Last Updated:
1 decade 1 year ago

ތޫނުއެއްޗަކުން ހަމަލާދީ މީހަކު މަރާލައިފި

    ބުލޮގު ޚުލާސާ
    ކ. ތުލުސްދޫގައި ތޫނުއެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައި ވާ މީހަކަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
    02:46

    ޝިއާމް މަރާލި ކަމަށް އިއުތިރާފުވެ އަމިއްލައަށް ފުލުހުންގެ ބެލުމުގެ ދަށަށް ދިޔުމުން ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ މުހައްމަދު ނިޔާޒް ނަމަކަށް ކިޔާ މާލޭ މީހެއް. އޭނާ އަކީ އެރަށުގައި ދިރިއުޅޭ މީހެއް.
    02:41

    ޝިއާމްގެ ހަށިގަނޑު މިހާރު ވަނީ ސަހަރާއަށް ގެންގޮސްފައި.
    22:25ޢަބްދުއްރައްޒާޤު ޢަލީ، ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް

    ފުލުހުންގެ ތަހުގީގު ޓީމުން ގޮސް ހާދިސާ ހިނގި ސަރަހައްދު ބަލައި ފާސްކޮށް އެ ސަރަހައްދުން އަލީ ޝިއާމަށް ހަމަލާދިން ވަޅި ހޯދައިފި.
    22:19ތުލުސްދޫ ސިއްހީ މަރުކަޒު

    ޢަލީ ޝިއާމްގެ ހަށިގަނޑު އަދިވެސް އޮތީ، ތުލުސްދޫ ސިއްހީ މަރުކަޒުގައި. ފުލުހުން މިހާރު ދަނީ އޭނާގެ ހަށިގަނޑުން ނަގަން ޖެހޭ ފޮރެންސިކް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން.
    22:07އަބްދުﷲ ރިޔާޒު، ކިނބިދޫ ދާއިރާގެ މެމްބަރު

    އަޅުގަނޑު މިކަމާ ހިތާމަ ކުރަން. މިކަން އަޅުގަނޑު ވަރަށް ބޮޑަށް ކުއްވެރި ކުރަން. މިއީ ނާތަހުޒީބު އަމަލެއް. މިކަން އަވަހަށް ތަހުގީގުކޮށް ޝަރީއަތަށް ހުށަހަޅައި ގާނޫނީގޮތުން ލިބެންޖެހޭ އަދަބު ދިނުމަށް އަޅުގަނޑު ގޮވާލަން. މި ފުރުސަތުގައި ނިޔާވި އަލީ ޝިއާމްގެ އާއިލާއަށް ހެޔޮދުއާ ކުރަން.
    22:03

    މިރޭ އިރާކޮޅު ކ. ތުލުސްދޫގައި ތ. ކިނބިދޫ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި މައްސަލަ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުއްވެރިކުރައްވައިފި.
    21:14ޢަބްދުއްރައްޒާޤު ޢަލީ، ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް

    އެމީހާއަށް އަދަބު ދިނުމަށް ރައްޔިތުންނާ ހަވާލުކުރުމަށް ގޮވާލައި، ތުލުސްދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ދަނީ، އެރަށު ޕޮލިސް ސްޓޭޝަން ކުރިމަތީގައި މުޒާހަރާކުރަމުން.
    21:12ޢަބްދުއްރައްޒާޤު ޢަލީ، ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް

    ތޫނު އެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި ތުލުސްދޫން ފުލުހުން ހައްޔަރުކޮށްފައިވާ މީހާ ފުލުހުންނާ ހަވާލުވީ އެމީހާ އަމިއްލައަށް. އޭނާއަކީ އެރަށުގައި ދިރިއުޅޭ މާލޭ މީހެއް.
    20:59ޕޮލިސް މީޑިއާ

    ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި ކަމުގެ ތުހުމަތުގައި، ތުލުސްދޫން މީހަކު ހައްޔަރު ކޮށްފި.
    20:47ޕޮލިސް މީޑިއާ

    ތޫނު އެއްޗަކުން ހަމަލާދީ ތުލުސްދޫގައި މީހަކު މަރާލި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރޭ.
    20:43ޢަބްދުއްރައްޒާޤު ޢަލީ، ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް

    ޝިއާމް މަރުވިއިރު، އޭނާގެ އަނތްބަކާއި ކުޑަ ދެ ކުދިން ތިބޭ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް. އެ ދެކުދިންނަކީ ތުލުސްދޫ ސްކޫލުގައި ތައުލީމު ހާސިލްކުރަމުން އަންނަ ދެ ކުދިން.
    20:33ޢަބްދުއްރައްޒާޤު ޢަލީ، ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް

