ސ. ގަން އެއާޕޯޓް ތަރައްގީ ކުރަން ގަން އެއާޕޯޓް ކުންފުންޏާއި އެސްޓީއޯ އަދި އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ޖޮއިންޓްވެންޗާ އެގްރިމެންޓެއްގައި ސޮއިކޮށް ގަން ތަރައްގީ ކުރާނެ ގޮތުގެ ދިރާސާއެއް 60 ދުވަހުގެ ތެރޭގައި ނިންމަން ހަމަޖައްސައިފި އެވެ.

ގަން އެއާޕޯޓް ކުންފުންޏާއި އެސްޓީއޯ އާއި އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޖޮއިންޓްވެންޗާ އެގެރިމެންޓްގައި ސޮއިކުރުމަށް ފަހު ތިން ކުންފުނީގެ ފަރާތުން ރައީސް އޮފީހުގައި މިއަދު ވަނީ ޖޮއިންޓް ޕްރެސް ކޮންފަރެންސެއް ބާއްވައިފަ އެވެ.

ޕްރެސް ކޮންފަރެންސްގައި ކުންފުނިތަކުގެ ފަރާތުން ބުނީ، އެއްބަސްވުމުގެ ދަށުން ގަން އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ދިރާސާ ކުރިޔަށް އޮތް 60 ދުވަހުގެ ތެރޭގައި ނިންމައި އޭގެ ފަހުން ކުންފުންޏެއް އުފައްދާނެ ކަމަށެވެ. އަދި އެ ކުންފުނީގައި ބައިވެރިވާން ޝައުގުވެރިވާ އެހެން ފަރާތްތަކަށް ފުރުސަތު ދޭނެ ކަމަށެވެ.
އެސްޓީއޯގެ ޗެއާމަން ފާރޫގު އުމަރު ވިދާޅުވީ ދިރާސާގައި އެ ކަމަށް ބޭނުންވާ އިންވެސްޓްމެންޓަކީ ކޮބައިކަން ދެނެގަނެ، އިވެލުއޭޓް ކުރާނެ ކަމަށެވެ. އެސްޓީއޯ އިން އެ އެއްބަސްވުމުގައި ސޮއިކުރީ ޔަގީންކަމާ އެކު މިއީ ކުރެވޭނެ ކަމެއް ކަމަށް ކަށަވަރުވާތީ ކަމަށް ވެސް ފާރޫގު ވިދާޅުވި އެވެ.
"އެސްޓީއޯ އިން ކުރިމަތިލާނީ ކުރެވޭވަރުގެ ކަންކަމާ. މިކަން ކުރޭނެ ގާބިލުކަން (އެސްޓީއޯގައި) އެބަހުރި،" ފާރޫގު ވިދާޅުވި އެވެ.

ގަން އެއާޕޯޓް ކުންފުނީގެ ޗެއާމަން އަހުމަދު ނަސީރު ވިދާޅުވީ ގަން އެއާޕޯޓް ތަރައްގީވުމާ މެދު އައްޑު އަތޮޅުގެ ރައްޔިތުންގެ ހިތުގައި ޝައްކުތައް އޮންނަ ކަމަށާއި އެހެންނަމަވެސް ވަރަށް ބޮޑު އުންމީދެއް ކުރާ ތަނެއް ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ތިން ކުންފުނީގެ ޖޮއިންޓް ދިރާސާއަށް ފަހު ސަރުކާރާ ހަމައަށް އަންނާނީ ހުރިހާ ގޮތަކުން ގަން އެއާޕޯޓް ތަރައްގީވެގެން އަންނާނެ ރަނގަޅު ޕްލޭނެއް ހިފައިގެން ކަމަށެވެ.

ބިޑިން އުސޫލަށް ނުގޮސް ސަރުކާރު ހިއްސާވާ ކުންފުނިތަކަކާ އެކު ގަން ތަރައްގީކުރަން އެއްބަސްވީ ކީއްވެގެންތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން އިކޮނޮމިކް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރީއާ ހަވާލުވެ ހުންނެވި މަހުމޫދު ރާޒީ ވިދާޅުވީ އެ ގޮތަށް ނިންމެވީ އެ ކުންފުނިތަކުގެ އިސްނެގުމާއި ޝައުގުވެރިކަމަށް ބަލައި ގަން އެއާޕޯޓް ތަރައްގީ ކުރުމުގައި ކުރުމަގަކުން ދިއުމަށް ކަމަށެވެ.
މި ކޮންފަރެންސްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އާދިލް ސަލީމް ވިދާޅުވީ ގަން އެއާޕޯޓް ތަރައްގީ ކުރާނަމަ ފަޔާ ކޭޕެބިލިޓީ، ބޮޑެތި ބޯޓު ފަހަރު ޖެއްސޭ ގޮތަށް ކެޓް ސިކްސް ލެވެލަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ. އަދި އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކާ އެކު ޕޭމަންޓް ސްޓެރެންޓް ވަރުގަދަކޮށް ކުރު ރާސްތާ އާއި މެދު ރާސްތާ އަދި ދުރު ރާސްތާގެ މަސައްކަތްތަކަށް އަމާޒު ކުރަން ޖެހޭ ކަމަށެވެ.
ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މީގެ ކުރިން ސުޕްރީމް ކިޔާ ބޭރުގެ ކުންފުންޏަކުން ވެސް ކުރި އެވެ. ނަމަވެސް އެކުންފުނީގެ މެނޭޖްމެންޓާއި ހިއްސާއަށް ދިމާވި މައްސަލައަކާ ގުޅިގެން މަސައްކަތް ހުއްޓައިލީ ކަމަށް ރާޒީ ވިދާޅުވި އެވެ.