ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމުގެ މައުލޫމާތު ހާމަކުރެއްވި ކަމުގެ ތުހުމަތުގައި ސިފައިންގެ ވަޒީފާ އިން ވަކި ކުރެއްވި ކާނަލް މުހައްމަދު ނާޒިމާއި ދިވެހި ސަރުކާރާ ދެމެދު ކޯޓުން ބޭރުގައިވީ އެއްބަސްވުމެއްގެ ދަށުން ކާނަލް މުހައްމަދު ނާޒިމް ސިފައިންގެ ޔުނީފޯމް މިއަދު ހޯދައިފި އެވެ.

ނާޒިމްގެ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އެއްބަސްވުމެއްގެ ދަށުން ނާޒިމަށް ވަޒީފާ އަނބުރާ މިއަދު ދީފައިވީ ނަމަވެސް އެ އެއްބަސްވުމުގެ ތަފްސީލު ހާމަ ނުކުރުމަށް ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. އެކަމަކު ވިދާޅުވީ ނާޒިމަށް އަނބުރާ ވަޒީފާ ދީފައި ވަނީ ދައުވާގައި މައިގަނޑު ގޮތެއްގައި އެދިފައިވާ ކަންތައްތަކާ އެކު ކަމަށެވެ. އަދި މެއި 25، 2009 ގައި ނާޒިމް އެމްއެންޑީއެފުން ވަކިކޮށްފައިވާތީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މިއަދުގެ ވަގުތެއްގައި އަނބުރާ ގެންދަވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.

"ދައުވާގައި އެދިފައިވާ މައިގަނޑު ކަންތައްތައް އެޗީވް [ކާމިޔާބު] ކުރެވިގެން، ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރެވިފައި މި ވަނީ. އެ ވަރަށް އަޅުގަނޑު ދަންނަވާނަން. އިތުރު ޑީޓެއިލްތަކެއް[ތަފްސީލްތައް] ހާމަ ނުކުރާނެ ކަމަށް އަޅުގަނޑުމެން ދެ ފަރާތުން އެއްބަސްވެފައި ވާނީ،" އާޒިމާ ވިދާޅުވި އެވެ.

ވަޒީފާ ހަމަޖެހިފައިވާތީ ނާޒިމްގެ ފަރާތުން މިއަދު ވަނީ ބަޔާނެއް ވެސް ނެރުއްވައިފަ އެވެ. އެ ބަޔާނުގައި ނާޒިމް ވިދާޅުވެފައި ވަނީ ކުރިން ވެސް އޭނާ ސިފައިންގެ ވަޒީފާ އަދާ ކުރަމުން ގެންދިޔައީ ވަރަށް އިހްލާސްތެރިކަމާ އެކު ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެގޮތުގެ މަތިން މަސައްކަތް ކުރައްވާނެ ކަމަށެވެ. ނާޒިމް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތައް ރައްކާތެރިކޮށް ގައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް ސިފައިންގެ އެންމެހާ އޮފިސަރުންނާއި އެހެން ބޭފުޅުން ކުރައްވާ މަސައްކަތްތަކަށް އިތުބާރު ކުރައްވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ ސިޔާދަތާއި ގާނޫނީ ވެރިކަން ނެގެހެއްޓުމުގައި ޝަރުއީ ދާއިރާއިންނާއި ދައުލަތުގެ މުއައްސަސާތަކުން ކުރައްވާ މަސައްކަތަށް އިހްތިރާމް ކުރައްވާ ކަމަށެވެ.

ކާނަލް ނާޒިމް ސިފައިންގެ ވަޒީފާ އަށް ވަދެވަޑައިގެންފައި ވަނީ މާޗް 11، 1987 ގަ އެވެ. މެއި 25، 2009 ގައި ނާޒިމް ވަޒީފާ އިން ވަކިކުރި އިރު ރައީސުލްޖުމްހޫރިއްޔާގެ މެޑަލާއި އިހްލާސްތެރި ހިދުމަތުގެ ކުލަ އާއި މެޑަލް އަދި ސިފައިންގެ މެޑަލް ލިބިފައިވެ އެވެ. މީގެ އިތުރުން އަހްލާގީ މެޑަލް ވެސް ނާޒިމަށް ލިބިވަޑައިގެންފައިވެ އެވެ.