    ތުލުސްދޫ ޕޮލިސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން އަންނަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން.
    20:28ޢަބްދުއްރައްޒާޤު ޢަލީ، ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް

    ރޯދަ ވީއްލުމަށްފަހު ކޮންމެ ދުވަހަކު ވެސް އެމީހުންގެ ގެއާދިމާލު އަތިރިމަތީ ޖޯލިފައްޗަށް އޭނަ ދާނެ ސިނގިރެޓެއް ބޯލަން. އެގޮތުން މިރޭ ވެސް ރޯދަ ވީއްލުމަށްފަހު އަތިރިމަތީ ޖޯލިފައްޗަށް ދިޔައީ. ކުއްލިއަކަށް އޭނަ ހަޅޭލައްވައިގަތް އަޑަށް އެގޭ މީހުން އެތަނަށް ދިޔައީ. ދިޔައިރު މުޅި މީހާ ވަނީ ލެއިން ފޯވެފައި. އެއިރު ވާހަކަވެސް ނުދެކެވޭ.
    20:26ޢަބްދުއްރައްޒާޤު ޢަލީ، ތުލުސްދޫ ކައުންސިލްގެ ނައިބު ރައީސް

    ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައި ވަނީ ކ. ތުލުސްދޫ، ދުއްފަޅުގޭ މީހަކާ އިނދެގެން އުޅޭ ތ. ކިނބިދޫ މީހެއް ކަމަށްވާ އަލީ ޝިއާމް. އޭނާއަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ އޭނާގެ ގެއާދިމާލު އަތިރިމަތީ ޖޯލިފަތީގައި އޮއްވާ.
    20:13މުހައްމަދު ވަހީދު އިބްރާހީމް، ތުލުސްދޫ ދާއިރާގެ މެމްބަރު

    އުމުރުން 35 އަހަރުގެ އެމީހާ މަރާލި މައްސަލަ އެންމެ ހަރުކަށި އިބާރާތުން އަޅުގަނޑު ކުށްވެރިކުރަން. އެ އަމަލު ހިންގި މީހާ ހިފައި ހައްޔަރުކޮށް އެ މައްސަަލަ އަވަހަށް އަވަހަށް ތަހުގީގުކޮށް އެ އަމަލު ހިންގި މީހާއަށް ހައްގު އަދަބު ދިނުމަށް އަޅުގަނޑު ގޮވާލަން.
    ނިޔާވި މީހާގެ އާއިލާގެ ހިތާމާގައި އަޅުގަނޑު ބައިވެރިވަން. އަދި އެއާއިލާއަށް ތައުޒިޔާ ދަންނަވަން
    20:07އިބްރާހީމް މުއާޒު އަލީ، ރައީސް އޮފީހުގެ ތަރުޖަމާން

    މިފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކުރާނެ. ސަރުކާރުން ބޭނުންވަނީ މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްފަހު އެ އަމަލު ހިންގި ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް. ފުލުހުންގެ މުއައްސަސާއިން އެ މަސައްކަތް ކުރައްވަމުން އެބަގެންދަވާ.
    20:04އިބްރާހީމް މުއާޒު އަލީ، ރައީސް އޮފީހުގެ ތަރުޖަމާން

    ރަމަޟާން މަސް ނިމުމާއެކު ކޮންމެ ރެއަކު ކަހަލަގޮތަކަށް ތޫނުއެއްޗަކުން ހަމަލާދިނުން ފަދަ ހިތާމަވެރި ހާދިސާތައް ދަނީ ހިނގަމުން. މިފަދަ އަމަލުތައް އެއްވެސްގޮތަކަށް ހިނގުމަކީ ސަރުކާރުން ބޭނުންވާނެ ކަމެއް ނޫން.
    19:52ޕޮލިސް މީޑިއާ

    މަރާލާފައި ވަނީ 34 އަހަރުގެ ފިރިހެނެއް. އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ޓީމެއް ތުލުސްދޫއަށް ފުރައިފި.
    19:50ޕޮލިސް މީޑިއާ

    ހަމަލާދީފައިވަނީ އޭނާގެ ބަނޑަށް. އެމީހާ މަރުވީ ތުލުސްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް.
    19:48ޕޮލިސް މީޑިއާ

    އެމީހާ އަށް ތޫނުއެއްޗަކުން ހަމަލާދިން ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައި ވަނީ މިރޭ 7:00 ގައި.