ދޭ ޙަމަލާތަކުގައި ފަލަސްތީނުގެ އާންމުން ޝަހީދުވަމުންދާ މައްސަލާގައި ކަންބޮޑުވާކަން ހާމަކޮށް އާންމުންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް އިސްރާއީލަށް ގޮވާލާފަ އެވެ.

އިސްރާއީލުންވަނީ މީގެ ހައެއްކަ ދުވަސްކުރިން ޣައްޒާގައި އދ. ގެ އެހެން ސްކޫލަކަށް ވެސް ޙަމަލާދީ ފަލަސްތީނުގެ އާންމުންގެ އެތަށްބަޔަކު ޝަހީދުކޮށްލާފަ އެވެ. ނަމަވެސް އެފަހަރު އިސްރާއީލުން ހިންގި ޖަރީމާތައް އެމެރިކާއިން ކުށްވެރިކޮށްފައެއް ނުވެ އެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު އުދުވާނާއި ޖަރީމާތަކުގައި އދ. ގެ 103 މަރުކަޒަކަށް ޙަމަލާ ދީ އޭގެތެރެއިން ގިނަ މަރުކަޒުތަކެއް ހަލާކުކޮށްލާފައިވާ ކަމަށް އދ. ގެ އިންސާނީ އެހީގެ ކަންތައްތަކާބެހޭ ވެރިޔާ ވެލަރީ އާމޮސް ވަނީ ވިދާޅުވެފައެވެ.