ދިރާގު ދިވެހި ލީގުގައި ހުސައިން ޝިމާޒް (ކޮކީ) ކާމިޔާބުކުރި ހެޓްރިކާއެކު މަހިބަދޫ ސްޕޯޓްސް ކްލަބު އަތުން ވިކްޓަރީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ވިކްޓަރީ މޮޅުވީ 3-2 ލަނޑުންނެވެ. މިރޭ 9:00 ގައި ފަށަން ހަމަޖެހިފައިވާ މި މެޗުގެ ރެފްރީންނަށް ގަޑިއަށް ހާޒިރުނުވެވުމާއި ގުޅިގެން މެޗު ފެށުނީ އޭގެ ބައިގަޑިއިރު ފަހުންނެވެ.

މެޗުގެ ހަ ވަނަ މިނެޓްގައި އިސްމާއިލް މުހައްމަދު (އިއްސޭ) ދިން ބޯޅައަކުން ވިކްޓަރީއަށް ލީޑު ހޯދައިދިނީ ކޮކީ އެވެ. ވިކްޓަރީގެ ފުރަތަމަ ލަނޑު ކޮކީ ކާމިޔާބުކުރީ މަހިބަދޫގެ ގޯލުގެ ކަނަށް ފަނުވާލައިގެންނެވެ.

މެޗުގެ 25 ވަނަ މިނެޓްގައި ކޮކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ވިކްޓަރީއަށް ލީޑު ފުޅާކޮށްދީފަ އެވެ. އެ ލަނޑު ޝިމާޒް ކާމިޔާބުކުރީ ވިކްޓަރީއަށް ލިބުނު ހިލޭ ޖެހުމަކުން އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޗިންޑާ ޗިޒީ ކަކާ ނަގައިދިން ހުރަހަކުން އޭނާގެ ބޮލުން ޖަހަ އެވެ.

މަހިބަދޫގެ ފުރަތަމަ ލަނޑު މެޗުގެ 58 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަބްދުﷲ މިދުހަތު ފަހުމީ އެވެ. މަހިބަދޫގެ ބިދޭސީ ކުޅުންތެރިޔާ ނެކެމޮން ރޮޑްރިގޭ ޓަހީ ދިން ބޯޅަ މިދުހަތު ވަނީ ވަރަށް ރީތިކޮށް ވިކްޓަރީގެ ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ.

ވިކްޓަރީއަށް ތިންވަނަ ލަނޑެއް ކާމިޔާބުކޮށް، ކޮކީގެ ހެޓްރިކް ފުރިހަމަވެގެން ދިޔަ ތަން ފެނުނީ މެޗުގެ 87 ވަނަ މިނެޓްގައެވެ. މެޗުގެ ފަހު ލަނޑު އަދި މަހިބަދޫގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ އިތުރު ވަގުތުކޮޅު ތެރޭގަ އެވެ. ލިބުނު ހިލޭ ޖެހުމަކުން މަހިބަދޫއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން މިދުހަތެވެ.

ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، ހަ މެޗުން ލިބުނު 18 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ދެވަނައިގައި އޮތީ މާޒިޔާ އެވެ. ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އީގަލްސް އެވެ. ހަތް މެޗު ކުޅެ ލިބުނު ދިހަ ޕޮއިންޓާއެކު ހަތަރު ވަނައިގައި ވިކްޓަރީ އޮތް އިރު، ހަތް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ މަހިބަދޫ އެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ލީގުގެ ހަތްވަނައިގައި ލިބުނު އެންމެ ޕޮއިންޓަކާއެކު ބީޖީ އޮތް އިރު، އެންމެ ފުލުގައި އޮތް އޭވައިއެލްއަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ލީގުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ވެލެންސިއާ އާއި ކްލަބު އީގަލްސް އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މާދަމާ ރޭ 9:00 ގައެވެ.